އަނަންތު އަމްބާނީ (ކ) އިތުރު މީހަކާ އެކު މަކުނުދުއިން ފައިބަނީ: އެ ރަށުގައި އޭނާ މަޑުކުރީ ވިއްސަކަށް މިނިޓް.
އަމްބާނީގެ އާއިލާ ރާއްޖެއަށް؛ އެނބުރި ދިޔައީ މަކުނުދުއިން ކުކުޅަކާއި މުސަޅު ގަނެގެން
އިންޑިއާގެ އިތުރުން ދުނިޔޭގައި ވެސް އެންމެ މުއްސަނދި އެއް މަހުޖަނު، މުކޭޝް އަމްބާނީގެ އާއިލާ ރާއްޖެ އަތުވެއްޖެ އެވެ. މި ދަތުރުގައި އަމްބާނީގެ ހަގު ދަރިކަލުން އަނަންތު އަމްބާނީ ވަނީ ޗުއްޓީ ހޭދަކުރާ ރިސޯޓު، ސޮނެވާ ސީކްރެޓް ކައިރީގައި އޮންނަ ހދ. މަކުނުދުއަށް ގޮސް، އެ ރަށުން ކުކުޅަކާއި ތިން މުސަޅު ވެސް ގަނެފަ އެވެ.
ވީ ކިހިނެއް؟ - މިދިޔަ އޭޕްރީލް މަހު ހުޅުވި ލަގްޒަރީ ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް އަމްބާނީ އާއިލާއާ ދިޔައީ އިއްޔެ އެވެ. އެކަމަކު މަކުނުދުއަށް ދިޔައީ މިއަދު ހަވީރެވެ.
ތަފްސީލް - އެ ރަށުގެ ޒުވާނެއް ކަމުގައިވާ މުހައްމަދު ޝާނިފް ބުނި ގޮތުގައި، ޒުވާން ވިޔަފާރިވެރިޔާ އެ ރަށަށް ދިޔައީ ޖެޓްސްކީއެއްގައި އެކަންޏެވެ. އެކަމަކު ތަންކޮޅެއް ފަހަތުން އެހެން ޖެޓްސްކީއެއްގައި ބޮޑީ ގާޑަކާއި އިތުރު ދެ މީހުން ވެސް ދިޔަ އެވެ.
"އޭރު އަޅުގަނޑު އިނީ އަތިރިމަތީގައި ހުރި ޖޯއްޔެއްގައި ރައްޓެއްސަކާ އެކު މަޑުކޮށްލައިގެން. ހަމަ އެ ތަނަށް އަމްބާނީގެ ޖެޓްސްކީ މަޑުކޮށްލީ. ދެން އަޅުގަނޑުމެން ކައިރިއަށް އައިސް އޭނާ އެހީ މި ރަށުގައި ކުކުޅާއި މުސަޅާއި ދޫނި ކަހަލަ އެއްޗެހި ގެންގުޅޭހޭ،" ޝާނިފް ކިޔައިދިނެވެ.
"އަޅުގަނޑު ބުނިން ކުކުޅު ގެންގުޅޭ ގެއެއް ހުންނާނެ ކަމަށް."
އޭނާ ބުނި ގޮތުގައި، އެހާ ހިސާބުން ކައިރީގައި ހުރި ބޮޑީގާޑު އެދުނީ އެކަހަލަ އެއްޗެއް ގަންނަން ދާން ކާރެއް ހޯދައިދިނުމަށެވެ.
ޝާނިފް ބުނީ އަމްބާނީ ކައިރީ އޭރު ހުރި އޭނާގެ ބޮޑީގާޑާއި ދެ ޑޮކްޓަރުން ދެން މިސްރާބު ޖެހީ، މަކުނުދޫގައި ކުކުޅާއި މުސަޅު ގެންގުޅޭ މީހެއްގެ ގެއަށް ކަމަށެވެ.
"އެ ގެއިން އޭނާ 400އެއްހާ ރުފިޔާ ދީފައި ކުކުޅަކާއި ތިން މުސަޅު ގަތް. ދެން އެދުނީ ދޫނި ވިއްކާ ގެއަކަށް ދިޔުމަށް. އެކަމަކު އެ ގެއަށް ދިޔައިރު އެ ގޭގައި މީހުން ނޫޅޭތީ ދެން ބޭނުންވީ ރަށުގެ ހާއްސަ ތަނެއް ބަލާލަން ދާން،" ޝާނިފް ބުންޏެވެ.
އެކަމަކު ރަށުތެރެއަށް ނުގޮސް އެ މީހުން ދިޔައީ ފުރަން އަތިރިމައްޗަށެވެ. އޭރު ރަށުގެ އަތިރިމަތީގައި، އަމްބާނީގެ ހިމާޔަތުގައި ގިނަ ބޮޑީގާޑުންނާއި ރިސޯޓު މުވައްޒަފުން ތިބި ތިން ލޯންޗު އޮތް ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.
އެނގުން މުހިންމު - ޖަނަވާރަށް ލޯބި ކުރާ އަނަންތަކީ، ދުނިޔޭގައި ހުންނަ އެންމެ ބޮޑު އެނިމަލް ޝެލްޓާގެ ވެރިޔާ އެވެ. ޒުވާން ވިޔަފާރިވެރިޔާ މި ފަހުން ދުނިޔެއަށް މަޝްހޫރުވީ މީގެ ހަތަރު މަސް ކުރިން ބޭއްވި އޭނާގެ އަގުބޮޑު ކައިވެންޏަށް ފަހު އެވެ.
ގިނަ މީހުން ސިފަކޮށްފައިވަނީ އެއީ މިހާތަނަށް ދުނިޔޭގައި ބޭއްވި އެންމެ އަގުބޮޑު ކައިވެނީގެ ގޮތުގަ އެވެ.
ކޮމެންޓް (2)
ޙަތަރެސްކަން
ޕިސް