ރައީސް މުހައްމަދު ނަޝީދު: ރާއްޖެ ވަޑައިގެން ހާލަތު ބެއްލެވުމަށް ޓްރަމްޕަށް ދައުވަތު ދެއްވައިފި - (ފޮޓޯ/އަބްދުﷲ އިޔާން)

މޫސުމީ ބަދަލުގެ ހާލަތު ބެއްލެވުމަށް ރާއްޖެ ވަޑައިގަންނަވަން ޓްރަމްޕަށް ނަޝީދު ދައުވަތު ދެއްވައިފި

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ނެރުއްވި ބަޔާނުގައި އެމެރިކާއިން ޕެރިހުގެ ކްލައިމެޓް އެއްބަސްވުމުން ވަކިވެފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައިވޭ
22 ޖެނުއަރީ 2025

ޕެރިހުގެ ކްލައިމެޓް އެއްބަސްވުމުން އެމެރިކާ ވަކިވާން ނިންމުމުން، އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕް ރާއްޖެ ވަޑައިގެން މޫސުމީ ބަދަލުން ކުރާ އަސަރުތަކާއި ގެއްލުންތައް ބެއްލެވުމަށް ރާއްޖޭގެ ކުރީގެ މުހައްމަދު ނަޝީދު އިއްޔެ ދައުވަތު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ނަޝީދު އިއްޔެ ނެރުއްވި ބަޔާނުގައި ވިދާޅުވީ އެމެރިކާގެ އާ ސަރުކާރާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެތީ މަރުހަބާ ދަންނަވާ ކަމަށެވެ.

ނަމަވެސް ތަރައްގީވެފައިވާ ގައުމުތަކުން އަޅަމުންދާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކޮށް މޫސުމީ ބަދަލުތަކުގެ ސަބަބުން ދަތި ހާލަތު ތަހައްމަލުކުރާ ކުދި ގައުމުތަކަށް ލިބުނު އުންމީދަކަށް އޮތް އެއްބަސްވުމުން ވަކިވުމަކީ ހިތާމައެއް ކަމަށް ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުމެންގެ މެންބަރު ގައުމުތަކަށް ޕެރިހަކީ ލައިފްލައިން،" ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ނާޒުކު ހާލަތުގައި އޮތް ގައުމުތަކުގެ މުސްތަގުބަލު ނެތިގެން ގޮސްދާނެ މި ދަނޑިވަޅުގައި އަބަދު ވެސް އެމެރިކާ ފަދަ ގައުމުތަކުގެ ލިޑާޝިޕްގެ ދައުރު ވަރަށް ބޮޑަށް ބޭނުންތެރި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މި ގައުމުތަކަށް ދިމާވެފައިވާ މި ދަތި އުނދަގޫ ދަނޑިވަޅުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކެއް ވެސް މިހާރު ހަމަޖައްސަން އެބަ ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ރައީސް ޓްރަމްޕަށް ދައުވަތު އަރުވަން. ފްރޮންޓްލައިންގައި އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތައް ބައްލަވައިލެއްވުމަށް. އަޅުގަނޑުގެ އަމިއްލަ ގައުމު، ދިވެހިރާއްޖެ ވެސް ހިމެނޭ ގޮތަށް ވަޑައިގެން ބެއްލެވުމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އުދަ އެރުމާއި އެ ނޫން ވެސް ތުފާނުތަކާއި ހޫނު ގަދަވުމުގެ ސަބަބުން ގްލޭޝިއާތައް ގިރުމާއި ދަނޑުތަކަށް ވެސް ލިބޭ ގެއްލުންތައް ބައްލަވަން ނަޝީދު ދައުވަތު އެރުއްވި އެވެ.

"ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ވިޔަސް އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުން ލިބެން ހުރި ވަސީލަތްތައް، ހާއްސަކޮށް ސައިންސުން އަޅުގަނޑުމެން މި ހާލަތުން އަރައިގަތުމަށް މަގު ފަހިކޮށްދޭން ޖެހޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ޕެރިސް އެއްބަސްވުމުގައި އަލުން ބައިވެރިވުމަށް ވެސް ނަޝީދު ގޮވާލައްވާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް