ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލް ބައްދަލުވުމެއްގެ ރިޔާސަތުގައި އެޕާޓީގެ ރައީސް ހަސަން ލަތީފް (ދައުރު ފައިލް ފޮޓޯ/ ހުސެއިން ސުނޭން)
ބަޖެޓު އޮތީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ޑިމޮކްރެޓްސްގެ ކަންބޮޑުވުން
ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކްގްރާންޓްގެ ގޮތުގައި މަދު އަދަދެއް ކަނޑައަޅާފައިވަނީ، ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ޑިމޮކްރެޓްސްއިިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އެ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ. އެހެންވެ އެ ފައިސާ މަދު ކަމަށް ބުނެ ޑިމޮކްރެޓްސް އިން މިއަދު ވަނީ ބަޔާނެއް ނެރަފަ އެވެ.
ބުނީ ކީކޭ؟ - "ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި، ކައުންސިލްގެ އިހުތިސާސް ކަނޑައެޅި، ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ރައްޔިތުންނަށް ފޯރުވައިދޭންޖެހޭ ރަށްވެހި ހިދުމަތްތައް ފޯރުވައިދިނުމަށް، ދައުލަތުގެ ބަޖެޓުގެ ޖުމްލަ އާމްދަނީގެ މަދުވެގެން %5 ކައުންސިލްތަކަށް ދޭންވާނެ ކަމަށް ކަނޑައަޅާފައި ވަނިކޮށް، ކަނޑައެޅިގެން ލާމަރުކާޒީ ގާނޫނާ ހިލާފަށް ކައުންސިލްތަކަށް ހައްގުވާ ބްލޮކް ގްރާންޓުން ވަރަށް ބޮޑު މިންވަރެއް އުނިކޮށް، މާލީ ވަޒީރު ގާނޫނާ ހިލާފުވެފައި ވުމަކީ ދަ ޑިމޮކްރެޓްސް އިން ނުހަނު ކަންބޮޑުވެ ކުށްވެރިކުރާ ކަމެކެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.
ތަފްސީލު - ބަޔާނުގައި ބުނީ، ގާނޫނުއަސާސީގައި ވެރިކަމުގެ އެންމެހައި ބާރުތައް ފެށިގެން އަންނާނީ އަދި އެބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގާ ކަމަށް ކަނޑައަޅާފައި ވާއިރު، އަދި ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައި ރާއްޖެ ހިންގާންވާނީ ލާމަރުކަޒީ އުސޫލުންކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މި އުސޫލު ހިފެހެއްޓުމާއި ކުރިއެރުވުމާއި ޑިމޮކްރެޓިކް ހިންގުން އަށަގަންނެވުމާއި ކުރިއެރުވުމަކީ މުޅި ދައުލަތުގެ ޒިންމާއެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ލާމަރުކަޒީ އުސޫލު ކުރިއަރުވައި ބާރުވެރިކުރުމުގެ ޒިންމާއަކީ ވަޒީރަކަށް ނުވަތަ ވެރިޔަކަށް ނުވަތަ މުއައްސަސާއަކަށް ވިޔަސް އޮތް އިހުތިޔާރީ ކަމެއް ނޫނެވެ. އެއާ ހިލާފަށް އެއީ ދުސްތޫރީ އަދި ގާނޫނީ ވާޖިބެކެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ގާނޫނުގައި ވަކި މުއައްސަސާއަކަށް ވަކި ނިސްބަތަކުން ފައިސާ ދިނުމަށް ލާޒިމުކުރުމުން އެ ނޫން ގޮތަކަށް ދައުލަތުގެ ބަޖެޓު އެކުލަވާލުމަކީ ސަރުކާރަށްވެސް އަދި ރައްޔިތުންގެ މަޖިލީހަށްވެސް އޮތް ބާރެއް ނޫނެވެ،"
ޑިމޮކްރެޓްސްއިން މިކަން ސިފަކޮށްފައި ވަނީ "ކަނޑައެޅިގެން ގާނޫނާ ހިލާފު އަމަލެއް"ގެ ގޮތުގަ އެވެ.
"އެހެންކަމުން، އެފަދައިން އަމަލުނުކުރެއްވުމަށާއި، ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވެވަޑައިގަތުމަށް،" މާލީ ވަޒީރު މޫސާ ޒަމީރަށާއި ސަރުކާރަށް އިލްތިމާސްކޮށްފައިވެ އެވެ.
ފާހަގަކޮށްލޭ ކަމެއް - މިދިޔަ އަހަރު 19 ވަނަ މަޖިލީހުގައި ފާސް ކުރި މި އަހަރުގެ ބަޖެޓަށް ވުރެ މިފަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބްލޮކް ގްރާންޓް މަދުވުމުން އެކަމުގެ ކަންބޮޑުވުން އިއްޔެ އެމްޑީޕީ އާއި ބައެއް ކައުންސިލަރުން ވެސް ފާޅު ކޮށްފައިވެ އެވެ.
އެ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ކޮމެންޓް