ރަައީސް މިރޭ އުނގޫފާރު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
ފުރިހަމަ ޑިޖިޓަލް ނިޒާމެއް ގާއިމް ކުރެވުނީމާ ކޮރަޕްޝަން ހުއްޓުވޭނެ: ރައީސް
ސަރުކާރުން ދޭ ހިދުމަތްތައް ފުރިހަމައަށް ޑިޖިޓަލައިޒް ކުރުމުން ހިދުމަތުގެ ނިޒާމު ކޮރަޕްޝަނުން ސަލާމަތްކުރެވޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ތަފްސީލު - ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުނގޫފާރު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މިރޭ ވިދާޅުވީ ސަރުކާރުން ހިދުމަތް ދޭންވާނީ ކޮރަޕްޝަން ނައްތާލެވޭ ގޮތަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ސަރުކާރުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަނުގެ އަމަލު އަބަދުވެސް އޮންނަ ކަމަށާއި އެކަމަކު އެއީ އެކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
"ހެޔޮ ނިޔަތުގައި ކަންކަން ކުރާ ނަމަ ކޮރަޕްޝަނުގެ އަމަލުތައް ނައްތާލެވޭނެ. ނޫނީ މަދު ކުރެވޭނެ. އެގޮތުން ބަލާއިރު އެންމެ މުހިއްމު އަދި އެންމެ ފަސޭހަ ކަމަކީ މުޅި ދައުލަތުގެ ހުރިހާ ހިދުމަތްތަކެއް، ހުރިހާ މަސައްކަތްތަކެއް އެއީ ޑިޖިޓަލައިޒް ކުރެވިގެން ދެވޭ ހިދުމަތްތަކެއްގެ ގޮތުގައި ގާއިމް ކުރުން،" ރައީސް ވިދާޅުވި އެވެ.
"ހިޔުމަން އިންޓަވެންޝަނުން އަމަލީ މަސައްކަތްތަކެއް ކޮށްގެން ކުރާ މަސައްކަތް މަދުކުރެވުނު ވަރަކަށް ޑިޖިޓަލް ނިޒާމެއް ގާއިމް ކުރެވި ކުރެވޭ ކޮންމެ ކަމެއްގެ ރެކޯޑިން ބެލެހެއްޓޭ ފުރިހަމަ ނިޒާމެއް ގާއިމް ކުރެވިގެން ދިޔައީމާ ވަރަށް ބޮޑަށް އެކަން ހުއްޓުވޭނެ."
މުޅި ރާއްޖޭގެ އާއްމު ހިދުމަތުގެ ހުރިހާ ކަމެއް އެއް ވިއުގައަކުން ގުޅާލައި އަތޮޅުތައް ހިމެނޭހެން އެންމެ ޒަމާނީ ފެންވަރުގައި ހިދުމަތްތައް ގާއިމް ކުރުމުގެ އަމާޒާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު މިފަހުން އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި ފެނިވަޑައިގެންނެވި ކަންކަން ރާއްޖޭގައި ގާއިމް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އެ ގައުމަކީ މިހާރު ކޮރަޕްޝަން އެންމެ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް. އެއީ އެގޮތަށް އެ ނިޒާމު ގާއިމްކޮށްފައި އޮތީމާ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވަނީ ދެފުށް ފެންނަ، ކޮރަޕްޝަން ނެތް ސަރުކާރެއްގެ ގޮތުގައި ދައުލަތް ވެސް ހިނގަން."
އެސްޓޯނިއާ އަކީ ދުނިޔޭގައި ވެސް އެންމެ ފުރިހަމައަށް ހިދުމަތްތައް ޑިޖިޓަލައިޒް ކޮށްގެން ހިދުމަތްދޭ އެއް ގައުމުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވިގޮތުގައި:
-
އެ ގައުމުގައި %100 ހިދުމަތް ދެނީ ޑިޖިޓަލްކޮށް
-
އެ ގައުމުގެ ރައްޔިތުން އެ ނިޒާމަށް ފުރިހަމައަށް އިތުބާރު ކުރޭ
"އެހެންވީމާ އަޅުގަނޑު ބޭނުންވަނީ އެތަނުގައި އެކަން ކުރާ ގޮތަށް މި ގައުމުގައި ވެސް އެކަން ކުރަން،" ރައީސް ވިދާޅުވި އެވެ.
