ބްރޯޑްކޮމްގެ ނައިބު ރައީސް ފަޒީން؛ އޭނާގެ މައްޗަށް ޖިންސީ ފުރަައްސާރަކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ވަނީ ބަލަން ފަށާފައި.

ބްރޯޑްކޮމްގެ ނައިބު ރައީސް ފަޒީންގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް މަޖިލީހުން ބަލަން ފަށައިފި

ފަޒީންގެ މައްސަލައެއް މަޖިލީހުން ބަލަން ފަށާފައިވާކަން އޭނާ ކަށަވަރުކޮށްދޭ؛ ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރޭ
22 ޖެނުއަރީ 2025
1

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް މުހައްމަދު ފަޒީން އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބަލަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅުމުން އިއްޔެ ވަނީ އެ ކޮމެޓީގެ ސިއްރު ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުން ސިއްރުކުރީ އެއީ ދެ މީހެއްގެ ޒާތީ މައުލޫމާތުތަކެއް ހިމެނޭ މައްސަލައަކަށް ވާތީ ކަމަށް ބުނެ އެވެ.

ތަފްސީލް - އެ މައްސަލައާ ގުޅޭ ގޮތުން ފަޒީންއާ މިއަދު 'ދައުރު'ން ސުވާލުކުރުމުން އޭނާ ވިދާޅުވީ އޭނާގެ މައްސަލައެއް އެ ކޮމެޓީން ބަަލުމުންދާ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

"އަޅުގަނޑުގެ މައްސަލައެއް ބަލަމުން އެބަދޭ. އެއީ އެ ކޮމެޓީއަށް ހުށަހެޅިފައި އޮތް މައްސަލައެއް. އެކަމާ ބެހޭ ގޮތުން އަދި އިތުރު އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވޭ. މައްސަލައިގެ ދެން އޮތް މަރުހަލާ ކުރިއަށްދާ ގޮތަކުން އިތުރު މައުލޫމާތު ހާމަކުރަން ޖެހިއްޖެ ނަމަ ހާމަކުރާނަން. ކޮމެޓީން ވެސް އެ މައްސަލަ ކުރިއަށްގެންދަނީ ސިއްރުކޮށްގެން، އެއީ ޒާތީ މައުލޫމާތު ހިމެނޭ މައްސަލައަކަށްވާތީ،" ފަޒީން ވިދާޅުވި އެވެ.

ނަމަވެސް، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ފަޒީންގެ މައްޗަށް ކުރަނީ އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ މައްސަލައެކެވެ.

ފަޒީންއަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުމުގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ފާހަގަކޮށްލެވޭ - ބްރޯޑްކޮމްގެ މެންބަރަކަށް ފަޒީން އައްޔަންކޮށްފައިވަނީ 7 މާޗު 2021ގަ އެވެ. އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ 19 ޖެނުއަރީ 2023ގަ އެވެ. 

ގުޅުން ހުރި - ފަަޒީންގެ މައްސަލައެއް ބަލަމުން އަންނައިރު، ބްރޯޑްކޮމްގެ ހުސްވެފައިވާ ދެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި އައިމިނަތު ސަރާހަތު އިއްޒަތު ވަނީ އައްޔަންކޮށްފަ އެވެ.

ކޮމެންޓް (1)

ކަލޯ

22 ޖެނުއަރީ 2025
މުހައްމާ ނައިބަކަށް ގެންނަން ކުރާ ކަމެއް. ރޭވުންތެރިންގެ ރޭވުން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް