މެންބަރު ހުސައިން ވަހީދުގެ ތައުޒިޔާ ދަފްތަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މަޖިލިސް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
ދެ ރައީސުންގެ ހެޔޮ ބަހާއި ތައުރީފް ހުސައިން ވަހީދަށް: ތައުޒިޔާގެ ދަފްތަރު ހުޅުވައިފި
ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، އިއްޔެ އަވާހަރަވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް މަޖިލީހުން މިއަދު ހުޅުވައިފި އެވެ.
ވީ ކިހިނެއް؟- މިއަދު ހަވީރު މަޖިލީހުގައި އޮތް ކުޑަ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވަނީ ހުސައިން ވަހީދާ މެދު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވައި، ހެޔޮ ބަސް ވިދާޅުވެފަ އެވެ.
ބުނީ ކީކޭ؟- މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ހުސެއިން ސިފަކުރެއްވީ ވަރަށް އަސަރާ އެކު އެވެ.
"ކޮމަންޑޫ ދާއިރާއަށް ގެއްލިގެން ދިޔައީ ހިދުމަތްތެރި ހާދިމެއް. އާއިލާއަށް ގެއްލިގެން އެދިޔާއި ލޯބިވާ އަހެއް. ޑިމޮކްރަސީގެ ހަޔާތުގައި މި ކުރި ދަތުރުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެއް،" ވަރަށް އުދަނގުލުން ވާހަކަ ފައްޓަވަމުން ރައީސް ވިދާޅުވި އެވެ.
ހުސައިން ވަހީދު ނިސްބަތްވާ އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް ސޯލިހް ވިދާޅުވީ ހުސައިންއަކީ ހަމައެކަނި ސިޔާސީ ގޮތުން ގާތް ގުޅުމެއް އޮތް ބޭފުޅެއް ނޫން ކަމަށެވެ. ސިޔާސީ މަސައްކަތުގެ ކުރިން ވެސް ހުސައިން ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ގެއްލިގެން އެ ދިޔައީ ތެދުވެރި، ހެޔޮއެދޭ، ވަރަށް ގާތް އެކުވެރިއެއް. ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަންތައް އެކުގައި ކުރެވިފައި އެބަހުރި. އެ ހަނދާންތައް އަބަދަށް ދެމިގެންދާނެ،" ރައީސް ސޯލިހާ އެކު 17 ވަނަ މަޖިލީހުގައި ވެސް މަސައްކަތް ކުރެއްވި ހުސައިންއާ ބެހޭ ގޮތުން އެ މަނިކުފާނު ވިދާޅުވި އެވެ.
ހުސައިން ވަހީދުގެ ކުރު ހަޔާތުން ރައީސަށް އެންމެ ހަނދާން ހުންނަ ސިފައަކަށް ފެނިވަޑައިގަތީ ކިތަންމެ ދަތި، އުނދަގޫ ހާލަތުގައި ވެސް އޭނާގެ 'ޕޮޒިޓިވް ވިސްނުމެ'ވެ. ހުސައިން ވަހީދު އަބަދުވެސް ދެކެވަޑައިގެންނެވީ ކޮންމެ ކަމެއްގައި ވެސް ރަނގަޅު ގޮތް އޮންނާނެ ކަމަށް ގަބޫލުކުރައްވައި، އެގޮތަށް މަސައްކަތް ކުރެއްވުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ދުއާއަކީ ހުސައިން ވަހީދުގެ ފުރާނަފުޅަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން. އަޅުގަނޑުގެ ދުއާއަކީ އާއިލާއަށް ކެތްތެރިކަން ދެއްވުން. އަދި ހުސައިންގެ އެ ކުރު ހަޔާތުގެ ހަނދާންތައް އަބަދުވެސް ވާނެ ކަމުގެ ޔަގީންކަން އަޅުގަނޑުގެ އެބަ އޮތް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަދި މަޖިލިހުގެ ރައީސް ނަޝީދު ހުސައިން ވަހީދު ސިފަކުރެއްވީ، އެހެން މީހުންނަށް މިސާލަކަށްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އެ މަނިކުފާނު ވިދާޅުވީ ވަކިވެގެން ދިޔައީ މަޖިލީހުގެ ހަޔާތުގައި ފާހަގަކުރެވޭ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި ހުސައިން ވަހީދު ކަންކަން ހައްލުކުރުމަށް، ރަނގަޅު ކުރުމަށް އަޅުގަނޑަށް ދެއްވާފައިވާ ހެޔޮ ނަސޭހަތާއި އިރުޝާދު، އިއްޔެ މެންދުރުގެ ކަމެއް ފަދައިން އަޅުގަނޑުގެ ހަނދާނުގައި ބިންވަޅު ނެގިފައި އެބަހުރި،" ނަޝީދު ވިދާޅުވި އެވެ.
"ހުސައިން ވަހީދު އަޅުގަނޑާ އެކު 10 ކެމްޕެއިންނެއްގައި މަސައްކަތް ކުރެއްވި. [އަދި] 32 އަށް ވުރެ ގިނަ ރަށަށް އަޅުގަނޑާ އެކު ދިޔަ."
ނަޝީދު ވިދާޅުވި ގޮތުގައި "ފިތުނަވެރިކަމާއި ހަސަދަވެރިކަމާއި ބައިބައިވުން" އަދި "ނަފްރަތު"ގެ އަމަލުތަކަކީ ހުސައިން ވަހީދާ އެންމެ ބީރައްޓެހި އަމަލުތަކެވެ. ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށާއި ސިޔާސީ ހަރަކާތްތަކުގައި ހުސައިން ކުރެއްވި މަސައްކަތްތައް ވެސް ނަޝީދު ފާހަގަކުރެއްވި އެވެ.
އެނގުން މުހިންމު - ދެ ރައީސުންގެ ވާހަކަތަކަށް ފަހު، ރައީސް ސޯލިހު ވަނީ ތައުޒިޔާގެ ދަފްތަރު ހުޅުވައިދެއްވައި އޭގައި ސޮއިކުރައްވައިފަ އެވެ. އެއަށް ފަހު މަޖިލީސް ރައީސް ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރެއްވި އެވެ.
މަޖިލިސް މި ވަގުތު ޗުއްޓީގައި އޮތް އިރު، މި ރަސްމިއްޔާތުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައެއް މެންބަރުންނާއި ޖުމްހޫރީ ޕާޓީއަށް ނިސްބަވްވާ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް އެހެން އެއްވެސް ޕާޓީއެއްގެ މެންބަރަކު އެ ރަސްމިއްޔާތުން ނުފެނެ އެވެ.
ފަސް މަންޒަރު - ހުސައިން ވަހީދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިދިޔަ ހޯމަދުވަހުގެ ރޭ ދަންވަރު އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އޭނާ ފަސްދާނުލީ އިއްޔެ މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބޭއްވި ކަށު ނަމާދަށް ފަހު އެވެ.