މުހައްމަދު އަބްދުﷲ (މުހައްމާ) އަދި ސަރާހަތު

ސަރާހަތާއި މުހައްމަދު އަބްދުﷲ ބްރޯޑްކޮމްއަށް އައްޔަންކޮށްފި

މުހައްމަދު އަބްދުﷲ އާއި ސަރާހަތު ބްރޯޑްކޮމްއަށް އައްޔަންކުރުމަށް މަޖިލީހުން ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ ދެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި އައިމިނަތު ސަރާހަތު އިއްޒަތު އައްޔަންކޮށްފި އެވެ.

ވީ ކިހިނެއް؟ - މި ދެ ބޭފުޅުން މަގާމަށް އައްޔަންކޮށްފައިވަނީ އިއްޔެ އެވެ. ބްރޯޑްކޮމް އިން ވަނީ އެ ދެ ބޭފުޅުން މަގާމަށް އައްޔަންކުރިކަން ހާމަކޮށް އެ ދެ ބޭފުޅުންނަށް މަރުހަބާ ކިޔައިފަ އެވެ.

ތަފްސީލް - މުހައްމަދު އަބްދުﷲ އާއި ސަރާހަތު ބްރޯޑްކޮމްއަށް އައްޔަންކުރުމަށް މަޖިލީހުސް ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.

އެ ޖަލްސާގައި ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން، ބްރޯޑްކޮމްގެ ހުސްވެފައިވާ ދެ ގޮޑިއަށް ރައީސް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް ފަހު އެންމެ މަތިން މާކްސް ލިބުނު ތަރުތީބުން ތަޅުމުގައި ވޯޓަށް އަހައިފަ އެވެ. އެގޮތުން:

  • ކޮމިޓީން %89 ދިން ސަރާހަތަށް ރުހުން ލިބުނީ 68 މެންބަރުންގެ ބޯޓުން؛ އޭނާއަށް ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވާ

  • ދެން ވޯޓަށް އެހީ ކޮމިޓީން ދެވަނައަށް އެންމެ ގިނައިން މާކްސް ދިން ކުރީގެ ނޫސްވެރިޔާ ޝިފްޒާ މުސްތަފާއަށް؛ އޭނާގެ ނަން ފާސްކުރުމާ ދެކޮޅަށް 50 މެންބަރުން ވޯޓް ދެއްވި؛ ފެންނަ ކަމަށް ލިބުނީ 11 ވޯޓް

ނޫސްވެރިއެއްގެ ގޮތުގައި ވިޓީވީގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ޝިފްޒާގެ ނަން ތަޅުމުން ފެއިލްކޮށްލި ނަމަވެސް ކޮމިޓީން %84 މާކްސް ލިބުނެވެ.

ޝިފްޒާގެ ނަން ފާސްނުވުމުން ދެން ވޯޓަށް އެހީ ކޮމިޓީން ތިން ވަނައަށް އެންމެ މަތިން މާކްސް ދީފައިވާ ނަމަށެވެ. އެއީ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރުގެ އިތުރުން، ޕީއެންސީގެ އިސް ހަރަކާތްތެރި އަދި ކުރީގެ ކޮމޭޑިއަން މުހައްމަދު އަބްދުﷲ އަށެވެ. އެގޮތުން:

  • އޭނާ ބްރޯޑްކޮމްއަށް އައްޔަން ކުރަން ފެންނަ ކަމަށް 58 މެންބަރުން ވޯޓް ދެއްވި

  • ނުފެންނަ ކަމަށް ވޯޓް ދެއްވީ ދެ މެންބަރުން

ފާހަގަކޮށްލެވޭ - ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަންކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރެއިން އެ މަނިކުފާނު އިސްކަން ދެއްވީ:

  • ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރެއްވި އިބްރާހީމް މުއާޒު (ޓީވީ މުއާ) އާއި މުހައްމަދު އަބްދުﷲއަށް  

  • އެހެން ނަމަވެސް މުއާޒުގެ ނަމަށް ތަޅުމުގައި ވޯޓަށް އެހޭ ވަރަށް ކޮމިޓީން މާކްސްއެއް ނުލިބުމުން އޭނާގެ ނަން ފެއިލްވި

ބްރޯޑްކޮމްއަށް އެންމެ މަތިން މާކްސް ލިބިގެން މަޖިލީހުން ރުހުން ލިބުނު ސަރާހަތުގެ ނަން ވެސް ރައީސް ތަރުތީބުކޮށް މަޖިލީހަށް ފޮނުއްވި ލިސްޓުގައި އޮތީ ހަތް ވަނަ އަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް