މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ.
ހޮޅުދޫ މަރުގެ މައްސަލާގައި އާއިލާގެ ކަންބޮޑުވުންތަކެއް؛ އިންސާފަށް ގޮވާލައި މާދަމާ އެއްވުމެއް ބާއްވަނީ
ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ޒަކިއްޔާ މޫސާ ފެނުނު މައްސަލާގައި އިންސާފު ނުލިބޭ ކަމުގެ ކަންބޮޑުވުންތަކާ އެކު، އާއިލާއިން އިސްނަގައިގެން މާދަމާ އެ ރަށުގައި އެއްވުމެއް ބާއްވަން ރާވައިފި އެވެ.
މައްސަލައިގެ ފެށުން - ޒަކިއްޔާ މުސާ، 50، މާރަނގަ/ހޮޅުދޫ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަން ތެރޭގަ އެވެ. ޒަކިއްޔާގެ މަރާ މެދު ޝައްކުތަކެއް އުފެދުނީ:
-
އޭނާ މަރުވެފައި އޮތްއިރު ކަރުގައި ޒަހަމްތަކެއް ހުރުމުން
-
ކައިރީގައި ވަޅިއެއް ވެސް އޮތް ކަމަށްވޭ
ވީކިހިނެއް؟ - ޒަކިއްޔާ މޫސާ މަރު މައްސަލައިގެ ތަހުގީގު ލަސްކަމަށް ބުނެ އާއިލާ އެކި މީހުން އިއްޔެ ފޭސްބުކުގައި ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާފައިވެ އެވެ. އަދި މާދަމާ ހަވީރު ހޮޅުދޫ ބޯޅަ ދަނޑުގައި އެއްވުމެއް އޮންނާނެ ކަމަށް ވެސް ބައެއް މީހުން ޕޯސްޓުކޮށްފައިވެ އެވެ.
ބުނީ ކީކޭ؟ - "ލޮލަށް ފެންނަން ހުރި ބައިވަރު ކަންކަން އެބަ ހުރި. ގަބޫލުކުރެވޭ ކަހަލަ ހެކިތައް. މީހާ ނޭނގެނީ. ފުލުހުން ބައްލަވައި ދެއްވާ. ހެކިތައް ނައްތާލީތޯ؟ އިހުމާލުވީ ބައެއްގެ އިހުމާލު ވަރަށް ބޮޑު،" ޒަކިއްޔާގެ ކޮއްކޮ ޝަޒިއްޔާ މޫސާ ފޭސްބުކްގައި ލިޔެފައިވެ އެވެ.
ޒަކިއްޔާގެ އާއިލާގެ މީހަކު މިއަދު 'ދައުރު'އަށް ކިޔައިދިން ގޮތުގައި، ފުލުހުންގެ ތަހުގީގު ގެންދިޔަ ގޮތާ މެދު އާއިލާގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.
"ފުލުހުންނަށް ރަނގަޅަށް ސީން ވެސް ބެލެހެއްޓިފައެއް ނުވޭ، ސީން ބަންދުކުރީ ވެސް ޒަކިއްތަގެ ހަށިގަނޑު ސީން އިން ގެންދިޔަތާ އެތައް އިރެއް ފަހުން. ހެކި ނައްތާލަން ފުރުސަތު ލިބުނު ކަމަށް ބެލެވެން އެބަ އޮތް،" އާއިލާ މެންބަރު ބުންޏެވެ.
ތަހުގީގާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެކި ގޮތްގޮތުން އާއިލާއިން މަސައްކަތްކުރި ނަމަވެސް އެއްވެސް މައުލޫމާތެއް ނުލިބުމަކީ ވެސް އާއިލާގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
"ބޭނުންވާ ކަންކަން ހޯދޭ ވަރަށް ރާއްޖެއިން ހެދި ޓެސްޓްތަކުން އެނގިފައިވާތީ ޕޯސްޓް މޯޓަމް ނެހެދި ކަމަށް ބުނާއިރު އެކަކު އަނެކަކަށް އެނގޭ ކުޑަކުޑަ ރަށެއްގައި މިހާ ބޮޑު ކަމެއް ހިނގި އިރު ޝައްކުކުރެވޭ މީހެއް އަދިވެސް ހޯދާ ފިޔަވަޅެއްވެސް ނޭޅޭ، މީހެއް ހޯދަން ޕޮލިހުން އެދެވޭ މަސައްކަތެއް ކުރަމުންދާ ތަން ނުފެނޭ،" އޭނާ ބުންޏެވެ.
ތަހުގީގުގެ ތަފުސީލެއް ރަސްމީކޮށް ފުލުހުންގެ ފަރާތުން ނުލިބެ އެވެ. ފުލުހުން ބުނީ ތަހުގީގުގެ ކުރިއެރުންތަކެއް ލިބުމުން، ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
ކޮމެންޓް