"އެންމެ ރަނގަޅަށް ޑިޖިޓަލައިޒްކޮށްގެން ހިދުމަތްދޭ ގައުމުގައި އެކަން ކުރާ ގޮތަށް ކުރުމުގެ ނިޔަތުގައި އެ ދަތުރު ކޮށްގެން ވަރަށް ގިނަ ކަންކަން އަޅުގަނޑުމެންނަށް މަގުފަހިވެފައި ވަނީ."
ރައީސް ވިދާޅުވީ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އަދި ބޭންކިންގެ ދާއިރާ ފަދަ ދާއިރާތަކުން އެސްޓޯނިއާ އިން ރާއްޖެއަށް އެހީތެރިވާން ތައްޔާރަށް އޮތް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެންމެ ފުރަތަމަ ކުރާނެ ކަންކަމުގެ ގޮތުގައި ޑިޖިޓަލް އައިޑީ ކާޑު ނިޒާމު އަޅުގަނޑުމެން ތައާރަފު ކުރުން އެއީ ކުރާނެ ކަމެއް. އެއީ ކޮންމެ މީހެއްގެ ވެސް، އެސްޓޯނިއާގައި އެކަން ކޮށްފައިވާ ފެންވަރަށް، އަޅުގަނޑުމެން ކުރާނެ ކަމެއް. ކުރެވުނީމާ އޭގެ ޒަރިއްޔާއިން ދެން ހުރި ހުރިހާ ކަމަކަށް އެކްސެސް ވެވޭ ވަރަށް ފުރިހަމައަށް އިންޓެގްރޭޓް ކުރެވިފައިވާ، ވިއުގައަކުން ގުޅާލެވިފައިވާ ނިޒާމެއްގެ ތެރެއިން އެކަން ކުރާނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަސައްކަތްތައް ކުރާނީ ކުރިއަށް އޮތް ހަތަރު އަހަރަށް ބަހާލައިގެން ކަމަށެވެ.
"މިކަމުގެ ތަފްސީލީ ޕްލޭނަކާ އެކު ކުރިއަށް ގެންދާނީ. މިކަމުގައި ބޭނުންވަނީ އެއްބާރުލުން،" އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"މުއައްސަސާތަކުގެ ވެރިންނާއި މުއައްސަސާތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުންގެ އެއްބާރުލުން. ބަދަލެއް މިއީ ވަރަށް ބޮޑު."
ރައީސް ވިދާޅުވީ އެކި އިދާރާތަކުން މިހާރު ވެސް އެކި ފެންވަރަށް ޑިޖިޓަލްކޮށް ހިދުމަތް ދެމުން ގެންދިޔަ ނަމަވެސް ވަކިވަކިން ހިދުމަތްތައް ދިނުމަކީ އެކަން ކުރަން އޮންނަ ގޮތް ނޫން ކަމަށެވެ.
މިނިސްޓްރީތަކާއި ކައުންސިލްތަކާއި އެހެނިހެން އިދާރާތަކުން ވެސް ކުރިއަށް އޮތްތަނުގައި ހިދުމަތް ދޭނީ އެކަމަށް ހާއްސަ ގާނޫނުތަކުގެ ދަށުން ޑިޖިޓަލްކޮށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގާނޫނުތައް ހަދާނީ އެސްޓޯނިއާގެ ތަޖުރިބާ އާއި އެހީއާ އެކުކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"މިކަމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންގެ މުސްތަގުބަލަށްޓަކައި އެންމެ ރަނގަޅު މަގުން ގައުމު ހިންގުމުގައި އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މި ހިދުމަތްތައް ގާއިމް ކުރެވުމުން ކުރު މުއްދަތެއްގެ ތެރޭ ހިދުމަތުގެ މުޅި ނިޒާމު ކޮރަޕްޝަނުން ވަރަށް ބޮޑުތަނުން ސަލާމަތް ކުރެވޭނެ ކަމަށެވެ.
ކޮމެންޓް (2)
ސިކުނޑި
ދިވެހި ރައްޔިތެެއް