އާ ސަހަރާގައި ހުރި މަހާނަތަކެއް (ދައުރު ފޮޮޓޯ/ މުޒައްޔިން ނާޒިމް)

ގަލޮޅު ސަހަރާ އިން ބައެއް މަހާނަތައް ނަގަނީ

ކައުންސިލުން ވަނީ އެތަނުގައި މަހާނަ ގާތައް ޖެހި ފަރާތްތަކުން އެ ނެގުމަށް މުހުލަތެއް ދީފައި
4 ޑިސެމްބަރު 2024

ގަލޮޅު ސަހަރާގައި ކުރާ މަސައްކަތަކާ ގުޅިގެން، އެ ތަނުގައި ހުރި ބައެއް މަހާނަތައް ނެގުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ވީ ކިހިނެއް؟- ގަލޮޅު ސަހަރާ މަރާމާތުކޮށް، ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. އެއާ އެކު ޖަނާޒާގެ ކަންކަން މެދުކަނޑާލާފައި އޮތުމަށް ފަހު އެކަން ކުރަން ފެށީ މީގެ ދެ މަސް ކުރިންނެވެ. މާލޭ ސިޓީ ކައުންސިލުން ބުނިގޮތުގައި ސަހަރާގެ މަރާމާތުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އެހެންވެ، ކުރިއަށް ގެންދާ މަސައްކަތަކާ ގުޅިގެން ބައެއް މަހާނަތައް ނަގަން ނިންމާފައިވާ ކަމަށް ބުންޏެވެ.

އެތަނުން ބުނިގޮތުގައި:

  • ސަހަރާގެ ހުޅަނގު އުތުރު ފަރާތާއި ދެކުނު ފަރާތު ސަރަހައްދުގައި ހުރި މިނިކަށިތައް ވަނީ ނަގަން ނިންމާފައި

  • އެހެންވެ، އެކަން ކުރުމަށް ފުރަތަމަ ޖެހެނީ މަހާނަ ގާތައް ނަގަން

  • ސަހަރާގައި ވަޅުލާފައި ހުރި މިނިކަށިތައް ދެން ވަޅުލާނެ ތަނެއް އަދި ނުބުނޭ

ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދުގައި މަހާނަގާތައް ޖަހާފައިވާ ފަރާތްތަކުން، ގާތައް ނަގައިގެން ގެންދިޔުމަށް މުއްދަތެއް ދީފަ އެވެ. އެގޮތުން މި މަހުގެ 15އިގެ ކުރިން ގާތައް ނަގައިގެން ގެންދިޔުމަށާއި އެ މުއްދަތުގައި ނުނަގާ ގާތައް، ކައުންސިލުން ނަގައި ނައްތާލާނެ ކަމަށް ބުންޏެވެ.

އެނގުން މުހިއްމު- އާ ސަހަރާ މަރާމާތު ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. މަސައްކަތް ދިގުލައިގެން ދާތީ ސަރުކާރުން ވަނީ އެ މަސައްކަތް މިދިޔަ ޖެނުއަރީ މަހު އެހެން ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް