ޓްރަމްޕް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ރޮއިޓާސް)

އެމެރިކާ، ޕެރިސް މޫސުމީ އެއްބަސްވުމުން ދެވަނަ ފަހަރަށް ވަކިވެއްޖެ

މި ނިންމުމުގެ ސަބަބުން އީރާނާއި ލީބިޔާ އަދި ޔަމަނާ އެކު އެމެރިކާ ވެފައި ވަނީ އެ އެއްބަސްވުމުގައި ނުހިމެނޭ ހަމައެކަނި ގައުމުތަކުގެ ތެރޭގައި
21 ޖެނުއަރީ 2025

ރޭ ހުވާ ކުރެއްވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކުދި ގައުމުތަކަށް ބޮޑެތި މަންފާތަކެއް ލިބޭ ގޮތަށް ބައްޓަންކޮށްފައިވާ ޕެރިސް މޫސުމާ ބެހޭ އެއްބަސްވުމުން އެމެރިކާ އަނބުރާ ގެންދިއުމުގެ ރިޔާސީ އަމުރެއްގައި ސޮއިކުރައްވައިފި އެވެ.

މި ނިންމުމުގެ ސަބަބުން އީރާނާއި ލީބިޔާ އަދި ޔަމަނާ އެކު އެމެރިކާ ވެފައި ވަނީ އެ އެއްބަސްވުމުގައި ނުހިމެނޭ ހަމައެކަނި ގައުމުތަކުގެ ތެރޭގަ އެވެ.

"އަހަރެމެން މި ވަކިވަނީ ނާއިންސާފު، އެއްފަރާތަކަށް ފައިދާ ލިބޭ ޕެރިސް އެގްރިމެންޓުން،" ޓްރަމްޕް ހުވާ ކުރެއްވި ޖަލްސާގައި ރިޔާސީ އަމުރުގައި ސޮއި ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

"ޗައިނާ އިން އަދަބު ނުލިބި ތަގައްޔަރު ކުރާއިރު، އެމެރިކާއިން އަހަރެމެންގެ އަމިއްލަ ސިނާއަތްތަކަށް ބުރުލެއް ނޭރުވޭނެ."

މިއީ ޗައިނާގެ ފަހަތުން ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ވިހަ ގޭސް ބޭރުކުރާ ގައުމު ކަމަށްވާ އެމެރިކާ މި އެއްބަސްވުމުން ވަކިވާ ދެވަނަ ފަހަރެވެ. އެގޮތުން، 2017 ވަނަ އަހަރު ފުރަތަމަ ފަހަރަށް ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މަސްތަކެއް ފަހުން ޓްރަމްޕް ވަނީ އެ އެއްބަސްވުމުން ވަކިވުމުގެ އަމުރެއްގައި ސޮއި ކުރައްވާފަ އެވެ. ނަމަވެސް، ޓްރަމްޕުގެ ފުރަތަމަ ދައުރުގެ ފަހުން ވަޑައިގެންނެވި ރައީސް ޖޯ ބައިޑަން ވަނީ 2021 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު އެމެރިކާ އަލުން އަނބުރާ އެއްބަސްވުމުގައި ބައިވެރިކޮށްފަ އެވެ.

ޓްރަމްޕް ރޭ ނިންމެވި ނިންމެވުން ތަންފީޒު ކުރުމަށް އަހަރެއްހާ ދުވަސް ހޭދަވާނެ ކަމަށް  ބެލެވެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ބޮޑުވަމުންދާތީ ދުނިޔެއިން އެކަމާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން 2015 ވަނަ އަހަރު ޕެރިސް އެއްބަސްވުމުގައި 196 ގައުމަކުން ސޮއިކުރި އެވެ. މި އެއްބަސްވުމުގައި، ގަރުނު ނިމޭއިރު ދުނިޔޭގެ ހޫނުހިން 1.5 ސެލްސިއަސްއަށް ވުރެ ދަށްކުރުމަށް އޮނިގަނޑެއް ކަނޑައަޅާފައިވެ އެވެ.

ނަމަވެސް، އެ ލަނޑުދަނޑިއަށް ވާސިލުވެވިދާނެތޯ ތަޖުރިބާކާރުން ދަނީ ސުވާލު އުފައްދަމުންނެވެ.

ޓްރަމްޕް އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ދުވަސްތަކެއް ކުރިން، މިދިޔަ ނޮވެމްބަރު މަހު އދ. އިން ވަނީ އެމެރިކާ އިން ޕެރިސް އެއްބަސްވުމުން ވަކިވެއްޖެ ނަމަ، އެ އެއްބަސްވުމުގެ ދަށުން ހޯދަމުން އަންނަ ކުރިއެރުންތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބުނެފަ އެވެ.

ޕެރިސް އެއްބަސްވުމުން ވަކިވުމުގެ އިތުރުން، ޓްރަމްޕް ވަނީ އެމެރިކާ ސަރަހައްދުގައި ވައިން ހަކަތަ އުފެއްދުމުގެ މަސައްކަތްތައް މަޑުޖައްސާލުމުގެ އަމުރެއްގައި ވެސް ސޮއިކުރައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް