ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ތިނަދޫގައި 10،000 ހަމަނުވާ ކަމަށް ބުނާ މައްސަލަ މަޖިލީހަށް

މަޖިލީހުން މި މައްސަލަ ބަލައިދިނުމަށްއެދި ހުށަހެޅުއްވީ މެންބަރު ސައުދުﷲ ހިލްމީ؛ މި މައްސަލާގައި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ވަނީ ހުށަހަޅާފައި.
1 ޑިސެމްބަރު 2024

ގދ. ތިނަދުއަށް ސިޓީގެ ދަރަޖަ ދެއްވުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވި ނަމަވެސް އެ ރަށުގައި 10،000 މީހުން ހަަމަނުވާ ކަމަށް ބުނެ ސިޓީގެ ދަރަޖަ އަތުލަން އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނިކޮށް އެ ކަން ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވެސް މައްސަލައެއް ހުށަހަޅައިފި އެވެ.

ވީކިހިނެއް؟ - ގާނޫނުގައި ސިޓީގެ ދަރަޖަ ދެވޭ ރަށެއްގެ ރަޖިސްޓްރީ އާބާދީގައި މަދުވެގެން 10،000 މީހުން ހަމަވުމުން ކަމަށް ބަޔާންކޮށްފައިވަނިކޮށް ތިނަދޫގެ އާބާދީ އެ އަދަދަށް ނާރާ ކަމަށް ތުހުމަތު ކުރާ މައްސަލަ ބަލައިދޭން މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ.

ތަފްސީލް - ސައުދުﷲ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމިޓީއަކުން ނުވަތަ ކޮމިޓީތަކަކުން އެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އަށް އެޑްރެސްކުރައްވައި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ ގޮތުން:

  • ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނާ ހިލާފު އެތައް ކަމެއް ހިންގި ކަމަށް ތުހުމަތު ކުރާތީ، މައްސަލަ ބަލައިދިނުމަށް ސައުދުﷲ ތަމްސީލްކުރައްވާ ތިނަދޫ ދެކުނު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުން އެދެމުންދޭ

  •  ތިނަދޫ ރަށު ކައުންސިލަށް އިންތިހާބުވި ރައީސް އަދި މޭޔަރު ސައުދު އަލީއަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވޭ؛ އެ ގޮތުން ސިޓީގެ ދަރަޖަ ހޯދަން އެހާވަރަކުން ހޯދީ ބޮޑު ބްލޮކް ގްރާންޓެއް ހޯދައިގެން ވަކި ބަޔަކަށް ވަޒީފާ ދޭން ކަމަށް

އެނގުން މުހިންމު - ތިނަދޫން ސިޓީގެ ދަރަޖަ އަތުލަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ގާނޫނީ ވަކީލު މުހައްމަދު ރާގިބު އަހުމަދެވެ. އެ މައްސަލަ ހުށަހެޅި ހަބަރު ނޫސްތަކުގައި ޖެހި ދުވަހު ރައީސް އޮފީހުން ވަނީ އޭނާ އަދާކުރައްވަމުން ގެންދެވި ވަޒީފާ، އެންވަަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުން ވަކިކޮށްފަ އެވެ.

ފަސްމަންޒަރު - ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނީ 31 އޮގަސްޓް 2023ގަ އެވެ. އެކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވީ އެ މަނިކުފާނުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން ތިނަދުއަށް ވަޑައިގެން ބޭއްވި ޕާޓީ ޖަލްސާއެއްގަ އެވެ.  

ރައީސް ސޯލިހު ގދ. ތިނަދޫގައި ސިޓީއެއްގެ ދަރަޖަ ދެއްވިކަން އިއުލާން ކުރެއްވި އިރު ވެސް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އިން ވެސް ދައްކަނީ ރަށުގެ ރަޖިސްޓްރީގައި ހިމެނެނީ 7،906 މީހުން ކަމަށެވެ.

ނަމަވެސް އޭގެ ފަހުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ދާއިރާތައް ކަނޑައެޅުމަށް އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ތިނަދޫގެ ރަޖިސްޓްރީ އާބާދީއަކީ 10،150 އެވެ. އެއީ އެ ރަށުގެ އުތުރު ދާއިރާއަށް 5،076 މީހުން އަދި ދެކުނު ދާއިރާއަށް 5،074 މީހުން ކަމަށެވެ.

ކުރު މުއްދަތެއްގެ ތެރޭގައި އެ ރަށުގެ އާބާދީ އެހާ އަވަހަށް އިތުރުކުރި ގޮތަކާ މެދު އޭރު ވެސް ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑީއެންއާރުން ރާގިބު ހޯއްދެވި މައުލޫމާތުން ވެސް އެނގުނީ އެ އިދާރާގައި އޮތް ތިނަދޫގެ ރަޖިސްޓްރީގައި، މިދިޔަ މަހު މަހުގެ 17ގެ ނިޔަލަށް ވެސް އޮތީ 7،924 މީހުންގެ ނަން ކަމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް