'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އަޅަމުންދާ ޓަވަރުތައް. (ދައުރު ފައިލް ފޮޓޯ)
ފްލެޓްގެ ވަގުތީ ލިސްޓު ކުރިއަށް އޮތް ހަފްތާގައި އިއުލާން ކުރާނަން: ހައިދަރު
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެކުލަވާލި 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރުމަށް ފަށާފައިވާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ރިވިއުކޮށް އޭގެ ވަގުތީ ލިސްޓެއް ކުރިއަށް އޮތް ހަފްތާގައި އިއުލާން ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރޭ ވިދާޅުވެއްޖެ އެވެ.
ފަސްމަންޒަރު - މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ކުރީ ސަރުކާރުން ހިންގި އެ ސްކީމުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް އެ ސަރުކާރުގެ ދައުރުގެ ފަހުކޮޅުގައި ގެޒެޓުކުރި އެވެ. އަދި ދައުރު ނިމުނު އިރު ފްލެޓު ލިބުނު ބައެއް މީހުންނާ އެކު އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައިވެ އެވެ. ނަމަވެސް:
-
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ފެލްޓް ލިސްޓާ ގުޅޭ ތަހުގީގެއް ފަށައި ފްލެޓް ދިނުނުން ހުއްޓުވާފައި؛ ތަހުގީގުގައި ބެލި ފޯމުތަކުގެ %59.6 ފޯމަކީ ޝަރުތު ހަމަނުވާ ފޯމުތަކެއް ކަމަށް މިދިޔަ ފެބްރުއަރީ މަހު އެ ކޮމިޝަނުން ބުނެފައިވޭ
-
އެއާ އެކު މި ސަރުކާރުން ނިންމާފައި ވަނީ ލިސްޓު އަލުން ބެލުމަށް ފަހު ފްލެޓް ހަވާލުކުރަން
-
އެކަމަށްޓަކައި އަލުން ހާއްސަ ކޮމިޓީއަށް އެކުލަވާލައި، މިދިޔަ ހަ މަސް ތެރޭ ފްލެޓް ލިސްޓު ރިވިއުކުރުމުގެ މަސައްކަތް އެ ކޮމިޓީން އައީ ކުރަމުން
-
މިދިޔަ މަހު އެ ލިސްޓު އާންމު ކުރާނެ ކަމަށް ވެސް ސަރުކާރުން ބުނި. އެންމެ ފަހުން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ހިނގާ ނޮވެމްބަރު މަހުގެ ތެރޭގައި ލިސްޓު އިއުލާން ކުރާނެ؛ ނަމަވެސް ވަކި ތާރީހެއް ބުނެފައެއް ނުވޭ
ވީ ކިހިނެއް؟ - ފްލެޓް ލިސްޓް ރިވިއު ކުރުމާ ގުޅޭ ގޮތުން ހައިދަރު ވާހަކަ ދެއްކެވީ ރޭ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގަ އެވެ.
ބުނީ ކީކޭ؟ - "ހުރިހާ ފޯމެއް ރީއިވެލުއޭޓް ކުރުމަށް ފަހު، އަޅުގަނޑުމެން ކުރިއަށް އޮތް ހަފްތާ ތެރޭގައި އިރާދަކުރެއްވިއްޔާ ވަގުތީ ލިސްޓެއް އިއުލާން ކުރާނަން. ދެން ޝަކުވާގެ ފުރުސަތު ވެސް އަޅުގަނޑުމެން ހުޅުވާލާނަން،" ހައިދަރު ވިދާޅުވި އެވެ.
ތަފްސީލު - ހައިދަރު ވިދާޅުވި ވަގުތީ ލިސްޓުގެ ޝަކުވާއަށް ހުޅުވާލުމަށް ފަހު ދާއިމީ ލިސްޓެއް އެކުލަވާލައި މި އަހަރު ނިމުމުގެ ކުރިން މުޅި މަަސައްކަތް އެއްކޮށް ނިންމާލެވި، ފްލެޓްތައް ހަވާލު ކުރެވޭނެ ކަމަށެވެ.
ހައިދަރު ވިދާޅުވި ގޮތުގައި:
-
އޭސީސީން އެކުލަވާލި ތަހުގީގު ރިޕޯޓާ އެކު ކުރީ ސަރުކާރުގެ ލިސްޓާ އެއްގޮތަށް ފްލެޓް ހަވާލު ނުކުރެވޭނެ؛ އެއީ %60 އެއްގޮތަކަށް ވެސް ޝަރުތު ހަމަ ނުވާކަމަށް ބަޔާންކޮށްފައިވާތީ އަދި އެއްވެސް މައްސަލައެއް ނެތި އޮތީ %20 ފޯމު
-
އެހެންވެ އަލުން ބަލުން ލިސްޓު ބަލަން ޖެހުނީ؛ އެހެންވެ އެ ސްކީމަށް ހުށަހެޅި 20،697 ފޯމުތައް ދަނީ ބަލަމުން
ކޮމެންޓް (1)
އިސްމާއީލް އަހްމަދު