ޝިޕްރެކް ބަންޑުން ޖަހާލައި، ވަރަށް ބޮޑަށް ހަލާކުވެފައި އޮތްތަން ފެންނަ ފޮޓޯއެއް (ފޮޓޯ/ހެވަނަ މޯލްޑިވްސް)
ވާވުގެ މަޝްހޫރު ޝިޕްރެކް ބަންޑުން ޖަހާލައި ވަރަށް ބޮޑަށް ހަލާކުވެއްޖެ
ރާއްޖެއަށް މި ފަހުން ކުރި ވިއްސާރައިގައި، ލޯކަލް ޓޫރިޒަމްގެ 'ރަންގަނޑެއް'ގެ ގޮތުގައި ބަލަމުން އަންނަ ވާވު ޝިޕްރެކް ބަންޑުން ޖަހާލައި ވަރަށް ބޮޑަށް ހަލާކުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ވ. ކެޔޮދޫ ބޭރުގައި އެކަމަކު އެ އަތޮޅު އަތޮޅު ކައުންސިލް ބެލުމުގެ ދަށުގައި އޮންނަ ޝިޕްރެކަކީ ވ. އަތޮޅު ޓޫރިޒަމްގެ ހަޒާނާ އެކެވެ. މާލެ އަތޮޅުގެ ރަށްތަކުން ވެސް ދުވާލަކު ދިހަ ވަރަކަށް ލޯންޗު އެ ޝިޕްރެކް ބަލާލަން ދެ އެވެ. ކައިރި ރިސޯޓުތަކުން އެ ޝިޕްރެކަށް ހާއްސަކޮށް ވަކި ޕެކޭޖްތައް ވިއްކަ އެވެ.
އެކަމަކު ރާއްޖެއަށް މި ފަހުން ކުރި ގަދަ ވިއްސާރަ އަލިކޮށްލި އިރު، ޝިޕްރެކް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
ބުނީ ކީކޭ؟ - "މިއޮތް ހުރިހާ ދުވަހު އެ ބޯޓު ފެންމަތީގައި އެޔޮތީ އިންޖީނުގެ ބަރަށް. އެކަމަކު ހީވާގޮތުން މިހާރު އިންޖީނާ ބޯޓު އެ ވަކިވީ،" ވ. ކެޔޮދޫގެ ގެސްޓްހައުސްއެއް ކަމަށްވާ، ހެވަނަ މޯލްޑިވްސް އިން ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.
"މިހާރު ބޯޓުގެ މަޑޫތައް ފީވެ، މައްޗަށް އިންނަަބައި އޮތީ ބަންޑުން ޖަހާލާފައި."
އޭނާގެ ނަޒަރުގައި، މާގިނަ ދުވަހު ބޯޓު އެހެންނެއް ނޯންނާނެ އެވެ. އެކަމަކު ފިޔަވަޅެއް އަޅައިފި ނަމަ ސަލާމަތްވުމުގެ ފުރުސަތު އޮތްކަމަށް ގަބޫލު ކުރެ އެވެ.
ހެވަނަ މޯލްޑިވްސް އިން ވަނީ އެ ޝިޕްރެކަށް ލިބިފައިވާ ގެއްލުންތައް ފެންނަ ވީޑިއޯއެއް އާއްމުކޮށްފަ އެވެ. އެއިން ފެންނަނީ، މީގެ ކުރިން އެކި ފޮޓޯތަކުން ވެސް ފެނި ގިނަ ބަޔަކު ދަންނަ އެއްޗަކަށް ވެފައިވާ އެ ޝިޕްރެކް ފީވެ، މަޑޫތައް ފައިބައިފައިވާ ތަނެވެ. އެ ވީޑިއޯ ގިނަ ބަޔަކު ޝެއާކުރަމުން އަންނަނީ، ހިތާމައާއެކު އެވެ.
"މި ހިސާބުގަނޑުގައި ވެސް ނޯންނާނެ ތިހާ ހިތްގައިމު އެއްޗެއް. ހާދަ ދެރައޭ،" ސޯޝަލް މީޑިއާގައި އެ ވީޑިއޯ ހިއްސާކުރަމުން ޒުވާނަކު ބުންޏެވެ.
"ޝިޕްރެކް އިޒް ޑެޑް،" އިންސްޓަގްރާމްގައި މީހަކު ކޮމެންޓް ކުރި އެވެ.
އެނގިފައިވާ ގޮތުގައި ވ. އަތޮޅު ކައުންސިލާއި އެ އަތޮޅުގެ ބައެއް ގެސްޓްތައް ގުޅިގެން އަންނަނީ ޝިޕްރެކް ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.
އެނގުން މުހިއްމު - ވ. އަލިމަތާ ރިސޯޓާއި އެ އަތޮޅު ފެލިދުއާ ދިމާލުން، 'މަޑިއްޕަރު' ހަލުން އެންމެ ފުރަތަމަ މި ބޯޓު ފެނުނީ ފެލިދޫގެ ދެ މަސްވެރިއަކަށެވެ. މީގެ 10 އަހަރު ކުރިން ފެނުނު، އިންޑޮނޭޝިއާގެ މި ބޯޓު އަޑިއަށް ދިޔަ ނުދީ ރަށަށް ގެނެވޭތޯ އެ މީހުން ވަރަށް މަސައްކަތް ކުރި އެވެ. އެކަމަކު އެކަން ކާމިޔާބު ނުވެ، ބޯޓު އަނެއްކާ ވެސް އޮޔާގޮސް އަޑިއަށް ދިޔައީ ކެޔޮދޫ ބޭރަށެވެ.
އޭގެ ފަހުން އެ ސަރަހައްދުގެ ރަށްތަކުގެ ގެސްޓްހައުސްތަކުގެ ޑައިވަރުން، އަޑިއަށް ގޮސްފައިވާ އެ ބޯޓުގައި މުރަކަ އިންދައި ހިތްގައިމު ތަނަކަށް ބަދަލުކޮށްލީ އެވެ.
މި ޝިޕްރެކަކީ ވ. އަތޮޅުގެ އިތުރުން އެހެން އަތޮޅުތަކާއި ރިސޯޓުތަކުން ބޭނުން ކުރާ އެއްޗަކަށްވުމުން، އުޅަނދު އެއްކޮށް ހަލާކުވެ ބޭނުން ނުކުރެވިއްޖެ ނަމަ އެ ވާނީ ޓޫރިޒަމަށް ވެސް ލިބޭނެ ބޮޑު ގެއްލުމަކަށެވެ.
ކޮމެންޓް (3)
އިބްރާހިމް
ބުންބެރު
އަލީ