މުހައްމަދު އަބްދުﷲ (މުހައްމާ) އަދި ސަރާހަތު: މި ދެ ބޭފުޅުން ބްރޯޑްކޮމްއަށް އައްޔަން ކުރަން މަޖިލީހުން މިއަދު ވަނީ ރުހުން ދީފައި.

ޝިފްޒާ ކަޓުވާލުމަށް ފަހު މުހައްމަދު އަބްދުﷲ އާއި ސަރާހަތު ބްރޯޑްކޮމްއަށް ލާން މަޖިލީހުން ރުހުން ދީފި

ކުރީގެ ނޫސްވެރިޔާ ޝިފްޒާއަށް ކޮމިޓީން %84 މާކްސް ލިބިގެން ލިސްޓުގެ ދެވަނައިގައި އޮތް ނަމަވެސް ޕީއެންސީގެ މެންބަރުން ވަނީ އޭނާގެ ނަން ތަޅުމުން ފެއިލްކޮށްލާފައި
16 ޖެނުއަރީ 2025
3

މީޑިއާގެ ދާއިރާގައި ތަޖުރިބާ ހޯއްދަވާފައިވާ ޝިފްޒާ މުސްތޮފާ ކަޓުވާލުމަށް ފަހު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި އާމިނަތު ސަރާހަތު އިއްޒަތު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ގުޅުންހުރި - މީގެ އިތުރުން، ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަން ކުރަން މަޖިލީހުން މިއަދު ދެން ރުހުން ދިނީ އެ ކޮމިޝަންގެ މެންބަރުކަން ކުރިން ކުރެއްވި އާމިނަތު ސަރާހަތު އިއްޒަތުއަށެވެ. 

ވީ ކިހިނެއް؟ - ދައުރުން ބޭރުން މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން، ބްރޯޑްކޮމްގެ ހުސްވެފައިވާ ދެ ގޮނޑިއަށް ރައީސް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް ފަހު އެންމެ މަތިން މާކްސް ލިބުނު ތަރުތީބުން ތަޅުމުގައި ވޯޓަށް އަހައިފަ އެވެ. އެގޮތުން: 

  • ކޮމިޓީން %89 ދިން ސަރާހަތަށް ރުހުން ލިބުނީ 68 މެންބަރުންގެ ބޯޓުން؛ އޭނާއަށް ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވާ

  • ދެން ވޯޓަށް އެހީ ކޮމިޓީން ދެވަނައަށް އެންމެ ގިނައިން މާކްސް ދިން ކުރީގެ ނޫސްވެރިޔާ ޝިފްޒާ މުސްތަފާއަށް؛ އޭނާގެ ނަން ފާސްކުރުމާ ދެކޮޅަށް 50 މެންބަރުން ވޯޓް ދެއްވި؛ ފެންނަ ކަމަށް ލިބުނީ 11 ވޯޓް

ނޫސްވެރިއެއްގެ ގޮތުގައި ވިޓީވީގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ޝިފްޒާގެ ނަން ތަޅުމުން ފެއިލްކޮށްލި ނަމަވެސް ކޮމިޓީން %84 މާކްސް ލިބުނެވެ.

ތަފްސީލް - ޝިފްޒާގެ ނަން ފާސްނުވުމުން ދެން ވޯޓަށް އެހީ ކޮމިޓީން ތިން ވަނައަށް އެންމެ މަތިން މާކްސް ދީފައިވާ ނަމަށެވެ. އެއީ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ އިސް ހަރަކާތްތެރި އާއި އަދި ކުރީގެ ކޮމޭޑިއަންއެއް ކަމަށްވާ މުހައްމަދު އަބްދުﷲ އަށެވެ. އެގޮތުން:

  • އޭނާ ބްރޯޑްކޮމްއަށް އައްޔަން ކުރަން ފެންނަ ކަމަށް 58 މެންބަރުން ވޯޓް ދެއްވި

  • ނުފެންނަ ކަމަށް ވޯޓް ދެއްވީ ދެ މެންބަރެއް

ފާހަގަކޮށްލެވޭ - ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަންކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރެއިން އެ މަނިކުފާނު އިސްކަން ދެއްވީ:

  • ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރެއްވި އިބްރާހީމް މުއާޒު (ޓީވީ މުއާ) އާއި މުހައްމަދު އަބްދުﷲ އަށް  

  • އެހެން ނަމަވެސް މުއާޒުގެ ނަމަށް ތަޅުމުގައި ވޯޓަށް އެހޭ ވަރަށް ކޮމިޓީން މާކްސްއެއް ނުލިބުމުން އޭނާގެ ނަން ފެއިލްވި

ބްރޯޑްކޮމްއަށް އެންމެ މަތިން މާކްސް ލިބިގެން މަޖިލީހުން މިއަދު ރުހުން ލިބުނު ސަރާހަތުގެ ނަން ވެސް ރައީސް ތަރުތީބުކޮށް މަޖިލީހަށް ފޮނުއްވި ލިސްޓުގައި އޮތީ ހަތް ވަނަ އަށެވެ. 

ކޮމެންޓް (3)

ހުސޭނުބޭ

16 ޖެނުއަރީ 2025
މިހާރު މިއޮތީ "ކުނި" ސަރުކާރެއް ލިބިފައި. ހަމައެނި ގާބިލުމީހުންނަށް ވަޒީފާދޭން ވައުދުވެ، ބޮޑު ތަނުން ރައްޔިތުންނަށް އޮޅުވާލި ސަރުކާރެއް އަދި ނާދޭ.
0 0

ކޮސް

16 ޖެނުއަރީ 2025
ދެން މުޙައްމާގެ ރަނޑު ލަވަތަކުން ގަރުދިޔަ ޖަހަގަ އިގާ އަތްޖަހަން ތިބޭ. 2028 އަށް ވައިވެސް އެޅުނަނުދޭނެ ރައްޔިތުން.
0 0

ތެފައާސާ.

16 ޖެނުއަރީ 2025
"ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ މަގާމުތަކަށް އައްޔަން ކުރާނީ، މައްސަލަތައް ހައްލު ކުރެވޭނެ ފެންވަރުގެ ގާބިލް މީހުން" - ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު، 13 އޮގަސްޓް 2023
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް