އުދައިގެ ރާޅުތައް ނަރުދޫއަށް އަރަނީ: މިހާބޮޑު ގެއްލުމެއް ވެފައިވަނީ ބޭރުތޮށި ނުޖަހާތީ ކަމަށް ކައުންސިލުން ބުނޭ

އުދައެރުން

ނަރުދޫގައި ހިމާޔަތެއް ނެތް؛ ރާޅުތައް މި ބިންދާލަނީ ރަށުތެރެއަށް

ކައުންސިލުން ބުނިގޮތުގައި މި ގެއްލުމުގެ އިންޒާރު މާކުރިއްސުރެ އެތަނުން ދިޔައީ ދެމުން

ށ. ނަރުދޫގައި މިހާރު ހަދަމުން އަންނަ ބަނދަރުގެ މަސައްކަތް ނުނިމޭތީ، އެއްވެސް ހުރަހެއް ނެތި ރަށަށް އުދަ އަރައި ބޮޑެތި ގެއްލުންތައް ވާން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ނަރުދޫގެ ބަނދަރުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ 2022 ވަނަ އަހަރެވެ. މިއަހަރުގެ އިރުވައި ހަޅައިގެ ގަދަވިއްސާރައާ ލައްވާލި އިރު، ރަށުގެ ހިމާޔަތުގައި އޮންނަ ބޭރުތޮށީގެ މަސައްކަތް އޮތީ ނުވެސް ފަށަ އެވެ. އެހެންވެ، އުދައިގެ ބޮޑެތި ރާޅުތައް ރަށުތެރެއަށް އަރާތާ މިހާރު ތިން ރޭ ވެއްޖެ އެވެ.

ބުނީ ކީކޭ؟ - "ނަރުދޫއަކީ ކުރިން ވެސް އުދަ އަރާ ރަށެއް. އެކަމަކު ބްރޭކްވޯޓާ ނުޖަހާތީ، ރަށުތެރެއަށް ރާޅުއަރައި ދެ ގުނަ ގެއްލުންވަމުން ދަނީ،" ނަރުދޫ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަރުސިދު މިއަދު ވިދާޅުވި އެވެ.

"ބާ ބަނދަރު އޮތީ ހަލާކުވެފައި. އާ ބަނދަރުގައި އެއްވެސް ހިމާޔަތެއް ނެތް."

ކައުންސިލުން ހިއްސާކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، ހުޅިނަގާފައި އަންނަ ބޮޑެތި ރާޅުތައް ހުރަހެއް ނެތި ރަށުތެރެއަށް އަރައިގެންދަނީ ބިރުވެރި ގޮތަކަށެވެ. ރާޅާ އެކު، މުޅި މަގުމަތީގައި އޮންނަނީ ފެންބޮޑުވެފަ އެވެ.

އުދައިގެ ރާޅުތަކުން ނަރުދޫ މަގުތަކުގައި ފެންބޮޑުކޮށްލާފައި

ކައުންސިލުން ބުނި ގޮތުގައި، މި ލޮނުގެ އެންމެ ބޮޑު އަސަރެއް ކުރަނީ، ގޯތިތަކުގައި އިންދާފައި ހުންނަ ރުއްގަހަށެވެ.

ނަރުދޫއަކީ ފަތްކޭލާއި އަނބާއި ޖަނބުރޯލު ފަދަ މޭވާ ގަސްތައް ތިޔާގި ރަށެކެވެ. ކޮންމެ ގެއެއްގައި ވެސް އެ ކަހަލަ ދެތިން ގަސް ހުރެ އެވެ. އެހެންވެ، ލޮނުގެ އަސަރުކޮށް އެ ގަސްތައް މިހާރު ދަނީ މަރުވަމުންނެވެ. ކައުންސިލްގެ ރައީސް އެކަން ފާހަގަ ކުރެއްވީ ބޮޑު ގެއްލުމެއްގެ ގޮތުގަ އެވެ.

'އުދައިގެ އިންޒާރުދިނިން'

އޭނާ ވިދާޅުވި ގޮތުގައި، މި ގެއްލުމުގެ އިންޒާރު މާކުރިން ފެށިގެން ދިޔައީ އެމްޓީސީސީ އާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އިރުވައި ހަޅައިގައި އުދަ އަރާނެ ކަމާއި ބޭރުތޮށި ނެތިއްޖެ ނަމަ ގެއްލުން ބޮޑުވާނެތީ އެ ކަންބޮޑުވުން ހިފައިގެން ކައުންސިލްގެ ޓީމެއް މާލެ އައިސް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެމްޓީސީސީގެ އޮފިޝަލުންނާ ވެސް ބައްދަލު ކުރެއްވި ކަމަށް މުސްތަރުސިދު ވިދާޅުވި އެވެ.

އުދައިގެ ރާޅުތަކުން ނަރުދޫ މަގުތަކުގައި ފެންބޮޑުކޮށްލާފައި

ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި، އެ ބައްދަލުވުމުގައި އެ ތަނުން ދެ ކަމެއް ފާހަގަ ކުރި އެވެ. އެއީ:

  • މި މޫސުމުގައި އާއްމުކޮށް އަންނަ އިރުވައި ވިއްސާރައިގެ ކުރިން ބްރޭކްވޯޓާ ނުޖެހިއްޖެ ނަމަ، ފުރާދުއްވާ އުޅަނދު ފަހަަރަށް ފަޅު ބޭނުމެއް ނުކުރެވޭނެ. އެހެންވެއްޖެ ނަމަ، ކާބޯތަކެތި އެތެރެ ނުކުރެވުމުގެ ބިރު އޮންނާނެ

  • ހިމާޔަތެއް ނެތި ރަށުތެރެއަށް އުދަ އަރާނެ

މުސްތަރުސިދު ވިދާޅުވީ މި ކަންބޮޑުވުންތަކަށް "ސަމާލުކަމެއް ނުލިބި ހައްލެއް ނައުމުން"، ކައުންސިލުން ވިޔަފާރިވެރިންނާ ބައްދަލުކޮށް، މުދަލުގެ ކަންކަމުގައި މާކުރިން ތައްޔާރުވެފައިވާ ކަމަށެވެ. އެކަމަކު އާދަޔާހިލާފަށް އުދަ އެރުމުން ކައުންސިލަކަށް ރައްކާތެރިކަމެއް ނުހޯދުން ކަމަށް ވިދާޅުވި އެވެ.

"މި މައްސަލައަށް ސަމާލުކަން ނުދިނުން ވަރަށް ބޮޑު އިހުމާލެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަ ކުރަނީ،" އޭނާ ވިދާޅުވި އެވެެ.

ރަށުތެރެއަށް ލޮނުގެ އަސަރުކޮށް، މިހާރު ވެސް 12 ގެއަކަށް ވަނީ ގެއްލުން ލިބިފަ އެވެ. ވިއްސާރަ އަދިވެސް އަލިނުކުރާތީ، މިރޭ ވެސް އުދަ އަރާނެކަމުގެ ބިރު ނަރުދޫ ރައްޔިތުންގެ އެބައޮތެވެ. ރަށުތެރޭގައި ބޮޑުވެފައިވާ ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރިޔަސް، ރައްޔިތުން ދެކޭ ގޮތުގައި އަދިވެސް ރައްކާތެރިކަމެއް ނެތެވެ.

ކޮމެންޓް (1)

ކައްޒާބު

3 ޖެނުއަރީ 2025
ދެން ލަލަލާ
0 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް