ލޯކަލް ގަވަރމެންޓް އޮތޯރިޓީ (ދައުރު ފޮޓޯ)
ކައުންސިލްތަކަށް ދޭ ފައިސާ މަދު ކަމަށް ބުނެ ކަންބޮޑުވުން
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ހިމަނާފައިވާ އަދަދު މި އަހަރަށް ވުރެ މަދުކަމުން ބައެއް ކައުންސިލަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އެ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ. މި ހިނގާ 2024 ވަނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ތަފްސީލް - ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ބަޖެޓު ކުޑަކޮށްފައިވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އައްޑޫ މޭޔަރު އަލީ ނިޒާރު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއާލާ އެއްވެސް އިޝާރާތެއް ނެތި ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓު ކުޑަކުރުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
"ކަނޑައެޅިފައިވާ ބަޖެޓްގެ ތެރެއިން މުވައްޒަފުންގެ މުސާރަ ވެސް ދެވޭނެ ގޮތެއް ނުވިސްނޭ،" އޭނާ ވިދާޅުވި އެވެ.
އަތޮޅުތަކުގައި ތަރައްގީގެ ގޮތުގައި ގާކޮޅެއްވެސް ގުޑުވާނުލެވި 2024 ވަނައަހަރު ދައުލަތުގެ ބަޖެޓްއަށް ހުށައެޅި 50 ބިލިއަނެއްހާ ރުފިޔާ ހުސްވެ އަދި ކުރިއާލާ އެއްވެސް އިޝާރާތެއްނެތި ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ލިބެންޖެހޭ ބަޖެޓް ކުޑަކޮށް މަޖްލިސްއަށް ހުށައަޅާފައި ވުމަކީ… pic.twitter.com/xJ7mBEMWQ2
— Ali Nizar (@DhekunuNizar) November 1, 2024
އެ ކައުންސިލްގެ މެންބަރު ހުސެން ޒަރީޒު ވެސް ވަނީ ބްލޮކް ގްރާންޓުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު މަދުކުރުމަކީ ބޭއިންސާފު ކަމަށް ވިދާޅުވެފަ އެވެ.
ދައުލަތުގެ ބަޖެޓްގެ މަދުވެގެން 5% ކައުންސިލްތަކަށް ބްލޮކްގްރާންޓްގެ ގޮތުގައި ހަމަޖެހިފައިވާއިރު، އަދި 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަހަޅާފައިވާއިރު، ކައުންސިލްތަކަށް ލިބެންވާ އަދަދުގެ ތެރެއިން 3ބައިކުޅަ އެއްބައި މަދުވެ ރަށްތަކަށް ބޭއިންސާފު pic.twitter.com/CSemc8w1yL
— Hussain Zareer (@HussainZareer14) November 1, 2024
ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން، ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ބަޖެޓުގައި ހިމަނަނީ އެ އަހަރަކަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ މިންވަރުގެ މަދުވެގެން %5 އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ލާމަރުކަޒީ ކޮމެޓީގެ މުގައްރިރުކަން ކުރެއްވި އިދިކޮޅު އެމްޑީޕީގެ މެންބަރު އަލީ ނިޔާޒު ވަނީ ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ކަނޑައަޅާ ހިމަނާފައި އޮތް އަދަދު ކުޑަކޮށް ބަޖެޓުގައި ޖެހިފައިވަނީ އޮޅުމަކުންތޯ ސުވާލު އުފައްދަވައިފަ އެވެ.
"ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަށް ދައުލަތުން މިދިޔަ 5 އަހަރު ދިން އަދަދަށް ވުރެ މަދު އަދަދެއް މި ފަހަރު ބަޖެޓްގައި ޖަހާފައި އެ އޮތީ އޮޅުމަކުންތޯ؟ ޖުމްލަ ބަޖެޓް އަދަދު ބޮޑުވާ ވަރަކަށް %5 އިން ލިބޭ ބައި ވެސް އިތުރު ވާންޖެހޭނެ ނޫންތޯ؟" އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
އެނގުން މުހިއްމު - މި ހިނގާ 2024 ވަނަ އަހަރަށް ލަފާކޮށް ބަޖެޓު ފާސްކުރިއިރު ބްލޮކް ގްރާންޓު ދޫކުރާ ފޯމިއުލާގައި ިރެވެނިއު މޮބިލައިޒޭޝަން ނުވަތަ ކައުންސިލްތަކުން ހޯދާ އާމްދަނީއަށް ބެލުން ހިމަނާފައިވެ އެވެ.
އެއާ އެކު، އެ ފޯމިއުލާގައި ބަލާ ކަންތައްތަކަކީ:
-
ރަށުގައި ދިރިއުޅޭ އާބާދީ
-
ބިމުގެ ބޮޑުމިން
-
އަތޮޅުގެ ވެރިކަން ކުރާ ރަށާ ހުރި ދުރުމިން
-
މާލެއާ ހުރި ދުރުމުން
-
ކައުންސިލްގެ ޕާފޯމަންސް އިންޑެކްސް
-
މާލީ ގޮތުން ބަލާ ޕާފޯމަންސް އިންޑެކްސް
-
ރެވެނިއު މޮބިލައިޒޭޝަން
ފާހަގަ ކުރެވޭ - ކައުންސިލްތައް ހިންގުމަށް ސަރުކާރުން ދޫކުރާ ބްލޮކް ގްރާންޓް އިތުރުކޮށް، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ހަރަކާތްތައް ހިންގާ ބަޖެޓު އިރުކޮށްދެެއްވާނެ ކަމަށް ރައީސް ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގެ ތެރޭ ވިދާޅުވެފަ އެވެ.
އެގޮތުން، ކައުންސިލްތައް ބާރުވެރިކުރުމުގެ މަސައްކަތަށް، ސަރުކާރުން ދޭ ބްލޮކް ގްރާންޓް ފައިސާ އިތުރުކޮށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ކައުންސިލްތަކުގެ ބަޖެޓުގެ %5 އަކީ އަންހެނުންގެ ކޮމިޓީގެ ހަރަކާތްތައް ހިންގަން ދޭ ބަޖެޓަކަށް ހައްދަވައިދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވަނީ އޭރު ވިދާޅުވެފަ އެވެ.
ކޮމެންޓް