އިންތިގާލީ އިންސާފުގެ އޮފިސް، ނުވަތަ އޮމްބަޑްސްޕާސަންގެ އޮފީސް ކުރިން ހިންގި އިމާރާތުގެ ބޭރުގައި އެ އޮފީހުގެ ނަން ބޯޑް ޖަހާފައި (ދައުރު ފޮޓޯ)

އިންސާފުގެ ނަމުގައި އިންތިގާލީ އޮފީހަށް 40 މިލިއަން ރުފިޔާގެ ބޭކާރު ހަރަދެއް

އިންތިގާލީ އިންސާފުގެ އޮފީހަށް 500އެއްހާ މައްސަލަ ހުށަހެޅި ނަމަވެސް އެ އޮފީސް ބަންދުކުރި އިރު ހުށަހެޅި އެއްވެސް މައްސަލައަކަށް އިންސާފު ހޯދައި ނުދެވި ފައިސާތަކެއް ވީ ބޭކާރު
26 ޖެނުއަރީ 2025

ދައުލަތުން އެކި ފަރާތްތަކާ މެދު ހިންގާފައި ހުރި ބޭއިންސާފު ކަންކަން ބަލައި އިންސާފު ހޯދައިދިނުމަށް 2020 ވަނަ އަހަރު ހާއްސަ ގާނޫނެއްގެ ދަށުން އިންތިގާލީ އިންސާފުގެ އޮފީހުގެ ނަމުގައި އޮފީހެއް ވުޖޫދު ކުރި އެވެ. ދެ އަހަރު ދުވަހުގެ މުއްދަތަށް ގާއިމްކުރި އެ އޮފީހަށް 488އަށް މައްސަލަ ހުށަހެޅިއަސް 17 ނޮވެމްބަރު 2023ގައި އެ އޮފީހުގެ މުއްދަތު ހަމަވެ ބަންދުކުރިއިރު އިންތިގާލީ އިންސާފުގެ ގާނޫނުން ހާސިލްކުރަން ބޭނުންވި މަގުސަދު ހާސިލެއް ނުވި އެވެ. 

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ ހަފްތާ އާންމުކުރި އެ އޮފީހުގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓަށް ބެލުމުން އެ އޮފީސް ހިންގުމަށް ދެ އަހަރެއްހާ ދުވަސް ތެރޭ ބޮޑު އަދަދެއް ބަޖެޓުން ވަނީ ހަރަދުކޮށްފަ އެވެ. އެކަމަކު ނެރެވުނު ނަތީޖާ ސުމެކެވެ. އެ އޮފީހަށް އިންސާފު ހޯދައިދެވުނު މައްސަލައެއް ނެތެވެ. އޮޑިޓް ރިޕޯޓްގައި ހުރި ތަފާސްހިސާބުތަކަށް ބަލާއިރު: 

  • 2020ގައި 11.8 މިލިއަން ރުފިޔާ ހޭދަކުރި 

  • 2022ގައި 14.2 މިލިއަން ރުފިޔާ ހޭދަކުރި 

  • 2023ގައި 13.4 މިލިއަން ރުފިޔާ ހޭދަކުރި 

އެ އަދަދުތަކަށް ބަލާއިރު އެއީ ޖުމްލަ 40 މިލިއަން ރުފިޔާ އެވެ. އަހަރަކަށް 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެކެވެ. 

ގާނޫނުގައި ކަނޑައެޅި އެ އޮފީހުގެ މުއްދަތު ފަސް އަހަރަށް ދަންމާލައިގެން އެ ވަރުގެ ބޮޑު ހަރަދެއް ކުރި ނަމަވެސް، އެ އޮފީސް ބަންދުކުރި އިރު އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެ އޮފީހަށް ނިންމުނީ ހުށަހެޅި ޖުމްލަ މައްސަލައިގެ ތެރެއިން ދެ ބައިކުޅަ އެއް ބައި މައްސަލަ އެވެ. އެކަމަކު އޭގެ އެއްވެސް މައްސަލައެއްގައި އެއްވެސް މީހަކަށް ބަދަލު ދެވޭ ވަރަށް އެ އޮފީހަށް މަސައްކަތެއް ނުކޮށްދެވުނެވެ. 

