އެއާ އެމްބިއުލާންސްގެ ހިދުމަތުގައި ބޭނުންކުރާ ބޯޓު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
އެއާ އެމްބިއުލާންސްގައި 800އަށް ވުރެ ގިނަ ބަލިމީހުން އުފުލައިފި
މިދިޔަ މާޗު 1ގައި ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފެށި ފަހުން 800އަށް ވުރެ ގިނަ ބަލިމީހުންނަށް ހިދުމަތް ދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ސިއްހީ އިތުރު ފަރުވާއަށް ވައިގެ މަގުން އުފުލަން ޖެހޭ ބަލިމީހުން އުފުލުމަށް ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފެށުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ ވައުދު ފުއްދައި ގައުމީ އެއާލައިން މޯލްޑިވިއަންގެ ޑޭޝް8 މަރުކާގެ ބޯޓެއްގައި އެ ހިދުމަތް ފެށީ މިދިޔަ 1 މާޗުގަ އެވެ.
ތަފްސީލް - ހެލްތު މިނިސްޓްރީން މިއަދު ބުނީ އެއާ އެމްބިއުލާންސް މެދުވެރިކޮށް މިހާތަނަށް 700 ދަތުރު ކޮށްފައިވާ ކަމަށެވެ. އެ ދަތުރުތަކުގައި 804 ބަލިމީހުން އުފުލާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެންސްޕާ އާއި ހެލްތު މިނިސްޓްރީ އަދި މޯލްޑިވިއަން ގުޅިގެން އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭއިރު، އެންމެ ބޮޑު އަމާޒަކީ ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ރާއްޖޭގައި ގާއިމުކުރުން ކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތުގެ ދަށުން:
-
އެ ބޯޓުގައި އެންމެ ކައިިރި ހޮސްޕިޓަލަކަށް ބަލިމީހާ އުފުލާއިރު، އަވަސް ސިއްހީ ފަރުވާ ދޭ ވަސީލަތްތަކާ އެކު، ތަމްރީން ކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރިއަކު ހަރަކާތްތެރިވާނެ
-
އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އަދި އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނޭ
-
މިހާރު މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސްގެ ނިޒާމުގެ ތެރެއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް އިތުރުކުރާނެ
ގުޅުން ހުރި - އެއާ އެމްބިއުލާންސްގައި އަވައްޓެރި ސްރީ ލަންކާއަށް ބަލިމީހުން އުފުލުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ރާއްޖެއަށް ހުއްދަ ދީފަ އެވެ. ނަމަވެސް މިހާތަނަށް އެއާ އެމްބިއުލާންސްގައި ރާއްޖެއިން ބޭރަށް ބަލި މީހަކު ގެންގޮސްފައެއް ނުވެ އެވެ.