ރައީސް މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި (ފޮޓޯ/ރައީސް އޮފީސް)
ބަޖެޓު ފާސްވާއިރު ގާނޫނުގައި ބުނާ ވަރަށް ކައުންސިލްތަކަށް ބަޖެޓް ލިބޭނެ: ރައީސް
ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން ފާސްވާއިރު ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކަށް ދޫކުރަން އޮންނަ ގްރާންޓް ލިބޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އެ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ.
ގާނޫނުގައި ބަޖެޓުގެ 5 ޕަސެންޓް ދިނުމަށް ބުނާ އިރު، އެއީ ގާތްގަނޑަކަށް 2.8 ބިލިއަން ރުފިޔާއަށް ވާން ޖެހޭނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބުނީ ކީކޭ؟ - މާލެ ސަރަހައްދުގައި އުޅޭ ބުޅާ ފަދަ "ޕެޓް" ޖަނަވާރުތައް ބަހައްޓަން ގާއިމުކުރި ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްތަކަށް ދޭން ޖެހޭ އެއްބާރުލުމާއި ބާރުވެރިކަން ދިނުމަށް މި ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ.
ގާނޫނުގައި އޮތް ފަދައިން ބްލޮކް ގްރާންޓް ހިމެނޭ ގޮތަށް، މާލީ ބާރުވެރިކަން ދޭނެ ކަމުގެ ޔަގީން ކަން ދެއްވި އެވެ.
"ގާނޫނުގައި މި ބުނަނީ5 ޕަސެންޓް ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދިނުމަށް. ގާނޫނުގައި އެ ބުނާ ގޮތަށް ބްލޮކް ގްރާންޓަށް5 ޕަސެންޓް ލިބިގެން ދާނެ، [ރައްޔިތުންގެ މަޖލީހުން] އެ ބަޖެޓް ފާސްވެގެން ދާއިރު،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ އެތައް ކަމެއް މީގެ ކުރީގެ ސަރުކާރުގައި ކައުންސިލްތަކަށް ހަވާލުކޮށްފައިނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރުން ގާނޫނު ފުރިހަމަ ގޮތުގައި ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"ގާނޫނުގައި ލިޔެވިފައި ހުރި، ކައުންސިލްތަކަށް ހަވާލުނުކުރާ ކަންކަން [ވެސް] އެބަހުރި. ކުރިއަށް އޮތް ހަފުތާތަކުގައި ސަރުކާރުން އިއުލާން ކުރަމުން ދާނަން [އެ ކަންކަން ހަވާލުކުރަން]. ކެބިނެޓު ލެވެލްގައި މަޝްވަރާ ކުރަމުން މި ދަނީ އެ ކަންކަން."
މިދިޔަ ސަރުކާރުގައި މާލޭގެ މޭޔަރަކަށް ހުންނެވި މުއިއްޒު މިއަދު ވިދާޅުވީ، ބުޅާތައް ބަލަހައްޓަން ތަނެއް ގާއިމުކުރަން އޭގެ ކުރީގެ ކައުންސިލަށް އެ ސަރުކާރުން ހަމަޖެއްސި ބިން އަތުލައި، އެ މަސައްކަތް ކުރުމަށް ފުރުުސަތު ނުދިން ކަމަށެވެ. އެކަމަކު މި ސަރުކާރުން އިސްވެ މިހާރު އޮތް ކައުންސިލަށް ބުޅާ ފެސިލިޓީ ގާއިމުކުރަބް ބިން ހަވާލުކުރިކަން ފާހަގަ ކުރެއްވި އެވެ.
"ސަރުކާރުގެ ހުރިހާ ވަސީލަތެއް މަގުފަހިކޮށްދީގެން ކައުންސިލާ ހަވާލުކޮށްގެން މި މަސައްކަތް މި ހިސާބަށް މި ގެނެވުނީ. މި ސަރުކާރަކީ ކައުންސިލްތަކަށް ދޭން ޖެހޭ އެއްބާރުލުން ދީގެން، ކައުންސިލްތައް ބާރުވެރިކޮށްގެން ކުރިއަށް ދާނެ ސަރުކާރެއް،" ރައީސް ވިދާޅުވި އެވެ.
އެނގުންމުހިންމު - މިހާރު ވެސް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ ވެރިކަންކުރާ ޕީއެންސީއަށެވެ. ނަމަވެސް މާލޭގެ މޭޔަރަކަށް ހުންނެ ވީއިދިކޮޅު އެމްޑީޕީގެ އާދަމް އާޒިމެވެ.
ފާހަގަކޮށްލޭ ކަމެއް - މިދިޔަ އަހަރު 19 ވަނަ މަޖިލީހުގައި ފާސް ކުރި މި އަހަރުގެ ބަޖެޓަށް ވުރެ މިފަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބްލޮކް ގްރާންޓް މަދުވުމުން އެކަމުގެ ކަންބޮޑުވުން އިއްޔެ އެމްޑީޕީ އާއި ބައެއް ކައުންސިލަރުން ވެސް ފާޅު ކޮށްފައިވެ އެވެ. އަދި ޑިމޮކްރެޓްސްއިން މިއަދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައިވެ އެވެ.
އެ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ކޮމެންޓް