ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ: 1 މިލިއަން ޑޮލަރު ދޫނުކުރާ މައްސަލާގައި އޭސީސީން ވާހަކަ ދައްކައިފި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެސްކްރޯ އެކައުުންޓުގައި ހުރި 1 މިލިއަން ޑޮލަރު ޔާމީނަށް ދޫކުރަން އޭސީސީން ކޯޓުގައި ދެކޮޅު ހަދައިފި

ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާތަކުގެ މައްސަލަތަކުގެ ތަހުގީގުތައް އަދިވެސް ކުރިއަށް ދާތީ އެ ފައިސާ ދޫކުރުމަކީ އޭސީސީއަށް ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް އެ ކޮމިޝަނުގެ ވަކީލު ހައި ކޯޓުގައި ވިދާޅުވި
7 ގަޑިއިރު ކުރިން

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރު ދޫކުރަން ދެކޮޅު ކަމަށް އެ ކޮމިޝަނުން އިއްޔެ ބުނެފި އެވެ.

އެނގުން މުހިންމު - މި 1 މިލިއަން ޑޮލަރަކީ ޔާމީންގެ އެކައުންޓެއްގައި ހުއްޓައި، ގއ. ވޮޑަމުއްލާގެ ތަހުގީގަށް އޭސީސީ މެދުވެރިވެގެން ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަށް 10 ޖޫން 2018ގައި ޔާމީން ޖަމާކުރެއްވި ފައިސާއެކެވެ.

އެ އެސްކްރޯ އެއްބަސްވުމުގައިވާ ގޮތުން އެކައުންޓް ހުޅުވާތާ އެއް އަހަރުގެ ތެރޭގައި އެއީ ދައުލަތުގެ ފައިސާކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ، ޔާމީންގެ އެކައުންޓަށް އަނބުރާ އެ ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެ މުއްދަތު ހަމަވީ 10 ޖޫން 2019 އަށެވެ.

ވީ ކިހިނެއް؟ - އެސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެ މަނިކުފާނުގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާނުކޮށްދީ ހިފެހެއްޓި މައްސަލާގައި، ބީއެމްއެލާއި އޭސީސީއަށް ޔާމީނުގެ ފަރާތުން ދައުވާކޮށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ.

ބީއެމްއެލް ވެސް ޝާމިލުވާ ގޮތަށް މައްސަލަ ބެލުމަށް ސިވިލް ކޯޓުން ނިންމުމުން ބޭންކުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރީ އެވެ. ހައި ކޯޓުގައި އިއްޔެ އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވި އެވެ.

ކީކޭ ބުނީ؟ - ހައި ކޯޓުގެ އަޑުއެހުމުގައި އޭސީސީގެ ވަކީލު އައިޝަތު ޝުނައިނަތު އަބްދުﷲ ވިދާޅުވީ ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާތަކުގެ މައްސަލަތަކުގެ ތަހުގީގުތައް އަދިވެސް ކުރިއަށް ދާތީ އެ ފައިސާ ދޫކުރުމަކީ އޭސީސީއަށް ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.

"މި ފައިސާއާ މެދު ގޮތް ކަނޑައެޅުމަކާ ނުލައި ޖިނާއީ ތަހުގީގުތަކެއް ކުރިއަށްދާ ފައިސާތަކެއްގެ ވާހަކަ މި ދައްކަނީ. މިފަދަ ނިންމުމަކާ ނުލައި ވަކި އާންމު ފަރުދަކަށް މިފައިސާ ދޫކޮށްލެވިގެން ދިއުމަކީ އޭސީސީން ގަބޫލުކުރާ އެންމެ ރަނގަޅު ކަމެއްގޮތުގައި ނުދެކެން،" ވަކީލު ވިދާޅުވި އެވެ.

ނަމަވެސް އެއީ ސިވިލް ކޯޓަށް ޔާމީން ހުށަހަޅާފައިވާ މައުލޫއީ މައްސަލާގައި ކުރަން ޖެހޭ ބަހުސެކެވެ. މިކަން އޭސީސީން ހައި ކޯޓުގައި ފާހަގަކުރީ ޔާމީނަށް ބޭންކުން ފައިސާ ދޫކުރަންވީތޯ ބޭންކުގެ ވަކީލުން އޭސީސީއަށް ޝަރީއަތުގައި ސުވާލުކޮށްފައި އޮތުމުންނެވެ.

ބޭންކުން އިސްތިއުނާފުކޮށްފައިވާ މައްސަލައަށް ވާހަކަ ދެއްކުމަށް ވެސް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އިރުޝާދު ދެއްވި އެވެ. އޭސީސީން ދެކެނީ މައުލޫއީ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންދަން ޖެހޭނީ ބީއެމްއެލް ވެސް ހިމެނޭ ގޮތަށެވެ.

"ފައިސާ ދޫކުރުމުގައި އޭސީސީގެ ދައުރެއް ވެސް ނެތް. އެއްބަސްވުމުން އޭސީސީއަށް ދީފައިވާ ދައުރަކީ ޖިނާއީ ތަހުގީގުން ނިންމާ ގޮތެއް، އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާތޯ ނުވަތަ ނޫންތޯ ފައިސާ ބަހައްޓާފައިވާ ފަރާތަށް [ޔާމީނަށް] އެންގުން،" އޭސީސީގެ ވަކީލު ވިދާޅުވި އެވެ.

އޭސީސީގެ ވަކީލު ފާހަގަކުރެއްވި ނުކުތާތަކަށް ރައްދު ދެއްވަވަމުން ބީއެމްއެލްގެ ވަކީލު މަޒްލާން ރަޝީދު އަނެއްކާ ވެސް ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުންތަކުގައި އުފެއްދެވި ސުވާލުތައް އަމާޒުކުރެއްވި އެވެ.

"އެއްބަސްވުމުގައި މިކަން އޮތީ ހަމަ ބޭންކަށް ދޫކޮށްލަން ފެންނަންޏާ، ބޭންކުން ހަމަ ބޭނުން ވަގުތަކު ދޫކޮށްލެވޭ ގޮތަށްތޯ؟ އެހާ ވަރަށް ބޭންކަށް ދައުރު ދީފައިވޭތޯ؟ މި ސުވާލަށް އޭސީސީން [ސާފު] ޖަވާބެއް ދެއްވުމަށް ވަރަށް ބޮޑަށް އެދެން،" ބޭންކުގެ ވަކީލު ވިދާޅުވި އެވެ.

ފަސް މަންޒަރު - މި އިއުތިރާޒާ މެދު ސިވިލް ކޯޓުން ނިންމީ އެއްބަސްވުމަކީ ބޭންކު ވެސް ޝާމިލުވާ ގޮތަށް އޮތް އެސްކްރޯ އެކައުންޓެއްގެ އެއްބަސްވުމެއް ކަމަށެވެ. 

އެގޮތުން، ސިވިލް ކޯޓުގެ ނިންމުމުގައި ވަނީ:

  • ފައިސާ ޖަމާކުރަން ވެފައިވާ އެއްބަސްވުމުގެ ނަމެއްގެ ގޮތުގައި އޮތީ "ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ ފައިސާ މައްސަލަ ނިމެންދެން އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް ވެވޭ އެއްބަސްވުމެއް" ކަމަށް

  • އެއްބަސްވެވޭ ހާލަތު ބަޔާންކުރާ މާއްދާގައި ވެސް އޮތީ "ބީއެމްއެލްގައި ހުޅުވާ އެސްކްރޯ އެކައުންޓެއްގައި އެއްވެސް މުއާމަލާތެއް ނުކުރެވޭ ގޮތަށް ފައިސާ ބެހެއްޓުމަށްޓަކައި ވެވޭ އެއްބަސްވުމެއް" ކަމަށް

  • "އެ ފައިސާއަކީ އެސްކްރޯ އެކައުންޓަކުން އެއްވެސް ފަރާތަކަށް ނުނެގޭ ގޮތަށް ހިފެހެއްޓިފައިވާ ފައިސާއެއް" ކަމަށް

  • އެއްބަސްވުމުގެ މާއްދާތަކުން ހާމަވާ އެއް ކަމަކީ އެއްބަސްވުމުގެ ބައިވެރިން އިއްތިފާގުވަނީ އެ އެއްބަސްވުމުގެ ދަށުން ފައިސާ ބަހައްޓާ އެކައުންޓުގެ ބާވަތަކީ އެސްކްރޯ އެކައުންޓެއް ކަމަށް

  • އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އެއްބަސްވުމުގެ ބައިވެރިން ބޭނުންވީ ފައިސާއާ މެދު ވަކި ގޮތެއް ކަނޑައެޅެންދެންކަން އެނގެން އޮވޭ

  • ފައިސާ ޖަމާކުރީ އޭސީސީގެ ނަމުގައި ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓެއްގައިކަން އޭސީސީގެ ބަހުންނާއި ކޯޓަށް އެ ކޮމިޝަނުން ފޯރުކޮށްދީފައިވާ ލިޔެކިއުންތަކުން ވެސް އެނގޭ

  • ބޭންކަކީ އެ އެއްބަސްވުމުގެ ބައިވެރިއެއްކަމާ މެދު ގޮތެއް ކަނޑައެޅޭނީ މައްސަލައިގެ މައުލޫއަށް ބޭންކުގެ ފަރާތުން ޖަވާބުދާރީވުމުގެ މަރުހަލާގައި ދެކެވޭ ވާހަކަތަކާއި ހުށަހެޅޭ ލިޔެކިއުންތަކަށް ފަހު

ގުޅުން ހުރި - ރިސޯޓެއް ހަދަން އެމްއެމްޕީއާރުސީން ކުއްޔަށް ދޫކުރި ވޮޑަމުއްލާގެ މުއާމަލާތުން ޔާމީނަށް ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމާއި އެ ފައިސާ ލޯންޑަކުރެއްވިކަމުގެ ކުށް ދަށު ކޯޓާއި ހައި ކޯޓުގައި ސާބިތުވި އެވެ.

ނަމަވެސް، ސުޕްރީމް ކޯޓުން 30 ނޮވެމްބަރު 2021ގައި ނިންމީ، އެ 1 މިލިއަން ޑޮލަރަކީ ވޮޑަމުއްލާ ކުއްޔަށް ދީގެން ހޯއްދެވި ފައިސާކަން ދައުލަތަށް ސާބިތުކޮށްނުދެވޭ ކަމަށެވެ. އެހެންކަމުން، ޔާމީންގެ މައްޗަށް މި މައްސަލައިގައި އިއްވި ފަސް އަހަރުގެ ހުކުމް އެންމެ މަތީ ކޯޓުން ބާތިލުކުރި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް