ރައީސް މުހައްމަދު މުއިއްޒު ރ. މަޑުއްވަރީއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި އެ ރަށު ރައްޔިތުންނާ މުހާތަބުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ކެންސަރު ބަލީގެ ދުވަހު ރައީސްގެ އިލްތިމާސް: ދުންފަތާ ދުރުވޭ

ކެންސަރު ބަލިޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށްވާތީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި މި ނުބައި އާދައިން ދުރުވުމަށް އަޒުމް ކަނޑައަޅަން ރައީސް ގޮވާލެއްވި

ކެންސަރު ބަލީގެެ ދުވަހާ ގުޅުވައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ކެންސަރު ބަލީގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށެވެ.

ތަފްސީލް - އެހެންކަމުން، ރައީސް ވަނީ ކެންސަރު ބަލީގެ ދުވަހު، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުބައި އާދައިން ދުރުވުމަށް އަޒުމް ކަނޑައެޅުމަށް އެދިވަޑައިގެންފަ އެވެ.

"ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ކަމުގައިވާތީ، ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި މި ނުބައި އާދައިން ދުރުވުމަށް އަޒުމް ކަނޑައަޅަމާތޯ؟،" ރައީސްގެ ޕޯސްޓުގައި ވިދާޅުވި އެވެ.

ފަސްމަންޒަރު - ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލައި އެ ނުބައި އާދަޔާ ދުރުވުމަށް ރައީސް އިލްތިމާސް ކުރެއްވި އިރު، ސަރުކާރުން ދުންފަތުގެ ބާވަތްތަކުން ނަގަމުން އައި ޑިއުޓީ ވަނީ ބޮޑުކޮށްފަ އެވެ. އެއާ އެކު:

  • ކުރިން 100ރ.އަށް ގަންނަން ލިބޭ ސިނގިރޭޓު ފޮއްޓެއްގެ އަގު މިހާރު ހުރީ 230ރ.އަށް ވުރެ މަތީގައި 

  • ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވިއްކުން އަދި ބެހުން މަނާކޮށް، ބޮޑެތި ޖޫރިމަނާތައް ކުރަން ވަނީ ފަށާފައި

ފާހަގަ ކުރެވޭ - މި ފަހުން ރައީސް ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު އުނގޫފާރު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ ދުންފަތުގެ އަގު ބޮޑުކުރި ސަބަބު ވެސް ސާފުކޮށްދެއްވައިފަ އެވެ.

ރައީސް ވިދާޅުވީ ދުންފަތުގެ އަގު ބޮޑުކުރީ ބަލި ޖެހުމުގެ ކުރިން، ބަލި ޖެހުމަށް މެދުވެރިވާ ކަންކަމުން ސަލާމަތް ކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކަމަށް ކަމަށާއި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދިވެހިން ސަލާމަތް ކުރުމަށް އިތުރު ފިޔަވަޅުތައް ވެސް އަޅަން ޖެހިއްޖެ ނަމަ އަޅުއްވާނެ ކަމަށެވެ.

"އެންމެ ބޮޑެތި މައްސަލަތައް މި ދިމާވަނީ ދުންފަތުގެ އިސްތިއުމާލު ކޮށްގެން. އެހެންވީމާ އެ ބިހޭވިއާ އިން ދުރަށް ދިއުމަށް ބާރުއެޅުމުގެ ގޮތުން އަޅުގަނޑު އެ ބާވަތްތަކުން އަގު މައްޗަށް ޖެއްސީ. އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކީގައި ފަހަރަކު މެޝާއެއް ރައްޔިތުންގެ އެއްބާރުލުމާ އެކީގައި [އަޅައި] ކުރިއަށް ގޮސް، އިތުރު ފިޔަވަޅުތައް ވެސް އެޅޭ ހިސާބަށް ގޮސްފިއްޔާ އަޅައި ރައްޔިތުން މިކަމުން ވެސް ސަލާމަތްވެ ސިއްހީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ގައުމުގައި ގާއިމްވެގެން ދާން،" އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް