ގދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް މުއިއްޒު މިއަދު އެ އަތޮޅު ނަޑެއްލާ އަށް ވަޑައިގަތުން (ފޮޓޯ/ރައީސް އޮފީސް)
ރައީސް ނަޑެއްލާ ރައްޔިތުންނަށް: ބަނދަރު ހަދާނެ ބަޔަކު ހޯދަން މިމަހު އިއުލާނު ކުރާނަން
ގދ. ނަޑެއްލާ ރައްޔިތުންނަށް މިވަގުތަށް އެންމެ ބޭނުންޖެހިފައިވާ ކަންތައް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައި، އެ ރަށު ބަނދަރުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މި މަހު އިއުލާނު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު އެ ރަށު ރައްޔިތުންނަށް ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ގއ. އަދި ގދ.ގެ ރަށްތަކަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުގައި މެންދުރު ނަޑެއްލާ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރަށުގެ ތަރައްގީ އަށް ބޭނުންވާ އެންމެ މުހިއްމު ކަމަކީ ބަނދަރުގެ މަޝްރޫއު ކަމަށާއި އެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށެވެ.
ތަފްސީލް - ރައީސް ފާހަގަ ކުރެއްވި ގޮތުގައި ނަޑެއްލާގައި ކުޑަ ބަނދަރެއް ތަރައްގީ ކުރީ 2008 ވަނަ އަހަރު އެވެ. ނަމަވެސް މިހާރު އެ ބަނދަރަކީ ރަށުގެ ތަރައްގީ އަށް ބަލާއިރު ކުޑަ ބަނދަރެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ނަޑެއްލާ ބަނދަރު ތަރައްގީ ކުރާނެ ބަޔަކު ހޯދަން މި މަހު އިއުލާނު ކުރާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި މަހުގެ ތެރޭގައި، މި ޖެނުއަރީ މަހުގެ ތެރޭގައި އިރާދަ ކުރެއްވިއްޔާ ތިޔަ ބޭފުޅުން ބޭނުންފުޅުވެލައްވާ ކަހަލަ އާ ބަނދަރެއް ހެދުމަށް އަޅުގަނޑު އިއުލާނު ކުރާނަން ކޮންޓްރެކްޓަރެއް ހޯދަން،" ރައީސް ވިދާޅުވި އެވެ.
"މިހާރު ފާސްކޮށްފައި އޮތް ބަޖެޓުގެ ތެރެއިން މި ރަށަށް އެންމެ އިސްކަމެއް ދޭނީ އާ ބަނދަރެއް ހަދައިދިނުމަށް. އެއާ އެކީގައި ރަށަށް އުދަ އެރުން، ރަށް ގިރުމުގެ މައްސަލާގައި އެކަށީގެންވާ ހައްލެއް ވެސް އެ މަޝްރޫއާ އެކުގައި ގެންދެވޭނެ ގޮތަކަށް ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންދަން. އިރާދަ ކުރެއްވިއްޔާ ދެ މައްސަލަ އަށް ވެސް ހައްލެއް ގެނެސްދޭނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަޝްރޫއުތަކާ އެކު ނަޑެއްލާ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"ވަރަށްބޮޑު ކަންބޮޑުވުންތަކެއްގައި ދިރިއުޅުއްވަމުން ތި ވަޑައިގަންނަވާ ވަޑައިގަތުމަށް ހިތްހަމަޖެހުން ލިބިވަޑައިގެން ރަށުގެ ތަރައްގީއަށްޓަކާ ވަރަށް ގިނަ ކަންތަކަށް މަގުފަހިވެގެން ދާނެ މި ދެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެން ދިޔައީމާ."
ނަޑެއްލާގެ ބަނދަރު ހެދުމާއި ރަށްގިރުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ އިތުރުން ރައީސް ދެން އެ ރަށަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވީ:
-
ޒަމަނީ ފެންވަރުގެ އާ މިސްކިތެއް އެޅުމުގެ މައްސަކަތް މި އަހަރު ފަށާނެ
-
ސްކޫލުގެ ޖާގައިގެ މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތް ކޮށްދެއްވާނެ
-
ސިއްހީ މަރުކަޒަށް ޖާގަ އިތުރުކޮށްދެއްވާނެ
-
ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމްކޮށްދެއްވާ ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ވެސް މި އަހަރު ކޮށްދެއްވާނެ
-
ފުލުހުންގެ ހިދުމަތް ދޭން ފަށާނެ
-
އޭޓީއެމް ގާއިމް ކުރުމުގެ މަސައްކަތް ކުރައްވާނެ. އެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައި