އިންޑިއާގެ މަސައްކަތްތެރިން އާންމުކޮށްފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް.
ކޮންސްޓްރަކްޝަން މަސައްކަތަށް ރާއްޖެ ގެނައި އިންޑިއާގެ 40 މީހުން ހާލުގައި ޖެހިފައި
އިންޑިއާގެ އޮޑިއާއަށް ނިސްބަތްވާ 40 މަސައްކަތްތެރިން ރާއްޖެ ގެނެސް މުސާރަ ނުދީ، ހާލުގައި ޖައްސައިގެން ގެންގުޅޭ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކޮންސްޓްރަކްޝަން މަސައްކަތް ކުރާ އަމިއްލަ ކުންފުންޏަކުން ރާއްޖެ ގެނައި ކަމަށް ބުނާ އެ މީހުންގެ ހާލަތު ކިޔައިދީ، އެނބުރި ގައުމަށް ގެންގޮސްދޭން އިންޑިއާ ސަރުކާރުގައި އެދޭ ވީޑިއޯއެއް ވަނީ ޔޫޓިއުބްގައި އާންމުވެފަ އެވެ. އެ ހަބަރު އިންޑިއާގެ ނޫސްތަކުގައި ވެސް އިއްޔެ ރިޕޯޓުކޮށްފައިވެ އެވެ.
ތަފްސީލް - ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮންސްޓްރަކްޝަން ސައިޓުގައި އެ 40 މީހުން ތިބީ ވަރަށް ހާލުގަ އެވެ. އެ ތަނުން ކަރަންޓުގެ ހިދުމަތް ވެސް ކަނޑާލާފައިވާ ކަމަށް އެ މީހުން އޮޑިއާ ބަހުން ނެރެފައިވާ ވީޑިއޯއާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.
އިންޑިއާގެ އެ 40 މީހުން ރާއްޖެ އައީ މިދިޔަ ޖޫން އަދި ޖުލައިގައި ކަމަށާއި ރަނގަޅު ވަޒީފާގެ ފުރުސަތެއް ކަމަށް ބުނެ އެޖެންޓެއް މެދުވެރިވެގެން ރާއްޖެ އައުމަށް ފަހު އެތައް މަހެއް ވީއިރު މުސާރަ ނުދޭ ކަމަށް އެ މީހުން ބުނެފައިވެ އެވެ.
އެ މަސައްކަތްތެރިންގެ ގުރޫޕުގައި ހިމެނޭ މީހެއްގެ މަންމައާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނީ، ރާއްޖެ އައި ފަހުން އެ މީހުންނަށް މުސާރަ ލިބިފައިވަނީ އެންމެ މަހަކު ކަމަށެވެ.
"އަހަރެންގެ ދަރިފުޅު ހިމެނޭހެން އަހަރެމެންގެ އަވަށުން ނުވަ މީހުން ރާއްޖެ ދިޔައީ މީގެ ހަ މަސް ކުރިން. އެ މީހުންނަށް ރަނގަޅު އާމްދަނީއެއް ލިބޭނެ މަސައްކަތެއް ކުރުމުގެ އުއްމީދުގައި. އެ މީހުންނަށް ލިބުނީ އެންމެ މަހެއްގެ މުސާރަ. މިހާރު ތިބީ އެނބުރި އާދެވޭނެ ގޮތެއް ވެސް ނެތިފައި. އެ މީހުން އަތުގައި ފައިސާއެއް ނެތް،" އޭނާ ބުނެފައިވެ އެވެ.
ޗަތުރަޕޫރު އަވަށުގެ ގިނަ ބަޔަކު މީގެ ތެރޭ ހިމެނޭއިރު، އެ މީހުންގެ އާއިލާތަކުން ވަނީ އެ ސަރަހައްދުގެ ޑިސްޓްރިކްޓް ލޭބާ އޮފިސަރާ ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އެ ކަންބޮޑުވުންތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ހަމައަށް ގެންގޮސްދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ޑިސްޓްރިކްޓު ލޭބާ އޮފިސަރު ވަނީ ވިދާޅުވެފަ އެވެ.
އާއިލާތަކަށް އެ މީހުންގެ ހަބަރު އެނގުނީ ފޯނުން ކަމަށާއި އެ މަސައްކަތްތެރިން ތިބީ ވަރަށް ހާލުގައި ޖެހިފައި ކަމަށް އާއިލާތަކުން ބުނެފައިވެ އެވެ. އަދި އެ މީހުން އެނބުރި އިންޑިއާއަށް ގެންގޮސްދިނުމަށް އާއިލާތަކުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
އެ މީހުން ރާއްޖެ ގެނައީ ކޮން ކުންފުންޏަކުން ކަމެއް އަދި ސާފެއް ނުވެ އެވެ.
ކޮމެންޓް (3)
ބަހުލޫލު
އިންތި
ޙާރިޖިއު