ށ. ފީވަކުގައި އަމިއްލަ މީހަކު އެޅި މިސްކިތެއް. މިތަނާ ކައުންސިލުން ހަވާލުނުވި މައްސަލަ ވަނީ ބޮޑުވެފައި
ފީވަކުގައި މިސްކިތެއް އެޅިތާ ދޮޅު އަހަރު؛ ކައުންސިލުން ހަވާލެއް ނުވި
އާއްމު މީހަކު ށ. ފީވަކުގައި އެޅި މިސްކިތަކާ ހަވާލުވާން އެ ރަށު ކައުންސިލުން ދެކޮޅު ހެދި މައްސަލަ ބޮޑުވެއްޖެ އެވެ.
ވީ ކިހިނެއް؟- މާލޭގައި ދިރިއުޅޭ ފީވަކުގެ ވިޔަފާރިވެރިއެއް ކަމަށްވާ އަބްދުއްރަހްމާން އަލީ، ސަރުކާރުގެ ހުއްދައާ އެކު އެ ރަށުގެ ބަނދަރުމަތީގައި ބޮޑު މިސްކިތެއް އެޅިތާ މިހާރު ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެކަމަކު މިސްކިތް ހުޅުވައި، ނަމާދު ކުރަން ފެށި ނަމަވެސް ކައުންސިލުން ދަނީ އެތަނާ ހަވާލުވާން ދެކޮޅު ހަދަމުންނެވެ.
އަބްދުއްރަހްމާން ބުނިގޮތުގައި އޭނާގެ ބައްޕަގެ ނަމުގައި 'މަސްޖިދު އަލީ ޔޫސުފް' އިމާރާތްކޮށް ނިންމި ނަމަވެސް، ކައުންސިލުން އެތަނާ ހަވާލުވާން ދެކޮޅު ހަދަނީ 'ޒާތީ ސަބަބުތަކާ ހެދި' އެވެ. އަދި ސަރުކާރުން އެންގި ނަމަވެސް ކައުންސިލުން އެތަނާ ހަވާލުނުވާތީ، ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި އިމާމާއި މިސްކިތް ފޮޅާ ސާފުކުރާ މީހުން އަދި ކަރަންޓު ބިލްގެ ހަރަދުތައް ބަލަހައްޓަމުން ދިޔައި އަމިއްލަ ޖީބުން ކަމަށް ބުންޏެވެ.
"ސިޔާސީ ގޮތުން އެއް ފިކުރަކަށް ނުވީމާ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ. މިސްކިތާ ހަވާލު ނުވާނަމޭ ބުނެވުނީމާ އެ ބަހުގައި ހިފަހައްޓަނީ،" އަބްދުއްރަހްމާން ބުންޏެވެ.
"އެކަމަކު މީގައި އެންމެ އަޖައިބުވާ ތަންކޮޅަކީ ދައުލަތުގެ އެއްވެސް އިދާރާއަކުން އެންގީމަ ވެސް މިކަމެއް ނުކުރި. އެ އިދާރާތަކަކަށް ވެސް އެ މީހުން ޒިންމާދާރެއް ނުކުރެވުނު."
އެނގިފައިވާ ގޮތުގައި 360 މީހުންގެ ޖާގައިގެ މިސްކިތުގެ ހުރިހާ ހަރަދަކަށް، މިދިޔަ އަހަރު ފިނޭންސް މިނިސްޓްރީން ވަނީ ފައިސާ ހަމަޖައްސާފަ އެވެ. އަދި މިއަހަރުގެ ބަޖެޓް ފާސްކުރީ ވެސް މަސްޖިދު އަލީ ޔޫސުފް ހިންގުމަށް ދާނެ ހަރަދުތައް ހިމަނައިގެންނެވެ.
ކައުންސިލުން ބުނީ ކީކޭ؟
ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ވަނީ އަބްދުއްރަހްމާންގެ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. އިތުރަށް ވިދާޅުވީ އެއީ ސަރުކާރުގެ ވުޒާރާތަކުގެ މެދުގައި ހިނގާފައިވާ މުއާމަލާތްތަކެއް ކަމަށާއި އެހެންވެ، އެކަމާ ގުޅޭ އިތުރު ތަފްސީލު، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދުމަމަށެވެ.
މިސްކިތާ ގުޅޭގޮތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ބަދަލުކޮށްފައިވާ ބައެއް ލިޔެކިޔުންތައް 'ދައުރު'އަށް ވަނީ ލިބިފަ އެވެ. އެއިން އެނގޭ ގޮތުގައި:
-
މިސްކިތް އަޅާ ނިމުމުން، އެތަނާ ހަވާލުވުމަށް އެދި ތިން ފަހަރެއްގެ މަތިން އިސްލާމިކް މިނިސްޓްރީން ފީވަކު ކައުންސިލަށް ސިޓީ ފޮނުވި
-
އެއަށް އަމަލު ނުކުރުމުން ދެން މިނިސްޓްރީން އެދުނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އެހީއަށް
-
އެލްޖީއޭގައި އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތާ ހަވާލުނުވުމަށް ކައުންސިލުން އެކި އުޒުރުތައް ދައްކަމުން އަންނަ ކަމަށް
-
އޭގެތެރެއިން އެއް އުޒުރެއްގެ ގޮތުގައި، މިސްކިތް ބިނާ ކުރީ ކުރެހުމާ އެއްގޮތަށް ނޫން ކަމާއި އެއަށް ބަދަލު ގެންނަން އެންގުމުން، އެކަންކުރިކަން ކައުންސިލަށް އަންގާފައި ނުވާ ކަމަށް ބުނާކަމަށް
މިކަންކަމަށް ރިއާޔަތްކޮށް އެލްޖީއޭއިން މި އަހަރުގެ ޖެނުއަރީ މަހު ކައުންސިލަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ. އޭގައި ބުނެފައިވާ ގޮތުގައި:
-
ރާއްޖޭގައި އަޅާ މިސްކިތްތަކަށް ހުއްދަ ދިނުމާއި މިސްކިތުގެ ކުރެހުމަށް ހުއްދަ ދިނުމަކީ މިނިސްޓްރީން ކުރާކަމެއް ކަމަށް. އަދި އެ އުސޫލުން ފީވަކު މިސްކިތަށް ވެސް މިނިސްޓްރީން ހުއްދަ ދީފައިވާ ކަމަށް
-
ރަށްރަށުގައި އަޅާ މިސްކިތްތައް ކައުންސިލުން ބެލެހެއްޓުމަކީ އެތަނުގެ ގާނޫނީ ޒިންމާއެއް ކަމަށް. އެހެންވެ، އެކަން ކުރުމަށާއި ރައްޔިތުންގެ ފައިދާއަށް އާއްމު މީހަކު ކުރާ މި ފަދަ ކަންކަމަށް އެއްބާރުލުން ދިނުމަށް އެދިފައި ވޭ
އެލްޖީއޭ އާއި ލޯކަލް ގަވަމެންޓް މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީން ތަކުރާރުކޮށް އެދުނު ނަމަވެސް، ފީވަކު ކައުންސިލަކުން މިސްކިތަކާ ހަވާލެއް ނުވެ އެވެ.
"މިކަމުގައި އަޅުގަނޑު އިސްލާމިކް މިނިސްޓަރު ޝަހީމް [މުހައްމަދު ޝަހީމް އަލީ ސައީދު]އާ ވެސް ބައްދަލުކުރިން. ޝަހީމް ވިދާޅުވީ ކައުންސިލްގެ ރައީސްއަށް ގުޅުއްވި ކަމަށާއި އެކަމަކު ރައީސް ވާހަކަ ދެއްކެވީ ހުތުރު ބަހުން ކަމަށް. އަދި އެއީ މިނިސްޓަރު ކަމަށް ވިދާޅުވުމުން ވެސް މުހާތަބު ކުރެއްވީ ހަމަ އެހެން ކަމަށް ވިދާޅުވި،" އަބްދުއްރަހްމާން ބުންޏެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ 500 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ކައުންސިލަކުން، ދައުލަތުގެ މިނިސްޓަރުންނާއި މިނިސްޓްރީތަކަށް ވުރެވެސް މަތީގައި އުޅޭތަން. އަދި އެކަމަށް އެއްވެސް ފިޔަވަޅެއް ނޭޅޭތަން."
ލޯކަލް ގަވަމެންޓު ގާނޫނުގައި އޮންނަ ގޮތުން ރަށްރަށުގެ މިސްކިތްތައް ބަލަހައްޓައި ހިންގަން ޖެހޭނީ ކައުންސިލުންނެވެ. އާއްމުންނަށް އެކަން ކުރުމުގެ ހުއްދައެއް ނޯވެ އެވެ.
ކޮމެންޓް (5)
އަބްދުރަހްމާން
ޢަލީ ޔާސިރު
ނުރަބޯ
އަހްމަދު އަލީ
ޙަޖީ