ރައީސް އޮފީހުގައި ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ (ފައިލް ފޮޓޯ/ރައީސް އޮފީސް)
ވެރިކަމަށް އަހަރެއްވީއިރު ފެންނަނީ ނޫސްވެރިކަން ސަރުކާރުގެ ބާރުގެ ދަށަށް ގެންނަން އުޅޭ ތަން: ސޯލިހް
މި ސަރުކާރަށް އަހަރެއްވީއިރު ފެންނަނީ މިނިވަން ނޫސްވެރިކަން ސަރުކާރުގެ ބާރުގެ ދަށަށް ގެންދަން އުޅޭ ތަން ކަމަށާއި އެއީ ނުރައްކާތެރި ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސޯލިހް މިހެން ވިދާޅުވީ ރާއްެޖެ ޓީވީގެ 'ފަށާއިރު' ޕްރޮގްރާމަށް މިއަދު ދެއްވި އިންޓަވިއުއެއްގަ އެވެ. ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިއަދަށް އަހަރެއް ފުރޭއިރު، މި ސަރުކާރާ މެދު ދެކޭ ގޮތަކީ ކޮބައިތޯ މި އިންޓަވިއުގައި ސޯލިހްއާ ސުވާލުކޮށްފައި ވެއެވެ.
ބުނީ ކީކޭ؟ - ޖަވާބުގައި ސޯލިހް މި ސަރުކާރު ސިފަކުރެއްވީ "އުންމީދެއް ނެތް، އަމާޒެއް ނެތް" ސަރުކާރެއްގެ ގޮތުގަ އެވެ. މާޔޫސްކަމާއި ބިރުވެރިކަމެއްގެ ތެރެއަށް އަނެއްކާވެސް ދިވެހިން ގޮސްފައިވާ ކަމަށް ސޯލިހް ވިދާޅުވި އެވެ.
މި ސަރުކާރު ސިފަކުރެއްވި އެއް ސަބަބެއް ކަމަށް ސޯލިހް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމާ އެއްކޮޅަށް ވަކާލަތު ކުރައްވަމުން ވެރިކަމާ ހަވާލުވި ސަރުކާރަކަށް އަހަރެއްވީއިރު އެ މިނިވަންކަމާ ދެކޮޅަށް މަސައްކަތް ފައްޓަވާފައިވާ ތަން ފެންނަމުންދާތީ ކަމަށެވެ.
"އަހަރެއްވީއިރު މި އޮތީ ސަރުކާރުގެ ބާރުގެ ދަށަށް ނޫސްވެރިކަން ގެނައުމަށްޓަަކައި ގާނޫނީ ގޮތުން އެ ބާރު ނެންގެވުމަށްޓަކައި މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައި،" ސޯލިހް ވިދާޅުވި އެވެ.
ރައީސް އައްޔަންކުރާ ބައެއްގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން މީޑިއާ ހިންގާ ގޮތަށް މަޖިލީހަށް ބިލެއް ހުށަހަޅައިގެން އުޅެނީ "މުޅި މީޑިއާ ސަރުކާރުން ކޮންޓްރޯލް ކުރުމަށް" ކަމަށް ސޯލިހް ވިދާޅުވި އެވެ. އެ ބާރުތައް ނަންގަވަން ސަރުކާރުން މިހާރު ކުރާ މަސައްކަތަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ވެސް އެ މަނިކުފާނު ސިފަކުރެއްވި އެވެ.
"މިއީ ޑިމޮކްރަސީއެއްގައި އެޅޭނެ އެންމެ އެންމެ ނުރައްކާތެރި އެއް ފިޔަވަޅު،" ސޯލިހް ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން
އެނގުން މުހިންމު - ރައްޔިތުންގެ މަޖިލީހުން ރުހުން ދީގެން ރައީސް އައްޔަންކުރާ ބައެއްގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން މީޑިއާ ރެގިއުލޭޓް ކުރާ ގޮތަށް ބިލު ހުށަހެޅުއްވީ ސަރުކާރުގެ ކަންކަމަށް ތާއީދު ކުރައްވަމުން ގެންދަވާ ނަމަވެސް ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުއްހަންނާން އަބޫބަކުރެވެ.
އެ ބިލު ފަރުމާކޮށްފައި ވަނީ، އަލަށް އުފައްދާ މީޑިއާ ކޮމިޝަނުން ނޫސްވެރިންނާއި މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ގޮތަށެވެ.
މީޑިއާތައް މިހާރު ރެގިއުލޭޓް ކުރުމަށް އޮންނަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި އުފައްދާ އެ ކޮމިޝަންގެ މެޖޯރިޓީ ވެސް ލިބެނީ ސަރުކާރަށެވެ.
އެ ކޮމިޝަން އެކުލެވިގެންވަނީ، ބިލުގައިވާ ގޮތުން:
-
ހަތް މެންބަރުންގެ މައްޗަށް
-
އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސް އައްޔަން ކުރައްވާ ހަތަރު މެންބަރުން
-
މީޑިއާތަކުން އިންތިހާބު ކުރާ ތިން މެންބަރުން
އެ ބިލާ ދެކޮޅަށް ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސް ނަގައިގެން މީޑިއާ ކައުންސިލާއި ޓްރާންސްޕޭރެންސީ ގުޅިގެން 'ހަތަރެއްގެ ހައްގުގައި' ކެމްޕެއިނެއް ވެސް ވަނީ ފަށައިފަ އެވެ.
އިތުރަށް ކިޔާލަން
'ކޮންޓްރޯލް ބިލް'އާ ދެކޮޅު ކެމްޕޭނުން ގޮވާލީ ބިލު ބޭރުކުރަން
17 ނޮވެމްބަރު 2024
'ބިލް ހުށަހެޅީ މީޑިއާ ކަފުންކުރަން ސަރުކާރު އަޑީގައި އޮވެގެން'
13 ނޮވެމްބަރު 2024
'ބިލު އޮތީ ސަރުކާރު ނުފޫޒު މީޑިއާއަށް ވަދެ، ހައްގު ގެއްލޭ ގޮތަށް'
13 ނޮވެމްބަރު 2024
ކޮމެންޓް