އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ފެށުން. (ފޮޓޯ/އެޑިއުކޭޝަން މިނިސްޓްރީ)
80 މިލިއަން ސަލާމަތްކޮށް، އަރަބިއްޔާގެ އާ އިމާރާތް އަޅަން އާރުސީސީއަށް
ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ސަލާމަތްކޮށް، އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އެނގުން މުހިންމު - އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ފަށަން އޮތީ ނިންމާފަ އެވެ.
އެ މަސައްކަތް ނުފެށި ލަސްވީ، 80 މިލިއަން ރުފިޔާ ބޮޑުކޮށް އެކަން ކުރަން ބޭނުންނުވާތީ ކަމަށް، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރި ދުވަހެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ތަފްސީލު - އަރަބިއްޔާ ސްކޫލުގެ އަމަލީ މަސައްކަތް ފަށަން މި ސަރުކާރުގެ 'ހަފްތާ 14' މަގުޗާޓުގައި ހިމަނައިގެން އެޑިއުކޭޝަން މިނިސްޓްރީއިން ކުރި މަސައްކަތުގައި ސްކޫލުގެ ޑިޒައިނަށް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ބަދަލުތަކާ އެކު ސްކޫލް އިމާރާތްކުރުމަށް ކޮންޓްރެކްޓަރާ އެކު މަޝްވަރާކުރި ކަމަށާއި އާ އަގުތަކެއް ކަނޑައެޅި ނަމަވެސް އޭގެ ސަބަބުން ދައުލަތަށް ގެއްލުންވާ ވަރު ބޮޑު ކަމަށެވެ.
އެހެންވެ ހަރަދު ކުޑަ ކުރުމުގެ ގޮތުން އެ ކޮންޓްރެކްޓް ބާތިލު ކުރުމަށްފަހު މިދިޔަ ހަފްތާގެ ތެރޭގައި ޑިޒައިން އެންޑް ބިލްޑުގެ އުސޫލުން އެ މަޝްރޫއު ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އަށެވެ.
މަޝްރޫއުގެ ތަފްސީލު
-
އަގު - 152.9 މިލިއަން ރުފިޔާ
-
ނިންމަން ދިން މުއްދަތު - 540 ދުވަސް
-
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގައި 40 ކުލާސްރޫމް ހުންނާނެ
-
ބޭސްމަންޓުގައި އަންޑަ ގްރައުންޑް ޕާކިން ޒޯނެއް
-
ޓާފް ދަނޑެއް
-
ސްކޫލް އިމާރާތް ކުރަނީ އޭސީ އަދި ސޯލާ ޕެނަލް ހަރުކުރެވޭނެ ފަދަ ޒަމާނީ ގޮތަކަށް
ގުޅުންހުރި ކަމެއް - އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން ކުރިން ހަމަޖެއްސީ ބާ ޖަމާލުއްދީން ހުރި ބިމުގަ އެވެ. ނަމަވެސް އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އެދުމުގެ މަތިން ރައީސް މުހައްމަދު މުއިއްޒު ވަނީ އެ ސްކޫލް އަޅަން އެއަށްވުރެ ޖާގަ ތަނަވަސް، 386 ނަންބަރު ކޮށި ހަމަޖައްސައިދެއްވާފަ އެވެ.
ކޮމެންޓް