މިިދިޔަ ބުދަ ދުވަހުގެ ރޭ ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި ކުރި އިހުތިޖާޖާ ގުޅިގެން ފުލުހުން ބައެއް ޓެކްސީތައް ޓޯކުރުމުގެ މަސައްކަތް ކުރަނީ: މި އިހުތިޖާޖާ ގުޅިގެން 4 ޑްރައިވަރުން ވަނީ ހައްޔަރުކޮށްފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ޓެކްސީ

ޓޯކުރި ގިނަ ޓެކްސީތައް އިހުތިޖާޖުގައި ބައިވެރިއެއް ނުވޭ؛ ވަގުތުން ދޫކޮށްލަން ޖެހޭ: ޑްރައިވަރުންގެ ޖަމިއްޔާ

ގިނަ ކާރުތަކެއް މަސް ދުވަހަށް ޓޯކުރުމުން އެކަމުގެ ސަބަބުން އެތައް ޓެކްސީ ޑްރައިވަރަކަށް މާލީ ގެއްލުންތައް ލިބެމުން ދާތީ އެކަމާ ޑްރައިވަރުންގެ ޖަމިއްޔާއިން ވަނީ ނުރުހުން ފާޅުކޮށްފައި

ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖާ ގުޅިގެން ފުލުހުން ހިފެހެއްޓި ގިނަ ޓެކްސީތަކަކީ އެކަމުގައި ބައިވެރިނުވާ ކާރުތަކެއް ކަމަށް ބުނެ، ޑްރައިވާސް އެސޯސިއޭޝަނުން ފުލުހުންގެ އަމަލުތައް ކުށްވެރިކޮށް އެ ޓެކްސީތަކާއި ހައްޔަރުކޮށްފައި ތިބި ޑްރައިވަރުން ދޫކޮށްލުމަށް ރޭ ގޮވާލައިފި އެވެ. 

ވީ ކިހިނެއް؟ - ޓެކްސީ ޑްރައިވަރުން މިދިޔަ ބުދަ ދުވަހު ހުޅުމާލޭގައި އިހުތިޖާޖުކޮށްފައި ވަނީ ސަރުކާރުން ޓެކްސީ ދިނުމުގެ ހިދުމަތް ފަށަން އުޅޭތީ އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ. އެ އިހުތިޖާޖުގެ ތެރެއިން ހުުޅުމާލޭ ހައިވޭ ބަންދުކޮށް އިހުތިޖާޖުކުރި އެވެ. އެގޮތުން:

  • އެ އިހުތިޖާޖުން 3 ޑްރައިވަރުން ހައްޔަރުކޮށް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ވެސް ވަނީ ފަސް ދުވަހަށް ބަންދުކޮށްފައި

  • ހުޅުމާލޭ ހައިވޭއަށް ނޭރޭ ގޮތަށް ދަތިކުރި ޓެކްސީތައް އެއް މަހަށް ފުލުހުން ވަނީ ހިފަހައްޓާފައި 

ޓެކްސީ ޑްރައިވަރުން އިހުތިޖާޖްކުރާއިރު ފުލުހުން ހަރަކާތްތެރި ވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބުނީ ކީކޭ؟ - ފުލުހުންގެ އެ އަމަލުތައް ކުށްވެރިކޮށް ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖުގެ ތެރެއިން މަގު ބަންދުކޮށް، އާންމު ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ގަސްތުގައި ޑްރައިވަރުން އަމަލުކުރި ކަމަށް ފުލުހުން ތުހުމަތުކުރި ނަމަވެސް އެއީ ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށެވެ. އެކަން ހިނގައި ދިޔަ ގޮތް ތަފްސީލްކޮށްދެމުން އެ ބަޔާނުގައި ބުނީ: 

  • ހައިވޭއަށް އަރާ މަގުގައި ޓްރެފިކް ތޮއްޖެހި، ބަންދުވާ ގޮތް ދިމާވީ އިހުތިޖާޖު ނިންމާލުމުގެ ގޮތުން އެކަމުގައި ބައިވެރިވި ޓެކްސީތައް އެއްފަހަރާ މަގުމައްޗަށް ނުކުތުމުން

  • އެކަމުގެ ސަބަބުން އާންމުންނަށް ކުރިމަތިވި ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް ބުނި 

"ކުރިއަށް އޮތް ތަނުގައި މިފަދަ އެއްވެސް ކަމެއް ތަކުރާރުނުވާނެ ގޮތަށް އަމަލުކުރުމަށް މި ދާއިރާއާ ގުޅުންހުރި ފަރާތްތަކަށް މި ޖަމިއްޔާއިން އިލްތިމާސްކުރަމެވެ،" ބަޔާނުގައި ބުންޏެވެ. 

މި އަނިޔާވެރި އަމަލު ވަގުތުން ވަގުތަށް ހުއްޓާލައި ހައްޔަރުގައިވާ ފަރާތްތަކާއި ޓޯކޮށްފައިވާ ކާރުތައް މި ހިނދުން މިހިދަށް ދޫކޮށްލުމަށް ގޮވާލަމެވެ.

ޑްރަވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ތަފްސީލް - ބަޔާނުގައި ބުނި ގޮތުގައި، ޑްރައިވަރުންތަކެއް ހައްޔަރުކޮށް، ގިނަ އަދަދެއްގެ ޓެކްސީތައް ފުލުހުން ޓޯކުރީ އެ އިހުތިޖާޖު ނިންމާލުމަށް ފަހު އެ މީހުން ދިޔަ މަގުމަތީގަ އެވެ. އަދި ޓޯކޮށް، މަސް ދުވަހަށް ހިފަހައްޓާފައި ހުރި ވަރަށް ގިނަ އަދަދެއްގެ ޓެކްސީތަކަކީ އިޖުތިޖާޖުގައި ބައިވެރިނުވާ ޓެކްސީތައް ކަމަށް ވެސް ޖަމިއްޔާގެ ބަޔާނުގައި ބުންޏެވެ. އަދި މިފަދަ ގޮތަކަށް ޓެކްސީތައް ޓޯކޮށްފައިވުމުން ޓެކްސީ ދުއްވާ ފަރާތްތަކާއި ކާރުވެރިންނަށް މާލީ ބޮޑެތި ގެއްލުންތައް ކުރިމަތިވަމުން ދާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. 

"މި އަނިޔާވެރި އަމަލު ވަގުތުން ވަގުތަށް ހުއްޓާލައި ހައްޔަރުގައިވާ ފަރާތްތަކާއި ޓޯކޮށްފައިވާ ކާރުތައް މި ހިނދުން މިހިދަށް ދޫކޮށްލުމަށް ގޮވާލަމެވެ. އެއްވެސް އިންޒާރެއް ނެތި އަދި ދުއްވަމުން ދިޔަ ކާރުތަކަށް އެއްވެސް ވަރަކަށް ފުލުހުން މިކަމުގައި އަމަލުކުރަންވީ މަގެއް ދައްކައި ނުދީ، އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކާއި އިހުތިޖާޖުގައި ބައިވެރިނުވާ ގިނަ އަދަދެއްގެ ކާރުތައް ޓޯކުރުމަކީ ތަހުޒީބު ޑިމޮކްރަސީއެއްގައި ކޮށްގެންވާނެ އަމަލެއް ނޫނެވެ،" ޖަމްއިއްޔާގެ ބަޔާނުގައިވެ އެވެ. 

ޓެކްސީއެއް މަގުމަތިން ދުއްވާފައި ދާއިރު ޓެކްސީ އެއް ހޯދުމަށް މީހަކު އަތް ނަގައިގެން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ބަޔާނުގައި ފާހަގަކުރި ގޮތުގައި މިހާތަނަށް އެ މީހުން ކުރި ޑިމާންޑްތަކަށް ސަރުކާރުން އެއްވެސް ވަރެއްގެ އިޖާބައެއް ދީފައެއް ނުވެ އެވެ. އެގޮތުން، އެ ތަނުން ބުނީ: 

  • މާލޭގައި ޓެކްސީ ކުރުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ނުކޮށްދޭ 

  • މާލޭގައި ދަތުރުކުރަން ދަތިތައް ކުރިމަތިވަނީ ޓެކްސީ ޑްރައިވަރުންގެ އަމަލުތަކުން ކަމަށް ބުނާތީ އެކަން  ޖަމްއިއްޔާއިން ކުށްވެރިކޮށްފައިވޭ

ފާހަގަކޮށްލެވޭ - ޖަމިއްޔާގެ ބަޔާނުގައި ޔަގީންކަން ދިން ގޮތުގައި ހައްޔަރުކޮށްފައިވާ ޑްރައިވަރުންނާއި ޓެކްސީތައް ދޫކޮށްލަން ދެން ޑްރައިވަރުންގެ މުޒާހަރާ ކުރިއަށް ގެންދާނެ އެވެ. އެ ތަނުން ބުނީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް އަޑުއަހައި ހައްލުކޮށް ދިނުމަށް ސަރުކާރުން އަދިވެސް މަސައްކަތް ކުރާނޭ ކަމަށް އުންމީދުކުރާ ކަމަށެވެ.

އެނގުން މުހިންމު - މީގެ ކުރިން އިއުލާންކޮށްފައިވާ ގޮތުގައި، ސަރުކާރުން ފަށާ ޓެކްސީލައިންގެ ހިދުމަތް ދޭނީ ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެ ޓެކްސީ ލައިންގެ ބައެއް ކާރުތައް ދުވަހު ކުއްޔަށް ޓެކްސީ ކުރަން ދޫކުރާނޭ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. މީގެ އިތުރުން، ސަރުކާރުން ބުނެފައި ވަނީ ޓެކްސީ ލައިން ފެށި ނަމަވެސް މިހާރު ޓެކްސީގެ ހިދުމަތް ދޭ ޑްރައިވަރުންނަށް އެކަމުން އުނދަގުލެއް ނުވާނޭ ކަމަށެވެ. 

ކޮމެންޓް (2)

ހަމަ ގޮގް

18 ޑިސެމްބަރު 2024
ހީވަނީ ޓޯކުރީ އިންޑިއާގަ ޕާރކް ކޮއްފައޮތް ޓެކްސީ ތަކެއް ހެން. މިމީހުން ނުވާނެ ބަދަލެއް ދޮގު ހެދުން މި އޮންނަނީ ހަމައެކަނި ދަތުރުކުރާ އަގު އެހުމުން އެކަންޏެއް ނޫނެވެ.
0 0

ކްލައުޑް

17 ޑިސެމްބަރު 2024
👏🏻👏🏻❤️
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް