ހޯމް މިނިސްޓަރު އަލީ އިހުސާން -- (ދައުރު ފޮޓޯ/ އަޒްމީ އަހްމަދު)
ކުށުގެ ވެށި އޮތީ 3،000އެއްހާ މީހުން ގައިދުކުރަން ޖެހޭ ހާލަތެއްގައި: ހޯމް މިނިސްޓަަރު
ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ބަޔަކު ދޫކޮށްލަން ވެސް ވާހަކަ ދެކެވޭ އިރުގައި، ރާއްޖޭގެ ކުށުގެ ވެށީގެ ހަގީގަތަކީ 3000އެއްހާ މީހުން މަދުވެގެން ބަންދުކޮށްފައި ބަހައްޓަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިިހިނެއް؟ - ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާ މީހުންގެ ޝަރީއަތްތައް ލަސްވެގެން ގޮސް 'ވާނުވާ' ބަންދެއްގައި ތިބެން ޖެހޭ މައްސަލައަށް ހައްލެއް ހޯދުމަށް ކަމާ ބެހޭ މުއައްސަސާތަކާ އެކީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އިސްވެ މިއަދު ހޮޓެލް ޖެންގައި 'ބަންދު ފޯރަމް'ގެ ނަމުގައި ވަނީ ފޯރަމެއް ކުރިއަށް ގެންގޮސްފަ އެވެ.
ފޯރަމް ފެށުމުގެ ގޮތުން، މުއައްސަސާތަކުގެ ވެރިން ހިމެނޭ ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދިޔަ އެވެ.
ބުނީ ކީކޭ؟ - ޕެނަލްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ފުރަތަމަ ވެސް ފާހަގަ ކުރެއްވި ކަމަކީ މުޖުތަމައަށް ނުރައްކާތެރި، ހެއްކަށް ނުފޫޒު ފޯރުވުމާއި ޝަރީއަތަށް ފިލުމުގެ ފުރުސަތު އޮތް މީހުން ޝަރީއަތް ހިނގަމުން ދާއިރު ވެސް ބަންދު ކުރުމަކީ ދުނިޔެވީ އުސޫލެއް ކަމެވެ.
ރާއްޖޭގައި ދިމާވެގެން އުޅޭ މައްސަލައަކީ ޝަރީއަތް ދިގުލައިގެން ދިއުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ދިގުލައިގެން ޝަރީއަތް ނުދިޔަ ނަމަވެސް ކުށުގެ ވެށީގެ މި ވަގުތުގެ ހަގީގަތަކީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބެން ޖެހޭ "ނުރައްކާތެރި" މީހުން، ކުށް ތަކުރާރުކުރާ މީހުން، އަދި ކުށް ސާބިތުވާނެ މީހުންގެ އާބާދީ ވެސް ބޮޑު ކަމަށް ވިދާޅުވި އެވެ.
އިހުސާން އެ ގޮތަށް ގަބޫލުކުރައްވާ ސަބަބު، އަދަދުތަކުން ވެސް ސާފުކޮށްދެއްވި އެވެ. އެ ގޮތުން، ޝަރީއަތް ނިމެންދެން ބަންދުގައި މިހާރު ތިބި435 މީހުންގެ ތެރެއިން ކުޑަކުދިންގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި 96 މީހުން ފިޔަވައި ދެން ތިބި މީހުންގެ މައްސަލަތައް ފުލުހުން މެދުވެރިކޮށް ވަކިވަކިން ދިރާސާކުރި ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ޝަރީއަތް ނިމުނަސް އެއިން ކުށް ސާބިތުނުވެގެން ދޫވާނީ 50އެއްހާ މީހުންނެވެ.
"ކޮންމެ މީހެއްގެ މައްސަލަ ފުލުހުންގެ ވަކި ޓީމެއް ނަގައިގެން ބެލިން ދޫކޮށްލަން ޖެހޭ ވަރުގެ މީހެއް އެބަ ހުރިތޯ ބަލަން. ބަލާއިރުގައި މީގައި ގިނައީ، %95އަށް ވުރެ ގިނަ މީހުން، އެއީ ކުށް ތަކުރާރުކޮށް ކުރާ މީހުން، ތަފާތު އެކި ކުށްތައް ހިންގުމުގައި އުޅޭ މީހުން. ތަފާތު ކުށްތަކުގައި ހުކުމް ވެސް ކޮށްފައި، ތަފާތު ކުށްތަކުގައި ޝަރީއަތް ހިނގާ މީހުން،" އިހުސާން ވިދާޅުވި އެވެ.
'ވާނުވާ' ބަންދުގެ މައްސަލައަށް ހައްލެއް ހޯދަން ބަލާއިރުގައި ޝަރީއަތް ނިމެންދެން ބަންދުކުރުން ހުއްޓާލުމަކީ ހައްލެއް ނޫން ކަމަށް ވެސް އިހުސާސް ތަކުރާރުކޮށް ވިދާޅުވި އެވެ. ކުށުގެ ވެށީގެ ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެންމެން ވެސް ދެކެން ބޭނުންވާނީ ޖަލުތައް ހުސްވެ، މިއީ އިހަކަށް ދުވަހު އަޅުގަނޑުމެން ކުށްވެރިން ބަލަން ގެންގުޅުނު ތަނެކޭ ބުނާ ވަރަށް ހާލަތު ދިއުން. އެކަމަކު މުޅި ވެށި އެ ހާލަތަށް ބަދަލުވަންދެން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިއީ، މި ވަގުތު ހާލަތަކީ ގާތްގަނޑަކަށް 3،000އެއްހާ މީހުން ޖަލުގައި ގައިދުކުރަން ޖެހެއޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން މަރުކަޒީ އެއް ޖަލު ގާއިމުކޮށް އެ ތަނުގައި ގައިދީން ގެންގުޅުމުގެ ވިސްނުމަކަށް އައީ ވެސް މިހެންވެގެން ކަމަށް އިހުސާންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.
"ރާއްޖޭގެ ޖަލުތަކަކީ އެއްވެސް އިރެއްގައި ޑިޒައިން ކުރެވިގެން، ކަރެކްޝަނަލް ސާވިސަސްއެއް ދެވޭ ފެންވަރަށް ހަދާފައި ހުރި ޖަލުތަކެއް ވެސް ނޫން. އަދި ވަކިވަކިން ކުދި ޖާގައިގެ ޖަލުތަކެއް ހިންގަންވީމައި ހަރަދުވެސް އެބަ ބޮޑުވޭ. އެހެންވެ މުޅި މައްސަލައިގެ ހައްލަކަށް، އަޅުގަނޑުމެން ދިރާސާކޮށްފައި ނިންމީ ސެންޓްރަލް ބޮޑު އެއް ޖަލޭ އަޅާނީ،" އިހުސާން ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތާ އެއް ގޮތަށް ޖަލު އަޅާނީ ކުށްވެރިންގެ އާބާދީއަކީ މިނިސްޓަރު ފާހަގަ ކުރެއްވި ފަދަ ބޮޑު އާބާދީއެއް ކަމަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.