އޮޑިޓް ރިޕޯޓްތަކުގައި އެ އޮފީހުން މާލީ ހަރަދުތައް ކުރުމުގައި މައްސަލަތަކެއް ހުރި ކަމަށް ފާހަގަކޮށްފައެއް ނުވެ އެވެ. ހަރަދުތައްކޮށް، ހިސާބުތައް ތައްޔާރުކޮށް އަދި މާލީ ކަންކަން ކޮށްފައި ހުރީ ބަރާބަރަށް ކަމަށް އޮޑިޓްތަކުގައި ފާހަގަކޮށްފައިވެ އެވެ. އެކަމަކު މައްސަލައަކީ 40 މިލިއަން ރުފިޔާގެ ބޮޑު ހަރަދެއްކޮށްގެން ނަތީޖާއެއް ނުނެރެވުމެވެ.

އިންތިގާލީ އޮފީހަށް، ފެބުރުއަރީ 7ގައި ވެރިކަން ބަދަލުވުން ފަދަ ބޮޑެތި މައްސަލަތަކެއް ހުށަހެޅުއްވި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވީ އިންތިގާލީ އިންސާފުގެ އޮފީހުގެ މަސައްކަތްތައް ފެއިލްވީ އޭރުގެ ސަރުކާރުގައި ތިއްބެވި އިސް ބާރުގަދަ ފަރާތްތަކަކުން އެ މަސައްކަތްތައް ކުރަން ބޭނުން ނުވުމުން ކަމަށެވެ. އަދި އެ އޮފީހުން މައްސަލަތައް ބެލިޔަ ނުދީ، "ހިފެހެއްޓީ" ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.  

"ދައުލަތުގެ މުއައްސަސާއެއް ކަމަށް އޭރުގެ ވެރިކަމުގައި ތިއްބެވި ބައެއް ބޭފުޅުން ގަބޫލު ވެސް ނުކުރެއްވި. އޭރު އަޅުގަނޑު ދޭތެރެ ދޭތެރެއިން އެ އޮފީހަށް ގޮސް ބަލަން ވާނުވާ މައްސަލަތަކުގެ. އަބްދުﷲ ޝާހިދާއި އިމްރާނާ މި ބޭފުޅުން ތަހުގީގަށް ކީމާ ވަޑައި ވެސް ނުގަތް. ދެން އެބޭފުޅުން ހާޒިރުނުވީމާ ދެން ކިހިނެއް ކަންކަން ކުރިއަށް ދާނީ،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ. 

މި ސަރުކާރާ ހަވާލުވުމަށް ފަހު ބަންޑާރަ ނައިބުގެ އޮފީހުން އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އިންތިގާލީ އިންސާފުގެ އޮފީސް ބަންދުކުރި ދުވަހު 30 މައްސަލައެއްގައި ބަދަލު ދޭން ނިންމައި އޭޖީއަށް ވަރަށް އަވަސްކޮށް މައްސަލަތަކެއް ފޮނުވި އެވެ. އެކަމަކު އޭގެ ތަފްސީލެއް ނެތުމުން އެކަމުގައި އަމަލުކުރާނޭ ގޮތް މި ސަރުކާރަށް ވެސް އޮތީ ނޭނގިފަ އެވެ. 

އޭގެ ފަހުން އެ މައްސަލަތަކަށް ވީ ގޮތުގެ މައުލޫމާތެއް ނެތެވެ. ހަރަދުވީ ގިނަ އަދަދެއްގެ ފައިސާ އެވެ. ނަތީޖާއެއް ނުނެރެވުނެވެ.

އެކަމަކު، އިބްރާހިމް ރަޝީދު ގަބޫލުކުރައްވާ ގޮތުގައި އެ އޮފީހުން ބެލި ގިނަ މައްސަލަތަކުގައި އިންސާފު ލިބެން ޖެހެ އެވެ. އަދި އެކަންކަމަކީ ދޫކޮށްލެވޭނެ ކަންތައްތައް ނޫން ކަމަށާއި ކޮންމެވެސް ދުވަހަކުން އިންސާފު ލިބެން ޖެހޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"މި ސަރުކާރުން ވެސް އެ ލިޔެކިޔުންތައް އަލުން ބަލުން ހޯދައިގެން ވިޔަސް ކުުރަން ޖެހޭ ކަމެއް އެއީ. މިކަންކަން އެހެން ދޫކޮށްނުލެވޭނެ،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް