މޯލްޑިވިއަންގެ ފުރަތަމަ އޭ330ގެ މަރުކާގެ ވައިޑް-ބޮޑީ މަތިންދާބޯޓު: އަންނަ މަހު ޗައިނާގެ ތިން މަންޒިލަކަށް ދަތުރުތައް ފަށާނެ

މޯލްޑިވިއަން

މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ހިދުމަތް ފުރަތަމަ ފަހަރަށް ތައާރަފްކޮށްފި

އާ ބޯޓާ އެކު ގައުމީ އެއާލައިންއިން މި މަހު ޗައިނާގެ ތިން މަންޒިލަކަށް ސީދާ ދަތުރުތައް ފަށާނެ ކަމަށް ބުނި

ގައުމީ އެއާލައިން، މޯލްޑިވިއަނުން ފުރަތަމަ ފަހަރަށް ވައިޑް- ބޮޑީ މަތިންދާބޯޓެއް ގެނެސް ފުރަތަމަ ފަހަރަށް އޭގެ ހިދުމަތް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިކަން އިފްތިތާހުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. މި ބޯޓު ވީއައިއޭގެ ރަންވޭއަށް ޖެއްސުމުގެ ކުރިން  މޯލްޑިވިއަންގެ އެހެން ބޯޓުތައް ބޭނުންކޮށްގެން އެއާ ޝޯއެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

ތަފްސީލު - އެ ރަސްމިއްޔާތުގައި އާ ބޯޓު ވީއައިއޭއަށް ޖެއްސުމާ އެކު، ފަޅުވެރިންނަށް މަރުހަބާ ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު އާއި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ގިޔާސް އެވެ.

ފަޅުވެރިންނަށް މަރުހަބާ ވިދާޅުވުމަށް ފަހު ރައީސް މުއިއްޒު ވަނީ ބޯޓަށް އަރާވަޑައިގެން ބޯޓު ބައްލަވާލައިފަ އެވެ.

ސަރުކާރުގެ އެހެން އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ބޯޓު ޖެއްސުމުގެ ކުރިން ވާހަކަ ދައްކަވަމުން ގިޔާސް ވިދާޅުވީ އެއާބަސް އޭ330ގެ މަރުކާގެ ބޯޓު ރާއްޖެ ގެނެސް އާ ހިދުމަތެއް ފެށުމަކީ ރާއްޖޭގެ ތާރީހުގައި "ރަން އަކުރުން ފަވާލެވޭނެ ދުވަހެއް" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ބޯޓާ އެކު މި މަހު ޗައިނާގެ ތިން މަންޒިލަކަށް ސީދާ ދަތުރުތައް ފަށާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ބެއިޖިން

  • ޝަންހައި

  • ޗެންދޫ

"މިއަދު މި މަތިންދާބޯޓު ޖެއްސުމާ އެކު، ފެނިގެން މިދަނީ ތިޔަ ބޭފުޅުންނަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަަށް ދުރު މަންޒިލްތަކަށް ގައުމީ އެއާލައިންގެ އޮޕަރޭޝަން ފުޅާކުރެވި، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުމަށްޓަކައި ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތް ކުރެވެމުންދާތަން،" ގިޔާސް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މި ބޯޓު ރާއްޖެ ގެންނަން ބައިވެރިވި ފަޅުވެރިންނަކީ ވެސް ހުސް ދިވެހިންނެވެ. 

ރަސްމިއްޔާތުގައި ދެއްކި ވީޑިއޯ ރިޕޯޓުގައި ބުނި ގޮތުގައި:

  • މި ބޯޓުގައި 264 ގޮނޑި ހިމެނޭ

  • ފަސްޓް ކްލާސް، ބިޒްނެސް ކްލާސް އަދި އިކޮނޮމީ ކްލާސް ވެސް ހިމެނޭ

  • މީގެ ދެވަނަ ބޯޓާ އެކު މަޝްރޫއު ފުރިހަމަވުމުން ރާއްޖެއަށް އަހަރަކު 65،000އަށް ވުރެ ގިނަ ފަތުރުވެރިން އައުމުގެ ފުރުސަތު އޮންނާނެ

  • ފްލައިޓެއްގައި 10 ޓަނުގެ އެއާ ކާގޯ ގެނެވޭނެ. އެއާއެކު، ވިޔަފާރިތަކަށް ވެސް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ

ވައިޑް-ބޮޑީ އާއި ނެރޯ-ބޮޑީ މަތިންދާބޯޓުގެ ތަފާތު

މޯލްޑިވިއަންގައި މިހާރު ބޭނުންކުރަނީ މުޅިން ވެސް ނެރޯ-ބޮޑީ މަތިންދާބޯޓެވެ. އެއީ ބޯޓު ތެރޭގައި ހިނގަން އެއް މަގު އޮވެފައި، އޭގެ ދެ ފަރާތަށް ގޮނޑި ޖަހާފައި ހުންނަ ބޯޓެވެ.

ވައިޑް-ބޮޑީ މަތިންދާބޯޓުފަހަރު އެއަށް ވުރެ ބޮޑުވެފައި، އެތެރެ ފުޅާވާނެ އެވެ. އެގޮތުން ގޮނޑިތައް ޖަހާފައި ހުންނާނީ ހިނގަން ދެ މަގު އޮންނަ ގޮތަށް، މެދުގައި ވެސް ގޮނޑިތައް ހިމެނޭ ގޮތަށެވެ. އެހެންކަމުން ވައިޑް-ބޮޑީ މަތިންދާބޯޓުފަހަރުގައި އެއްފަހަރާ ގިނަ ގިނަ ބަޔަކު އުފުލޭނެ އެވެ. 

ދިގު ދަތުރުތަކުގައި ގިނައިން ބޭނުންކުރަނީ ވެސް ވައިޑް-ބޮޑީ ބޯޓުފަހަރެވެ.

ފާހަގަކޮށްލެވޭ ކަމެއް- މޯލްޑިވިއަންއަށް ވައިޑް-ބޮޑީ އެއާކްރާފްޓެއް ގެނައުމަކީ، ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި ވައުދު ފުއްދަން ކެބިނެޓުން ނިންމާފައި ވަނީ ޑިސެމްބަރު 2023ގަ އެވެ. މި ބޯޓު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް