ރައީސް އަދި ނައިބު ރައީސް ޕެެޓް ކެއާ ފެސިލިޓީ ބައްލަވާލައްވަނީ(ފޮޓޯ/ރައީސް އޮފީސް)
'އޮޅު ހިޔާ' ނަމުގައި ބުޅާ މަރުކަޒު ހުޅުވައިފި
މާލޭ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ގާއިމުކޮށްފައިވާ 'ޕެޓް ކެއާ ފެސިލިޓީ' "އޮޅު ހިޔާ" ނަމުގައި ރައީސް މުހައްމަދު މުއިއްޒު މިއަދު ހުޅުއްވައިދެއްވައިފި އެވެ.
ވީ ކިހިނެއް؟ - މި ސަރުކާރުގެ ހަފްތާ 14ގެ ވައުދުތަކުގައި ތެރޭގައި ހިމެނޭ މި ފެސިލިޓީ އެމަނިކުފާނު ހުޅުއްވައިދެއްވީ މިއަދު ހަވީރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ދައުލަތުގެ އިސްވެރީން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ތަފްސީލް - ޕެޓް ކެއާ ފެސިލިޓީ، ހުޅުއްވައިދެއްވައި ރައީސް މުއިއްޒު ވަނީ އެތަން ބައްލަވާލައްވާފަ އެވެ. މި ފެސިލިޓީއަކީ މި ސަރުކާރުގެ އިސްނެންގެވުމުގެމަތީން މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފެސިލިޓީއެކެވެ. މި މަޝްރޫއުގެ މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓްކެއާގެ ހަރުދަނާ ގަވާއިދުތަކަކާއި އުސޫލުތަކެއް ތަންފީޒުކުރުން ހިމެނެ އެވެ.
މި ފެސިލިޓީގައި ބުޅާތަކަށް އެކަށީގެންވާ ޒަމާނީ ފެންވަރުގެ ޝެލްޓާ ތަކެއްގެ އިތުރުން އެތަނުގެ ތެރެއިން އެތަކެއްޗަށް ފަރުވާކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ:
-
މި މަޝްރޫއުއަކީ އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން ހިންގެވުމަށް މަސައްކަތްޕުޅު ކުރެއްވި މަޝްރޫއެއް
-
ނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދެއްވުމުން އެމަޝްރޫއު ކުރިއަށް ނުގެންދެވުނީ ކަމަށް
-
މި ފެސިލިޓީ ގާއިމުކުރުމަށް ބިން ހަމަޖައްސަވައި ހުރިހާ ވަސީލަތްތަކެއް މަގުފަހިކޮށްދެއްވައި މި މަޝްރޫއު ކުރިއަށްގެންދިއުމަށް މާލެ ސިޓީ ކައުންސިލާ ހަވާލުކުރެއްވި ކަމަށް
އެނގުން މުހިންމު - މާލޭ މަގުމަތީގައި އުޅޭ ބުޅާތައް ގިނަވެ، އާއްމުންނަށް ގިނަ އުނދަގޫތަކެއް ވަމުން ދާތީ ބުޅާ ގެންގުޅެން ފެސިލިޓީއެއް ހެދުމުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވުނީ މިދިޔަ އަަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެގޮތުން:
-
އޭރު މާލޭގެ މޭޔަރަކަށް ހުންނެވި މިހާރުގެ ރައީސް މުއިއްޒުގެ ރިޔާސަތުގައި ކައުންސިލުން ބުޅާ ޝެލްޓާ ހަދަން އެންމެ ފުރަތަމަ ނިންމީ ހުޅުމާލޭގައި
-
ނަމަވެސް އޭރު އެ މަސައްކަތް ނުކުރެވުނީ ކައުންސިލާއި އެޗްޑީސީއާ އެކު ޖެހުނު މައްސަލައިގެ ތެރެއިން ހުޅުމާލޭގައި ބުޅާ ޝެލްޓާ ހަދަން އެޗްޑީސީގެ އެއްބާރުލުން ނުލިބުމުން
-
އެޔަށްފަހު އެ ޝެލްޓާ ވިލިމާލޭގައި ހެދުމަށް ނިންމި ނަމަވެސް އެ މަސައްކަތް ވެސް ކުރިއަކަށް ނުދޭ
ކޮމެންޓް (1)
ވިޝާ