ގދ. ވާދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް މުހައްމަދު މުއިއްޒު މިއަދު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ވޭޕް މަނާކުރުމާ ގުޅޭގޮތުން ރައީސް: 'އަޅުގަނޑުގެ ނިޔަތް ސާފު'

ރައީސް ވިދާޅުވީ ކުރިމަތިން ފެންނަ ގޯސް ކަންކަމަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުންނަން ޖެހޭ ކަމަށާއި ސަރުކާރުގެ ވިސްނުން ހުރީ ވެސް އެގޮތަށް ކަމަށް

ރައްޔިތުންނަށް ދަތިކުރަން ނުވަތަ އުނދަގޫކުރުމަށް އެއްވެސް ކަމެއް ނުނިންމަވާ ކަމަށާއި އެ މަނިކުފާނުގެ ނިޔަތް ވަރަށް ސާފުކަމަށް ވިދާޅުވެ، ވޭޕް މަނާކޮށް، ދުންފަތުގެ ބާވަތްތައް އަގުބޮޑުކުރުމުން ކުރިމަތިވެވަޑައިގެންފައިވާ ފާޑުކިޔުންތަކަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ރައްދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - އެކި ރަށްރަށަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ގދ. ވާދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ ބައެއް ނިންމެވުންތަކާ ގުޅިގެން އެ މަނިކުފާނަށް ކުރިމަތިވެވަޑައިގަންނަވާ ފާޑުކިޔުންތަކަށް ނުސީދާކޮށް ރައްދު ދެއްވާފަ އެވެ. އަދި އެފަދަ ކަންކަމުގައި ރައްޔިތުންގެ އެއްބާރުލުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ރައީސް ވާހަކަފުޅު ދެއްކެވީ ވޭޕް އާއި ދުންފަތުގެ ބައެއް ބާވަތްތައް ރާއްޖެ އެތެރެ ކުރުން މަނާކުރުމާ ގުޅިގެން ބައެއް މީހުން ނުރުހުން ފާޅުކުރާތީ އެކަމަށް އިޝާރާތްކުރައްވަ އެވެ.

ވަކި ކަމެއް ވިދާޅުނުވެ، ވާދޫގެ ޖަލްސާގައި ރައީސް ވިދާޅުވީ "ޒަމާންތަކެއް ވާންދެން ކަމެއް ގޯސްކޮށް ކުރުމަކީ އެކަން ދޫކޮށްލައިގެން ތިބެން ޖެހޭ ސަބަބެއް ނޫން" ކަމަށާއި އެހެންވެ، "މުސްތަގްބަލަށްޓަކައި، ޖީލުތައް ސަލާމަތް ކުރުމަށް ބައެއް އުނދަގޫ ނިންމުންތައް ނިންމަން" ޖެހިވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ހުރި އެކިއެކި ވަބާތަކުން ގައުމު ސަލާމަތް ކުރުމަށް، އަޅުގަނޑުމެންގެ ތެރޭގައި  އަަށަގަނެފައި ހުރި، މޫލާފައި ދެވިހިފާފައި ހުރި ބައެއް އާދަތަކުން ހިތްވަރު ލާފައި ސަލާމަތްކޮށްދިނުމުގެ ނިޔަތުގައި ކުރާ ކަންކަން މިއީ،" ރައީސް ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ރައްޔިތުންނަށް އުނދަގޫކުރުމަށް، ދަތިކުރުމަށް ކުރާ ކަންކަމެއް ނޫން."

އެ މަނިކުފާނު ވިދާޅުވި ގޮތުގައި:

  • ތަރައްގީއަކީ ހަމައެކަނި ލޮލަށް ފެންނަ، އަތުން ހިފޭ މަޝްރޫއުތަކެއް ނޫން

  • އޭގެ އިތުރުން ސިކުނޑި އާއި އަހުލާގު ރަނގަޅުކޮށް، ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރަން ޖެހޭ

  • އަދި މުޖުތަމައުއަކީ ހެޔޮކަންކަމަށް އަމުރުކޮށް، ނުބައި ކަންކަން ނަހީކުރާ މުޖުތަމައުއަކަށް ބަދަލު ކުރުމަކީ ވެސް ތަރައްގީ

  • ރައީސް އެ ކަންކަން ސިފަކުރެއްވީ ވަށާޖެހޭ ތަރައްގީގެ ގޮތުގައި

ރައީސް ވިދާޅުވީ ލޯ ކުރިމަތިން ގޯސް ކަމެއް ފެނުމުން އެކަމަށް ނޫނެކޭ ބުނަން ކެރޭ ބަޔަކަށް ވާންޖެހޭ ކަމަށާއި ސަރުކާރުގެ ވިސްނުން ހުރީ ވެސް އެގޮތަށް ކަމަށެވެ. އެހެންވެ، އެކަމުގައި އާއްމުންގެ އެއްބާރުލުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ވޭޕް އާއި ދުންފަތް އެތެރެކޮށް ވިއްކުމާ ގުޅޭގޮތުން މިފަހުން ގެނައި ބައެއް ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

  • ވޭޕް އެތެރެކުރުމާއި ބޭނުން ކުރުމާއި ވިއްކުން މަނާކުރުން

  • ދުންފަތުގެ ބާވަތްތަކުން ނަގަމުން އައި ޑިއުޓީ ބޮޑުކުރުން. އެއާއެކު ކުރިން 100ރ.އަށް ގަންނަން ލިބޭ ސިނގިރޭޓު ފޮއްޓެއްގެ އަގު މިހާރު ހުރީ 230ރ. އަށް ވުރެ މަތީގައި

ކޮމެންޓް (1)

ޙަސަންތަކުރުބެ

7 ޖެނުއަރީ 2025
މަނިކުފާނުގެ ނިޔަތް ސާދާނިޔަތެއް ކަމުގައި ޤަބޫލްކުރެވިފާނެ އޫރުމަހުގެ ވިޔަފާރި ހުއްޓުވައި ރަލުގެ ވިޔަފާރި ހުއްޓުވުމުން. ޓޫރިސްޓުންގެ ގޮތުގައި މިރާއްޖެއަށް އަންނަ ނަސާރާދީނުގެ މީހުންނާއި ޔަހޫދީން އަންނަނީ މިދެންނެވި ދެބާވަތުގެ މާބޮޑު މުހިއްމުކަމެއް އޮވެގެން ނޫންކަން ދައްކުވައިދޭ ރަމްޒެއް ލޯކަލްޓޫރިޒަމް. ލޯކަލް ޓޫރިސްޓް ފެސިލިޓީއަކު ނެތް މިބާވަތުގެ ތަކެއްޗެއް. އެންވީމާ ރިސޯރޓްތަކަށްވެސް އަންނާނެ މިދެބާވަތް ނެތަސް. ނިޔަތަކީ ކޮބައިކަމެއް ނޭގޭ! ސަރުކާރުގެ އިސްރާފު ކުޑައެއްނުވި. މަގުމައްޗަށް އަޅާކުނި ހުއްޓުވުމެއް ނެތް!
3 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް