ރައީސް މުއިއްޒު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

މިއީ ތަރައްގީގެ މަޝްރޫއުތައް ފަށައި އިގްތިސާދު އިއާދަވާނެ އަހަރެއް: ރައީސް

މި އާ އަހަރަކީ ތަރައްގީގެ އަހަރަކަށް ހެދުމަށްޓަކައި "ރަނގަޅުކުރަން ޖެހޭ ކަންކަމަށް ރަނގަޅު ގޮތުގައި މަގުދެއްކެވުމަށް" ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައި

މިއަދު ފެށުނު 2025 ވަނަ އަހަރު ވެގެން ދާނީ، ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށައި އިގްތިސާދު އިއާދަވާނެ އަހަރަކަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ، އާ އަހަރުގެ މުނާސަބަތުގައި  ތަހުނިޔާ ދެންނެވުމަށް ރޭ 12 ޖެހިއިރު ފޮނުއްވި އެ މަނިކުފާނުގެ ހިތޯބުގަ އެވެ. އެ ހިތޯބުގައި މިއަހަރަށް އެ މަނިކުފާނު އަމާޒުކުރައްވާ ބައެއް ކަންކަމަށް އަލިއަޅުއްވާލައްވާފައިވެ އެވެ.

ތަފްސީލު - ހިތޯބު ފައްޓަވަމުން ރައީސް ވިދާޅުވީ، 2025 ބައްދަލުކުރަނީ، "އުންމީދުގެ ދަންމަރުތަކާ" އެކު ކަމަށެވެ. އަދި "ތަރައްގީގެ ތަސައްވުރުތަކާއި އިސްލާމީ އަހްވަންތަކަމާ އެކު" ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެއާ އެކު، ރައީސް ވިދާޅުވީ:

  • ދިވެހި ދައުލަތަކީ މިއަދު ކަނޑައަޅާފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެއް؛ މަސައްކަތް ކުރައްވަމުންގެންދަވަނީ އެ ލަނޑުދަނޑިތައް ހާސިލުކުރެއްވުމަށް

  • އެ ކަންކަމުގެ  ތެރޭގައި، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ދިވެހި ގައުމިއްޔަތު ދިފާއުކޮށް، ކަށަވަރުކުރުމުގެ އަމާޒު ހިމެނޭ

  • ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ އަމާޒާއި ބޭސްފަރުވާ އާއި އާންމު އަސާސީ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން، އުމްރާނީ ކުރިއެރުމާއި ދުސްތޫރީ އިސްލާހުތައް ހިމެނޭ

  • އެކި ރޮނގުރޮނގުން ސިންދަފާތުކޮށް، ފުޅާކުރެވޭ އިގްތިސާދެއް ބިނާ ކުރުން ވެސް ހިމެނޭ

"މި ހުރިހާ ކަމަކާއެކީގައި ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ހިޖުރަކުރުމަށް ކުރަހާލެވިފައިވާ ސާފު މަގުޗާޓެވެ. ދިވެހިރާއްޖޭގެ ތަރައްގީގެ ދަތުރުގެ މިއަދުގެ އަމާޒަކީ މި އެވެ،" ރައީސް ވިދާޅުވި އެވެ.

ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ރައީސް ވިދާޅުވީ 2025 ވަނަ އަހަރު ވާނީ އަމާޒުތަކުގެ އަމަލީ މަސައްކަތް ފަށާނެ އަހަރުގެ ގޮތުގަ އެވެ.

"އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ފެށޭނެ އެވެ. ނަތީޖާއަކަށް ވާނީ، އިގުތިސާދީ ފުދުންތެރިކަން އިއާދަވާން ފެށުމެވެ. މަސައްކަތްތެރިންނަށް ފުރުސަތުތައް ހުޅުވިގެންދިއުމެވެ. އެއާ އެކު، އާންމު ތިޔާގިކަމެއް މުޅި ގައުމަށް ލިބެން ފަށާނެ އެވެ،" 2025އަށް އެ މަނިކުފާނުގެ ތަސައްވުރާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، ރައީސް ވިދާޅުވީ:

  • އާ އަހަރަކީ އަބަދުވެސް އަޒުމުތައް ކަނޑައެޅުމަށް ލިބޭ ފުރުސަތެއް؛ ގައުމީ ފެންވަރާއި ޖަމާއަތުގެ ފެންވަރާއި ފަރުދީ ފެންވަރުގައި ވެސް އާ އަހަރުގެ އަޒުމު ކަނޑައެޅިދާނެ

  • ސަރުކާރުގެ އަޒުމަކީ، ރައްޔިތުންނަށް ހިދުމަތްކުރުމުގައި ރެ އާއި ދުވާލު އިހްލާސްތެރިކަމާ އެކު ދެމި އޮތުން އަދި ވައުދުތައް ފުއްދައި ރައްޔިތުންގެ އިތުުބާރު ދެމެހެއްޓުން

  • އަބަދުވެސް ބޭނުންވަނީ ރައްޔިތުންނާ އެންމެ ގާތުގައިވެ، މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް

އެ އަމާޒަށް މަސައްކަތް ކުރަމުގައި ރައްޔިތުންގެ އެއްބާރުލުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

މި ހިތޯބުގައި އެ މަނިކުފާނު ވަނީ ރައްޔިތުންނަށް ނަސޭހަތެއް ވެސް ދެއްވާފަ އެވެ. އެއީ:

  • އާ އަހަރުގައި ފަރުދީ އަޒުމަކަށް ވާންވީ، ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިއަށް ނެރެ، ސުލްހަމަސްލަހަތު އިސްކުުރުން

  • ތަރައްގީ އާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަން އަދި އިހްތިރާމާއި ކުލުނުވެރިކަން

"އެހެންކަމުން، މި ފެށުނު އާ އަހަރަކީ ތަރައްގީގެ އަހަރަކަށް ހެދުމަށްޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށް" ރައީސް އިލްތިމާސް ކުރެއްވި އެވެ.

"ރަނގަޅުކުރަން ޖެހޭ ކަންކަމަށް ރަނގަޅު ގޮތުގައި މަގުދެއްކެވުމަށް އެދެމެވެ."

ހިތޯބު ނިންމާލައްވަމުން ރައިސް ވިދާޅުވީ، 2025 ވަނަ އަހަރު ވެގެން ދާނީ ތިޔާގިކަމުގެ އަހަރަކަށް ކަމަށެވެ. އަދި އެންމެން ގުޅިގެން ގައުމީ ތަރައްގީގައި އެއް އަމާޒަކަށް ދަތުރުކުރުމުގެ އަހަރަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

"[އަދި] ދިވެހިންގެ ރާއްޖޭގެ އަންނަން އޮތް މުސްތަގުބަލަށްޓަކައި ޒިންމާދާރުކަމާ އެކީ ގައުމު ބިނާކުރުމުގެ އަހަރެވެ. އޯގާވަންތަ ﷲ، މި ގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީގު ދެއްވާށި އެވެ! މި ލޮބުވެތި ވަތަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި އެވެ! އާމީން،" ހިތޯބު ނިންމާލައްވަމުން ރައީސް ވިދާޅުވި އެވެ.

ކޮމެންޓް (1)

ސިކުނޑި

2 ޖެނުއަރީ 2025
ޚިތާބު ލިޔާ މީހާވެސް ކުރިން ލިޔެވިފައި ހުރި އެއްޗިއްސައްވެސް ކޮންމެވެސް ވަރަކަށް ބަލާލާނަމަ!!! އަނެއްކާވެސް ހިތުން މޮޅު ޚިތާބަކުން ރީތި ދޮގެއް ހަދަލީއެވެ. މުއީޒުގެ އެއްވެސް ވާހަކައެއްގައި އިޚްލާސްތެރިކަމެއްނެތް! މީހަކު ލިޔެފަދިން ކޮންމެ އެއްޗެއް އަރާހުރެ ކިޔަނީ! ދިދަޔަށް މުޚާތަބުކޮށް ކެނޑިހާ ފޮނި އަދިވެސް ސިކުނޑީގައި ހަރުލާފައި އެބަހުރި!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް