ހުޅުމާލޭގައި ޓެކްސީ ޑަރައިވަރުން މުޒާހަރާ ކުރަމުންދަނިކޮށް ފުލުހުން ޓެކްސީތައް ޓޯ ކުރުމުގެ މަސައްކަތުގައި: އޭރު ހައްޔަރުކުރި ދެ ޑްރައިވަރަކު ދޫކޮށްލައިފި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޓެކްސީ

މުޒާހަރާގެ މައްސަލާގައި ހައްޔަރުކުރި 2 ޓެކްސީ ޑްރައިވަރުން ދޫކޮށްލައިފި

އެ މީހުން އުޅޭ ތަން ގަވާއިދުން ކޯޓަށް އެންގުމަށާއި އެއްބާރުލުން ދިނުމަށް ޝަރުތު ކޮށްފައިވޭ

މިދިޔަ ބުދަ ދުވަހުގެ ރޭ ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖާ ގުޅިގެން ހައްޔަރު ކުރި ދެ ޑްރައިވަރުން މިއަދު ދޫކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - ޓެކްސީ ޑްރައިވަރުން މިދިޔަ ބުދަ ދުވަހު ހުޅުމާލޭގައި އިހުތިޖާޖުކޮށްފައި ވަނީ ސަރުކާރުން ޓެކްސީ ދިނުމުގެ ހިދުމަތް ފަށަން އުޅޭތީ އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ. އެ އިހުތިޖާޖުގެ ތެރެއިން ހުުޅުމާލޭ ހައިވޭ ބަންދުކޮށް އިހުތިޖާޖުކުރި އެވެ. އެގޮތުން:

  • އެ އިހުތިޖާޖުން ތިން ޑްރައިވަރުން ހައްޔަރުކޮށް އެއިން ދެ ޑްރައިވަރުން ވަނީ ފަސް ދުވަހަށް ބަންދުކޮށްފައި

  • ހުޅުމާލޭ ހައިވޭއަށް ނޭރޭ ގޮތަށް ދަތިކުރި ޓެކްސީތައް އެއް މަހަށް ފުލުހުން ވަނީ ހިފަހައްޓާފައި

  • އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ވެސް އިތުރު ޑްރައިވަރަކު ފުލުހުން ހައްޔަރުކުރި

ތަފްސީލް - ފުލުހުން ބުނި ގޮތުގައި، ބުދަ ދުވަހުގެ ރޭ ބަންދު ކުރި ދެ ޑްރައިވަރުންނަށް ދިން މުއްދަތު މިއަދު ވަނީ ހަމަވެފަ އެވެ.

ބަންދުގެ މުއްދަތު އިތުރުކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މިއަދު ގެންދިއުމުން އެ މީހުން ދޫކޮށްލަން ކޯޓުން ނިންމި ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން އުޅޭ ތަން ގަވާއިދުން ކޯޓަށް އެންގުމަށާއި އެއްބާރުލުން ދިނުމަށް ވެސް ޝަރުތު ކޮށްފައިވެ އެވެ.

ގުޅުން ހުރި - ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖާ ގުޅިގެން ގިނަ އަދަދެއްގެ ޓެކްސީތައް ހިފަހައްޓާފައިވާތީ ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށް އިއްޔެ ބަޔާނެއް ވެސް ނެރުނެވެ. އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފުލުހުން ހިފެހެއްޓި ބައެއް ޓެކްސީތަކަކީ އިހުތިޖާޖުގައި ބައިވެރިނުވާ ޓެކްސީތަކެކެވެ.

އެނގުން މުހިންމު - މީގެ ކުރިން އިއުލާންކޮށްފައިވާ ގޮތުގައި، ސަރުކާރުން ފަށާ ޓެކްސީލައިންގެ ހިދުމަތް ދޭނީ ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެ ޓެކްސީ ލައިންގެ ބައެއް ކާރުތައް ދުވަހު ކުއްޔަށް ޓެކްސީ ކުރަން ދޫކުރާނޭ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. މީގެ އިތުރުން، ސަރުކާރުން ބުނެފައި ވަނީ ޓެކްސީ ލައިން ފެށި ނަމަވެސް މިހާރު ޓެކްސީގެ ހިދުމަތް ދޭ ޑްރައިވަރުންނަށް އެކަމުން އުނދަގުލެއް ނުވާނޭ ކަމަށެވެ.   

އިތުރު އާޓިކަލް

އިތުރު އާޓިކަލް