މާފުށީ ޖަލު (ފޮޓޯ/އިވާން)

ޕީޖީ އޮފީސް

'ވާނުވާ' ޝަރީއަތްތައް އަވަސް ކުރަން އިތުރު މަޝްވަރާތަކަކަށް ދަނީ

ކަމާބެހޭ ފަރާތްތަކުން އިއްތިފާގުވާ ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަކީ މައްސަލައެއް ނޫން. އަދި އަސްލު މައްސަލައަކީ ޝަރީއަތުން ގޮތެއް ކަނޑަނޭޅި އެފަދަ މައްސަލަތައް ދިގުލައިގެން ދިއުން ކަމަށް ވާތީ ކޯޓު އަޑުއެހުންތައް އަވަސްކުރެވޭނެ ގޮތްތަކެއް ހޯދަން މަޝްވަރާކުރަން ވަނީ ރާވާފައި
3 ފެބްރުއަރީ 2025
1

ޝަރީއަތް ނިމެންދެން ބަންދުކުރާ ބަންދުކުރުން ހުއްޓާނުލައި، ޝަރީއަތް އަވަސް ކުރެވޭނެ ގޮތްތަކެއް ހޯދަން އިތުރު މަޝްވަރާއަށް ދިއުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާ މީހުންގެ ޝަރީއަތްތައް ލަސްވެގެން ގޮސް 'ވާނުވާ' ބަންދެއްގައި ތިބެން ޖެހޭ މައްސަލައަށް ހައްލެއް ހޯދުމަށް ކަމާ ބެހޭ މުއައްސަސާތަކާ އެކީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އިސްވެ މިދިޔަ ހޮނިހިރު ދުވަހު 'ބަންދު ފޯރަމް'ގެ ނަމުގައި ފޯރަމެއް ވަނީ ބާއްވާފަ އެވެ.

އެ ފޯރަމް ކުރިއަށްގެންދިޔައީ ޕީޖީ އޮފީހުގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހާއި ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި ކަރެކްޝަންސް އަދި ގާނޫނީ ވަކީލުންގެ ބައިވެރިވުމާ އެކީގަ އެވެ.

ޕީޖީ އޮފީހުން މިއަދު ކުރިއަށް ގެންދިޔަ ބަންދު ފޯރަމްގެ ތެރެއިން - (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ތަފްސީލު - ބަންދު ފޯރަމްގެ ފުރަތަމަ ބަޔަށް ފަހު ޕީޖީ އޮފީހުން މިއަދު ބުނީ، ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށް އެ ފޯރަމްގައި ބައިވެރިވި އިދާރާތަކުން އިއްތިފާގުވާ ކަމަށެވެ. އޭގެ ބަދަލުގައި މައްސަލައަކީ، ޕީޖީ އޮފީހުން ބުނި ގޮތުގައި ބަންދުކުރާ މީހުންގެ މައްސަލަތަކުގައި ޝަރީއަތުން ގޮތެއް ކަނޑަނޭޅި ދިގުލައިގެން ދިއުމެވެ.

ކޯޓުތަކުގައި ޖިނާއީ މައްސަލަތައް ކުރިއަށްގެންދިއުން އަވަސްކުރުމަށް ކޯޓުތަކަށް ފަހިކޮށްދީ އެހީތެރިވާން އިދާރާތަކަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން 'ބަންދު ފޯރަމް'ގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެ އެވެ.

އެގޮތުން މަޝްވަރާކުރި ކަންކަމުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ:

  • ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުގައި ގާއިމުކޮށްފައިވާ ވީޑިއޯ ކޮންފަރެންސިން ސިސްޓަމްތައް އިތުރުކުރުން

  • ކޯޓުތަކުގެ އަޑުއެހުންތައް އޮންލައިން ޝެޑިއުލިން ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދިއުމަށް ހުރި ފުރުސަތައް

'ބަންދު ފޯރަމް'ގެ ފުރަތަމަ ބައި ޖުޑީޝަރީ ފިޔަވައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އެހެން އިދާރާތަކާ އެކީގައި ބޭއްވި އިރު، ދެން ދެން އޮންނާނީ ޖުޑީޝަރީއާ އެކު ކުރިއަށްގެންދާ ބަ އެވެ.

ޕީޖީ އޮފީހުން ނިންމާފައިވަނީ ފޯރަމްގެ ފުރަތަމަ ބައިގެ ހޯދުންތަކާއި ހުށަހެޅުންތައް ޖުޑިޝަރީއާ ވެސް މަޝްވަރާ ކުރުމަށެވެ.

"އެގޮތުން މި ފޯރަމުގައި ހޯދުނު ހޯދުންތަކާއި، ހައްލުތައް ޖުޑީޝަރީއަށް ހުށަހަޅައި މަޝްވަރާކުރުމަށް ފަހު، ޖުޑީޝަރީގެ ބައިވެރިވުމާ އެކު އެކަންކަން ތަންފީޒު ކުރުމަށް ސަރުކާރަށާއި ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނަމެވެ. އަދި އެކަންކަން ތަންފީޒު ކުރެވެމުންދާ މިންވަރާ މެދު މި އޮފީހުން ފާރަވެރިވަމުން ގެންދާނަމެވެ،" ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ގުޅުންހުރި ކަމެއް - ޝަރީއަތް ނިމެންދެން ބަންދުގައި މީހުން ބޭތިއްބުމަކީ މައްސަލައެއް ނޫން ކަމަށް ކަމާބެހޭ ފަރާތްތަކުން އިއްތިފާގުވާއިރު، ބަންދު ފޯރަމްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ އެކަން ދިފާއު ކުރައްވާފަ އެވެ.

އިހުސާން ވިދާޅުވާ ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ބަޔަކު ދޫކޮށްލަން ވާހަކަ ދެކެވޭ އިރު، ރާއްޖޭގެ ކުށުގެ ވެށި އޮތީ 3000އެއްހާ މީހުން މަދުވެގެން ބަންދުކޮށްފައި ބަހައްޓަން ޖެހޭ ފަދަ ހާލަތެއްގަ އެވެ.

ކޮމެންޓް (1)

ސިކުނޑި

4 ފެބްރުއަރީ 2025
ކޮންމެ ދައުރެއްގައިވެސް ފުރަތަމަ އަހަރު، ތަހުގީގީ އިދާރާތަކާއި ޕީޖީ އަދި ކޯޓުތަކާއި މިތޮޅުން ތޮޅެޔޭ! ކޮންމެ ފަހަރަކުވެސް އެއްޗެކޭ ކިޔައިގެން ނިންމާލަނީ! ހަގީގީ މައްސަލައަކީ، މުޅި ޖިނާޢީ އަދުލުގެ ނިޒާމުގައި ކޮރަޕްޝަން އަށަގެންފައިވުންކަން އެންމެނަށްވެސް އިނގެޔޭ! މިނިޒާމުގައި ބީލަމުގައި ވިއްކާލާތަކެތީގެ ތެރޭގައި؛ ތަހުގީގު، ހެއްކާއި ގަރީނާ، އުންސުރު، ކޯޓު ތާވަލު، ގާޒީން، ހުކުމް ހިމެނެޔޭ! ދެން ކިހިނަކުންތޯ އަދުލު އިންސާފު ގާއިމުކުރާނީ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް