ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ދަ ޑިމޮކްރެޓްސް

އިސް ބޭފުޅުން ވަކިވުމަކީ ހިތާމައެއް، އެކަމަކު ޕާޓީ ދާނީ ކުރިއަށް: ޑިމޮކްރެޓްސް

ޕާޓީގެ މުސްތަގުބަލާ މެދު އާންމު މެންބަރުން ޝައްކު ނުކުރަން ވެސް ޑިމޮކްރެޓްސްގައި މިހާރު ތިއްބެވި ބޭފުޅުން އެދިވަޑައިގެންނެވި

އިސް ބޭފުޅުން ޕާޓީ ދޫކުރެއްވުމަކީ ހިތާމައެއް ނަމަވެސް އެ ޕާޓީ ދާނީ ކުރިއަށް ކަމަށާއި މުސްތަގުބަލު އޮތީ އުޖާލާކޮށް ކަމަށް ދަ ޑިމޮކްރެޓްސްއިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ޑިމޮކްރެޓްސްގެ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވަނީ އެ ޕާޓީން ވަކިވެވަޑައިގެން، ކުރިން އުޅުއްވި ވާދަވެރި އެމްޑީޕީއާ ގުޅިވަޑައިގެންގެންފަ އެވެ. އޭގެ ތެރޭގައި ޕާޓިގެ ރައީސްކަމުން އިސްތިއުފާ ދެއްވި ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒާއި ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމް އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރަނިންމޭޓަކަށް ނުކުންނެވި ހުސައިން އަމްރު ހިމެނެ އެވެ.

ޕާޓީއަށް އައި ކުއްލި މި ލޮޅުމާ އެކު، މިއަދު ޑިމޮކްރެސްޓްސްއިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. 

ތަފްސީލު - ނޫސްވެރިންގެ ބައްދަލުވުން ފެއްޓެވުމުގެ ގޮތުން އެ ޕާޓީގެ އިސް މެންބަރު އަދި މައްޗަންގޮޅި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ ވަނީ ހަސަން އާއި ޝިފާޒުގެ އިސްތިއުފާ ސީޓީ ލިބިވަޑައިގެންފައިވާކަން އިއުލާން ކުރައްވައިފަ އެވެ. އެބޭފުޅުން ޕާޓީއަށް ކޮށްދެއްވި ހިދުމަތްތައް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވުމަށް ފަހު، އިތުރު ވާހަކައެއް ނުދައްކަވާ ފުރުސަތު ދެއްވީ ޕާޓީގެ ގައުމީ މަޖިލިސް ނުވަތަ 'ނެޝަނަލް އެސެމްބްލީ'ގެ ބޭފުޅުންނަށެވެ.

އިމްތިޔާޒު ފަހުމީ: ނޫސްވެރިންގެ ބަައްދަލުވުން ފެށުމުގެ ގޮތުން ވާހަކަ ދެއްކެވި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މި ވަގުތު ޕާޓީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ނައިބު ރައީސް އަދި ކުރީގެ މަޑަވެލި ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ފިރުޝާން ވާހަކަ ދެއްކެވި އެވެ.

"ވަރަށް ގިނަ ބޭފުޅުން ހިތްޕުޅުގައި އުފެދޭނެ ސުވާލެއް ކަންނޭނގެ އަޅުގަނޑުމެންނާ ވަކި މައްސަލައެއް ޖެހިގެންތޯ  އެބޭފުޅުން ވަކިވެގެން ދިޔައީ. އަޅުގަނޑުމެންނާ އެއްވެސް މައްސަލައެއް، އެއްވެސް އިރެއްގައި އެބޭފުޅުންނާ ޖެހިފައެއް ނެތް. އަދި ކުރިއަށް އޮތް ތާގައި ވެސް އަޅުގަނޑަކަށް ހިއެއްނުވޭ އެފަދަ ކަމެއް ދިމާވެދާނެހެން،" ފިރުޝާން ވިދާޅުވި އެވެ.

"އެހެން ނަމަވެސް [މިއީ] ސިޔާސީ ކަމެއް. ސިޔާސީ ކަމެއް ވީމަ، ސިޔާސީ ހިޔާލުތަފާތުވުން ހުރެދާނެ."

ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޝާން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އޭނާ އިތުރަށް ވިދާޅުވީ:

  • ނެޝަނަލް އެސެމްބްލީގެ މެންބަރުންގެ މަޝްވަރާގެ މަތިން ޕާޓީގެ ކަންކަން ކުރިއަށް އޮތް ތަނުގައި ރާވަމުން ގެންދާނެ؛ މާދަމާ ރޭ ނޭޝަނަލް އެސެމްބްލީގެ ބައްދަލުވުމެއް އޮންނާނެ

  • އެ ބައްދަލުވުމުގައި ދޭ މަޝްވަރާގެ މަތިން، ހުސްވެފައިވާ މަގާމުތަކަށް މީހުން އިންތިހާބު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ

"މި ފުރުސަތުގައި އަޅުގަނޑު ޔަގީންކަން އަރުވަން މި ޕާޓީ އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. މި ޕާޓީ މި ގޮތުގައި، ޕާޓީ އުފެއްދި މަގްސަދުތައް ހާސިލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި މި ޕާޓީ ކުރިއަށްދާނެ،" ފިރުޝާން ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ކުރިމަތިވާނެ އުނދަގޫތަކަށް ކުރިމަތިލައި، އެންމެންގެ މަސައްކަތުން ކާމިޔާބު ހޯދޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

އުނގޫފާރު ދާއިިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް ވަހީދު (ވައްޑެ) ވިދާޅުވި ގޮތުގައި ބަޔަކު އެ ޕާޓީން ވަކިކުވުމަކީ ޕާޓީގެ މަސައްކަތްތައް ހުއްޓޭނެ ކަމެއް ނޫނެވެ. ޕާޓީއަށް  "ފަނޑުވުމެއް، ހީނަރުކަމެއް" ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ އިރުވައިގެ ތިން ވަނަ ހަޅަ ޖަހަމުން މިދަނީ. މިއަށް ފަހު، ހުވަތް ނަކަތް އަންނާނީ. އިރާދަކުރެއްވިއްޔާ ވަޔާއި ކަނޑު ހިނދޭނެ، ރީތިކޮށް އަޅުގަނޑުމެންނަށް ދަތުރު ކުރެވޭނެ. އަޅުގަނޑުމެންގެ މަސައްކަތުގައި އަޅުގަނޑުމެން ބާރަށް ކުރިއަށް ދާނަން،" ވަހީދު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ މަޖިލިސް މެމްބަރު ވަހީދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އޭނާ ވިދާޅުވީ މެންބަރުންގެ އަދަދަށް ބާލާއިރު ޑިމޮކްރެޓްސްއަކީ ކުޑަ ޕާޓީއެއްގެ ގޮތުގައި ފެނުނަސް، އެ ޕާޓީ ވެގެން ދާނީ 'ރާއްޖޭގައި ފެން ހިފޭ، މާނަވީ މަސައްކަތެއް ކުރާ ޕާޓީއަކަށް' ކަމަށެވެ.

"މިރުހެއްގެ ކުޅިކަން ކަނޑައަޅާނީ، އޭގެ ސައިޒެއް [ނުވަތަ] ވޮލިއަމްއެއް ނޫން. ގިނަ ފަހަރަށް އެންމެ ކުޅި ވާނީ، ކުދި މިރުހުގައި،" ވަހީދު ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ ރާއްޖޭގެ ކަންކަން މިދަނީ ބޮއްސުންލައިގެން ކަމަށާއި އެކަންކަން އިސްލާހުކުރުމުގައި ޑިމޮކްރެޓްސް ދެމިއޮންނާނެ ކަމަށެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމްގެ އާ އޮނިގަނޑަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ބަހުސްކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން މާދަމާގެ ނޭޝަނަލް އެސެމްބްލީއަށް ގަރާރެއް ހުށަހަޅުއްވަން ތައްޔާރުވަމުން އަންނަކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ފަލްސަފާ އާއި އަޅުގަނޑުމެންގެ އައިޑިއޮލޮޖީ އާއި ފިކުރާ ގުޅޭ، އަދި ރާއްޖެއަށް މާނަވީ، ފެން ހިފޭ އިސްލާހީ މަސައްކަތްކުރަން ޝައުގުވެރިވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން ދައުވަތު އަރުވަން މި ޕާޓީއާ ގުޅިވަޑައިގަތުމަށް،" ވަހީދު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް