ރައީސް މުއިއްޒު ހއ. މުރައިދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

މަޝްރޫއުތައް ކުރިއަށް ގެންދަން ހުރި ދަތިތައް ހައްލުކުރެވިއްޖެ: ރައީސް

ރައްޔިތުން ކައިރިއަށް ވަޑައިގެން ދައްކަވާ ވާހަކަތަކަކީ ކުއްލި ކުއްލި އަށް ދައްކަވާ ވާހަކަތަކެއް ނޫން ކަމަށާއި އެއީ ޕްލޭނުކޮށް ކަންތައް ކުރާނެ ގޮތް ކަނޑައަޅައިގެން ދައްކަވާ ވާހަކައެއް ކަމަށް ރައީސް ވިދާޅުވި

މަޝްރޫއުތައް ކުރިއަށް ގެންދަން ހުރި ދަތިތަކުން ނެއްޓި ކުރިއަށްދެވޭނެ ގޮތްތައް ހަމަޖައްސާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހއ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު މުރައިދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބަޖެޓުގެ ތެރެއިން މަޝްރޫއުތައް ހިނގާތަން ދެން ފެންނާނެ ކަމަށެވެ.

ތަފްސީލް - ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވި ބާރުމިނުގައި މިދިޔަ އަހަރު މަޝްރޫއުތައް ކުރިއަށް ނުގެންދެވުނު ކަމަށެވެ.

"އަޅުގަނޑުމެންނަށް އިގްތިސޯދީ ކަންތައް ރަނގަޅު ކުރުމުގައި ވަރަށް ގިނަ ކަންކަމަށް އިސްކަންދޭން ޖެހުމާއި ބަޖެޓު މިދިޔަ އަހަރަށް ލިބިގެން ދިޔައީ މިރަށް ފަދަ ރަށްރަށުގައި ކަންކަން ކުރެވޭ ފަދަ ގޮތަކަށް [ނޫން]. އެއްވެސް ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ގެންދިޔުމުގައި މަގުފަހިވާ ގޮތަށް ނޫން،" ރައީސް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގައި އެ ހާލަތު ރައްޔިތުން ބަދަލުކޮށްފައިވާ ކަމަށާއި ރައްޔިތުން އެދޭ ކަންކަމުގައި ކުރިއަށް ދެވޭ ގޮތަށް މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައްޔިތުން ކައިރިއަށް ވަޑައިގެން ދައްކަވާ ވާހަކަތަކަކީ ކުއްލި ކުއްލިއަށް ދައްކަވާ ވާހަކަތަކެއް ނޫން ކަމަށާއި އެއީ ޕްލޭނުކޮށް، ކަންތައް ކުރާނެ ގޮތް ކަނޑައަޅައިގެން ދައްކަވާ ވާހަކައެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ:

  • 2023ގެ އިންތިހާބާ ހަމައަށް އައިއިރު ބައެއް ރަށްރަށުގައި ފަށާފައި ހުރި މަޝްރޫއުތައް ހުއްޓިފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވޭ

  • އެކަންކަން ނުވެ ހުރީ ފައިސާ ނުދެއްކުމާއި އަދި ވެސް ގިނަ ސަަބަބުތަކަކާ ހުރެ

"މިހާރު އެ ކަންކަމުގައި އެ ހުރި ދަތިތަކުން ނެއްޓި ކުރިއަށް ދެވޭނެ މަގުތައް އަޅުގަނޑުމެން މިވަނީ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތަކާ އެކީގައި ތިބެގެން މަޝްވަރާކޮށް ހަމަޖައްސާފައި،" ރައީސް ވިދާޅުވި އެވެ.

"ދެންް ފެނިގެންދާނީ އިރާދަކުރެއްވީތީ އަޅުގަނޑުމެން މި ފާސްކުރި ބަޖެޓުގައި މި ހުރި ފުރުސަތުތަކުގެ ތެރެއިން މި ދެންނެވި މަސައްކަތްތައް ހިނގައި ގަންނަތަން. މި ދެންނެވިހެން ހުއްޓިފައި ހުރި ނުހިނގައި ހުރި މަޝްރޫއުތަކާއި އިންތިހާބުގެ ތެރޭގައި އަޅުގަނޑު އަލަށް ފަށާނެ ކަމަށްވައުދުވި ކަންކަން ހިނގައިގަންނަ ތަން."

އެ މަޝްރޫއުތައް މި އަހަރާއި އަންނަ އަހަރު ކުރިއަށް ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މުރައިދުއަށް ބޭނުންވާ ރަރައްގީގެ މަޝްރޫއުތައް، އެންމެ މުހިއްމު ކަންތަކަށް އިސްކަންދެއްވައިގެން ފުރިހަމަަ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ކޮމެންޓް (2)

ސިކުނޑި

28 ޖެނުއަރީ 2025
މިއަހަރު ސަރުކާރުން ފާސްކޮށްފައިއޮތީ ބަޖެޓެއްތޯ ނޫނީ އަދަދެއްތޯ؟ އެއަކު އެގަހުކޭލެއް މިގަހުކޭލެއް އިނގޭތޯ؟ ރައީސެއް ވާހަކަ ދައްކަވާއިރު މާޒީއަށް ކޮންމެވެސް ވަރަކަށް ބައްލަވަންވާނެ!
1 0

ނަސީރު

28 ޖެނުއަރީ 2025
2025 ގެ ބަޖެޓުގައި ނެތް މަޝްރޫޢުތައް ހއ.މުރައިދޫ މަލްޓިޕާޕަސް ހޯލެއް ގާއިމުކުރުން ހއ. މުރައިދޫ ކައުންސިލްގެ އޮފީސް އިމާރާތްކުރުން ހއ.މުރައިދޫ ލެބޯޓަރީ ތަރައްގީކުރުން ހއ.މުރައިދޫ މެޖިސްޓްރޭޓް ކޯޓު ތަރައްގީކުރުން ހއ.މުރައިދޫ މިސްކިތް އިމާރާތްކުރުން ބަޖެޓުގައި އޮތީ ހަމައެކަނި ހއ.މުރައިދޫ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫޢު. އެއީވެސް 12 މިލިއަން ރުފިޔާ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް