ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސިން ގަވައިދަށް ފެއްތުމަށް 'ކުރަނގި' ގެ ނަމުގައި ފެށި އޮޕަރޭޝަންގެ ތެރެއިން ބިދޭސިންގެ ޑޭޓާ އެއްކުރުމުގެ މަސައްކަތް ކުރަނީ (ދައުރު ފޮޓޯ/ އަޒްމީ އަހުމަދު)

ބިދޭސީން

މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގަން މުއްދަތެއް ދީފި

މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅުގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީންގެ ފޮޓޯ އާއި ފިންގާޕްރިންޓު އަޕްޑޭޓުކުރުމުގެ މަސައްކަތް އަންނަ މަހުގެ 15ގެ ކުރިން ނިންމަން ޖެހޭ

މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އަޕްޑޭޓު ކުރުމަށް ހޯމްލޭންޑު މިނިސްޓްރީން އަންގައިފި އެވެ.

ވީ ކިހިނެއް؟ - އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅުގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީންގެ ފޮޓޯ އާއި ފިންގާޕްރިންޓު އަޕްޑޭޓު ކުރުމުގެ މަސައްކަތް އަންނަ މަހުގެ 15ގެ ކުރިން ނިންމަން ޖެހޭނެ ކަމަށެވެ.

ތަފްސީލް - އެ މިނިސްޓްރީގެ ފޮރިން ލޭބާ ޑިމާޓުމެންޓާ ގުޅިގެން ވަޒީފާ ދޭ ފަރާތްތަކުން ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އަޕްޑޭޓުނުކުރާ ނަމަ، އެކްސްޕެޓް ސިސްޓަމުން ވަޒީފާ ދޭ ފަރާތް ސަސްޕެންޑުކޮށް، ހިދުމަތް މެދުކަނޑާލާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

މާލެ ސަރަހައްދުގައި ބިދޭސީންގެ ބަޔޮމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރާނީ އެންސީއައިޓީގައި އެކަމަށް ހާއްސަކޮށްގެން ގާއިމްކޮށްފައިވާ އޮޕަރޭޝަން ސެންޓަރުންނެވެ.

މިއީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން މިދިޔަ އޭޕްރީލް މަހު ފެށި އޮޕަރޭޝަން 'ކުރަނގި'ގެ ދަށުން ގާއިމްކޮށްފައިވާ ޖޮއިންޓު އޮޕަރޭޝަން ސެންޓަރެކެވެ.

އެ ތަނުން ހިދުމަތް ދޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެދުނު 9 އިން ރޭގަނޑު 10 އަށެވެ.

އެނގުން މުހިއްމު - ބިދޭސީންގެ މައްސަލަ ހައްލު ކުރަން މިދިޔަ އޭޕްރީލް މަހު ފެށި އޮޕަރޭޝަން 'ކުރަނގި'ގެ ދަށުން 18،000އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް މައުލޫމާތު އެއްކޮށްފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން:

  • ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގާނެ

  • އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގެ ގާނޫނާއި ގަވައިދުގެ ދަށުންތޯ ޔަގީންކުރާނެ

  • މި އޮޕަރޭޝަނަށް ބޭނުންވާ މައުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯމެޓްރިކް ނެގުމުގެ އިންތިޒާމު ގާއިމްކޮށްގެން

  • އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެ

އެނގުން މުހިއްމު - ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ބިދޭސީންގެ އައިޑެންޓިޓީ ދެނެގަނެ، އެ މީހުންގެ މައުލޫމާތު އެއްކުރުމަށް އޮޕަރޭޝަން 'ކުރަނގި' ކުރިއަށް ގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން:

  • ފުރަތަމަ އަހަރު ނިމޭއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބީ ކޮން ގައުމުތަކަކަށް ނިސްބަތްވާ، ކިތައް ބިދޭސީންތޯ އަދި އެ މީހުން މިހާރު މަސައްކަތް ކުރަނީ ކާކު ސްޕޮންސާ ދީގެންތޯ ނުވަތަ މަސައްކަތް ކުރަނީ ކޮން ތަނަކުންތޯ ދެނެގަނެވޭނެ

  • ދެން އަންނަ ދެ އަހަރު ތެރޭގައި ރަސްމީ ލިޔެކިޔުން ނެތް މީހުންނަކީ ކާކުކަން ދެނެގަނެ، ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި ފޮޓޯ އައިޑީ ހަދާނެ

  • ސަރުކާރުގެ ނިޒާމުގެ ތެރޭގައި އޭނާގެ އެއްވެސް މައުލޫމާތެއް ނެތް ނަމަ، އޭނާ ބުނާ ބަހަށް، އޭނާގެ ގައުމުގެ އެމްބަސީއާ ގުޅިގެން އަސްލު ލިޔެކިޔުންތައް ހޯދައި އޭނާއަކީ ކާކުކަން ދެނެގަނެ، ރާއްޖޭން އެ މީހަކު ފޮނުވާލާނެ

ކޮމެންޓް (1)

ސިކުނޑި

2 ފެބްރުއަރީ 2025
އޮޕަރޭޝަން ފޭސްއައުޓް ކޮށްފައިވާގޮތް ކަމަކުނުދޭ! ސިފައިންގެ މީހުން ފޯލިން ކުރާހެން އިރުއިރުކޮޅާ ބިދޭސީން އެކެއްނުކުރެވޭނެ ނުކުރެވޭނެ! ބިދޭސީ މީހާ އަތުޖެހޭ ވަގުތު ތި ހުރިހާ ކަމެއްވެއްސް ނިންމަންވާނެ! އެހެން ނޫނީ ދުވަހަކުވެސް ތިކަމެއްނުވާނެ! ވޭތުވެދިޔަ ސަރުކާރުތަކުން ބިދޭސިންގެ މައްސަލަ ހައްލު ކުރަނީއޭކިޔައިގެން ތިކަހަލަ ޗަރުކޭސްދެއްކި ހައްތަހާވީ ގޯސް! ކުރަނގި އޮޕަރޭޝަންވެސް މިހާރު މިދާގޮތުން ބެލެވެނީ ގުނބޯހަދަން ހިންގާ ސައިކޮލޮޖިކަލް އޮޕަރޭޝަނައެއްކަމަށް!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް