އެމްޑީޕީ ރައީސް އަބްދުﷲ ޝާހިދު އެ ޕާޓީގެ ނިއުސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)
ކައުންސިލްތަކަށް ދޭ ފައިސާ މަދުކުރީ ރައްޔިތުން ނިކަމެތި ކުރަން: ޝާހިދު
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ހިމަނާފައިވާ އަދަދު މި އަހަރަށް ވުރެ މަދުކޮށްފައިވަނީ ކައުންސިލްތަކުން ދޭ ހިދުމަތްތައް ހުއްޓުވައި ރައްޔިތުން ނިކަމެތި ކުރުވުމަށް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަހެޅި އިރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ. މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ކައުންސިލް ހިންގުމަށް ބޭނުންވާ ބަޖެޓުން ބައެއް އުނިކޮށްފައިވާތީ ބައެއް ކައުންސިލަރުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ކުރީގެ ފޮރިން މިނިސްޓަރު އެކްސްގައި ވިދާޅުވީ މިއީ ލާމަރުކާޒީ ނިޒާމު ނެތިކޮށްލުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ އިތުރު ފިޔަވަޅެއް ކަމަށެވެ.
"ކައުންސިލްތަކަށް ލިބިދޭ ބަޖެޓުގެ ނިސްބަތް މަދުކޮށް، އެފައިސާ އެހެންކަންކަމަށް ހަރަދުކުރުމުގެ ގާނޫނީ ބާރެއް ސަރުކާރަށް ލިބިގެން ނުވޭ،" ޝާހިދު ލިޔުއްވާފައިވެ އެވެ.
ބަޖެޓު ކުޑަކޮށްފައިވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ދުރާލާ އެއްވެސް އިޝާރާތެއް ނެތި ކައުންސިލްތަކުގެ ބްލޮކް ގްރާންޓު ކުޑަކުރުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި ކަނޑައެޅިފައިވާ ބަޖެޓްގެ ތެރެއިން މުވައްޒަފުންގެ މުސާރަ ދެވޭނެ ގޮތެއް ވެސް ވިސްނިވަޑައިނުގަންނަވާ ކަމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން އެ އަހަރަކަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ މިންވަރުގެ މަދުވެގެން %5 ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ހިމަނަންޖެހެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ކޮމެންޓް (1)
ކަރޕެޓްވަގު