މާލޭގެ މަގުމަތީގައި ބުޅަލެއް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ކައުންސިލުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ ކަމަށް ބުނެ އޮޅުހިޔާއަށް ބުޅާ ގެންދިއުން މަޑުޖައްސާލަން މިނިސްޓްރީން އެދިއްޖެ
މާލެ ސަރަހައްދުގެ ރަށްރަށުގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ހިޔާވަހިކަން ދީ، ބެލެހެއްޓުމަށް މާލެ ސިޓީ ކައުންސިލުން މިހާރު ރާވާފައިވާ ގޮތް ރައްކާތެރި ނޫން ކަމަށް ބުނެ، މި ވަގުތަށް ބުޅާތައް ގެންދިއުން މަޑުޖައްސާލަން އެގުރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ބުޅާ ބެލެހެއްޓުމަށް ހުޅުވާފައިވާ 'އޮޅުހިޔާ' އަށް ބުޅާތައް ގެންދިއުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް މިނިސްޓްރީން ސިޓީ ކައުންސިލާ ހިއްސާކުރި އެވެ. އެއާ ގުޅިގެން ކައުންސިލްގެ ޖަވާބެއް ނުލިބިގެން، ކަންބޮޑުވުން ފާޅުކޮށް މިނިސްޓްރީން ނޫސް ބަޔާނެއް މިރޭ ވަނީ ނެރެފަ އެވެ.
ތަފްސީލް - އެނިމަލް ވެލްފެއާ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މިހާރު ކައުންސިލުން ރާވާފައިވާ ގޮތުން ވަރަށް ގިނަ މައްސަލަތަކެއް ނުކުމެދާނެ ކަމަށެވެ. އެ މިނިސްޓްރީން ފާހަގަކުރި ބައެއް މައްސަލަތަކަކީ:
-
އޮޅުހިޔާ އަދި ރަޖިސްޓްރީކޮށްފައެއް ނެތް؛ އެ ތަނުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން ވެސް ރަޖިސްޓްރީކޮށްފައެއް ނެތް
-
އަލަށް ގެންނަ ބުޅާތައް ކަރަންޓީނު ކުރުމަށް ބޭނުންވާ ކޮށިތައް އޮޅުހިޔާގައި މި ވަގުތު ނެތުން
-
އޮޅުހިޔާގައި އޮޕަރޭޝަންތައް ހިންގަން އެކަށީގެންވާ ނިޒާމެއް ގާއިމުވެފައި ނެތުން؛ ޑިސްއިންފެކްޓް ކުރަން ޖެހޭ ހާލަތުގައި ބުޅާތައް ބަހައްޓާނެ އެހެން ތަނެއް ނެތުން
-
ވެޓެރިނޭރިއަން ޑޮކްޓަރުންނާއި ނަރުހުންނާއި ބުޅަލަށް ކާންދީ ބަލަހައްޓަން ތަމްރީނުވެފައިވާ މުވައްޒަފުން ނެތުން
-
އޮޅުހިޔާގައި އުފެދޭ ނުރަައްކާތެރި ބަޔޮލޮޖިކަލް ވޭސްޓް ނައްތާލަން ނިޒާމެއް ގާއިމުކޮށްފައި ނެތުން
-
އޮޅުހިޔާއިން ހިދުމަތް ދިނުމަށް ބޭނުންވާ ބޭސް ހޯދުމަށް އެއްވެސް ނިޒާމެއް ނެތް
-
އޮޅުހިޔާގައި ތިބޭ ބުޅާތަކަށް ކާނާ އާއި ފެން ފޯރުކޮށްދޭން ބޭނުންވާ ފަދަ ނިޒާމެއް އަދި ކެޓްލިޓާ ފަދަ މުހިންމު ތަކެތި ނެތް
މި ކަންކަން ފުރިހަމަނުކޮށް އޮޅުހިޔާއަށް ބުޅާތައް ނުގެންދަން ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.
"އޮޅުހިޔާއިން ހިދުމަތް ދޭން ފެށުމުގެ ކުރިން މި މައްސަލަތައް ހައްލުކުރަންޖެހެއެވެ. މިނިސްޓްރީން ވަނީ އަޕްޑޭޓްތައް ހޯދުމަށާއި މައްސަލަތައް ހައްލުކުރުމަށް މާލޭ ސިޓީ ކައުންސިލުގައި އެދިފައެވެ. ނަމަވެސް މިހާތަނަށް މިކަން ކުރެވިފައެއްނުވެއެވެ. އެހެންކަމުން މަތީގައި ބަޔާންކުރި ކަންކަން ފުރިހަމަނުކޮށް އޮޅުހިޔާއަށް ބުޅާތައް ނުގެންދިޔުމަށް ސިޓީ ކައުންސިލަށް އިލްތިމާސްކުރަމެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ކޮމެންޓް (1)
ވަގޮ