16 އޮގަސްޓު 2023؛ އާ ރަށު އިސްތިއުނާފް އަޑުއެހުމުގައި އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ

އެސްކްރޯ އެކައުންޓްގައި ހުރި 1 މިލިއަން ޑޮލަރު ޔާމީނަށް ދޫނުކުރަން ބީއެމްއެލް ހައި ކޯޓަށް

ބީއެމްއެލްއިން ބުނީ އެ ފައިސާ ހުރީ އޭސީސީގެ ކަރަންޓު އެކައުންޓެއްގައި ކަމުން އެ ފައިސާއާ މެދު ގޮތެއް ކަނޑައަޅާނީ އޭސީސީން ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ހޯދަން އެމަނިކުފާނުގެ ފަރާތްޕުޅުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ދެކޮޅަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ބީއެމްއެލްއިން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

އެނގުން މުހިންމު - މި އެއް މިލިއަން ޑޮލަރަކީ ޔާމީންގެ އެކައުންޓެއްގައި ހުއްޓާ، ގއ. ވޮޑަމުއްލާގެ ތަހުގީގަށް އޭސީސީ މެދުވެރިވެގެން ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަށް 10 ޖޫން 2018ގައި ޔާމީން ޖަމާކުރެއްވި ފައިސާއެކެވެ.

އެ އެސްކްރޯ އެއްބަސްވުމުގައި ވާ ގޮތުން އެ ކައުންޓް ހުޅުވާތާ އެއް އަހަރުގެ ތެރޭގައި އެއީ ދައުލަތުގެ ފައިސާކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ ޔާމީންގެ އެކައުންޓަށް އަނބުރާ އެ ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެ މުއްދަތު ހަމަވީ 10 ޖޫން 2019އަށެވެ.

ސުޕްރީމް ކޯޓުން ސަލާމަތްވުމުން ކުރީގެ ރައީސް ޔާމީން މިނިވަނެއްގެ ގޮތުން ގެޔަށް ވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނަިއިދު)

ރިސޯޓެއް ހަދަން އެމްއެމްޕީއާރުސީން ކުއްޔަށް ދޫކުރި ވޮޑަމުއްލާގެ މުއާމަލާތުން ޔާމީނަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ލިބިވަޑައިގެންނެވިކަމާއި އެ ފައިސާ ލޯންޑަކުރެއްވިކަމުގެ ކުށް ދަށު ކޯޓާއި ހައި ކޯޓުން ސާބިތުވިޔަސް ސުޕްރީމް ކޯޓުން 30 ނޮވެމްބަރު 2021ގައި ނިންމީ، އެ އެއް މިލިއަން ޑޮލަރަކީ ވޮޑަމުއްލާ ކުއްޔަށް ދީގެން ހޯއްދެވި ފައިސާކަން ދައުލަތަށް ސާބިތުކޮށްނުދެވޭ ކަމަށެވެ. އެހެންކަމުން ޔާމީންގެ މައްޗަށް އެ ކުށް، އެންމެ މަތީ ކޯޓުގައި ސާބިތެއްނުވި އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ ހަގީގަތާ މެދު ސުވާލު އުފައްދައިފަ އެވެ. އަދި އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ނަމަ އެ ފައިސާ އާއި އެ ފައިސާ އިންްވެސްޓް ކުރުމުގެ ސަބަބުން ފައިދާއެއް ލިބިފައިވާ ނަމަ އެ ފައިދާއެއް ހިމެނޭހެން ހޯދުމުގެ ހައްގު ދައުލަތަށް ލިބިފައިވާ ކަމަށް ވެސް ހުކުމުގައި ކަނޑައެޅި އެވެ.

އެކަމަކު އެ ފައިސާ ހޯދަން އެމްއެމްޕީއާރްސީން މިހާތަނަށް ކޯޓަށް ހުށަހަޅާފައެއް ނުވެ އެވެ. 

ބީއެމްއެލްއާ ދެކޮޅަށް ސިވިލް ކޯޓަށް ޔާމީން މައްސަލަ ހުށައެޅުއްވީ އެ ފައިސާ ހޯއްދަވާށެވެ. 

ތަފްސީލް - ޔާމީން ހުށަހެޅުއްވި މައްސަލާގައި އެދިފައިވަނީ:

  • ފައިސާ ޖަމާކުރަން ހެދި އެސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ފައިސާ ރައްދުކޮށްފައި ނުވާތީ، އެ ފައިސާ ބޭންކުން ހިފަހައްޓާފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް

  • އެ ފައިސާ ޔާމީންގެ އެކައުންޓަށް ވަގުތުން ޖަމާކޮށްދޭން އަމުރެއް ނެރެން

  • އެ ފައިސާ ހިފެހެއްޓުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ފައިސާއިން ވިޔަފާރިކުރި ނަމަ ލިބޭނެ ކަމަށް އަންދާޒާކުރާ ފައިދާގެ އަދަދު ހިސާބުކޮށް އެ ފައިސާ އެކުއެކީގައި އެއްފަހަރާ ޔާމީނަށް ދައްކަން ކަނޑައަޅައިދޭން 

އެ ދައުވާއަށް ޖަވާބުދާރީވާން ބީއެމްއެލްއަށް އެންގުމުން އެއީ އެ ބޭންކާ ދެކޮޅަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ބުނެ، ކޯޓުގެ އިހްތިސޯސްއާ މެދު ސުވާލު އުފައްދައި، އިއުތިރާޒެއް ހުށަހެޅި އެވެ. އެ އިއުތިރާޒްއާ ގުޅިގެން މިދިޔަ މަހުގެ 20ވަނަ ދުވަހު ސިވިލް ކޯޓުން ނިންމީ އެއީ ބޭންކާ ދެކޮޅަށް ކުރެވިދާނެ ދައުވާއެއް ކަމަށެވެ. އެހެންކަމުން އެ ދައުވާއަށް ޖަވާބުދާރީވާން އަލުން އެންގި އެވެ.

ވޮޑަމުއްލާގެ މައްސަލާގައި ޔާމީން ސަލާމަތްވުމުން ސަޕޯޓަރުން އެ ދުވަހު އުފާ ފާޅުކުރަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނަިއިދު)

ނަމަވެސް ސިވިލް ކޯޓުގެ އެ ނިންމުން މިދިޔަ ބުދަދުވަހު ބީއެމްއެލްއިން ހައި ކޯޓުގައި އިސްތިއުނާފްކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެކައުންޓެއްގައި ހުރި ފައިސާއެއް ކަމުން، އެ ފައިސާ ބޭންކަށް ދޫނުކުރެވޭނެ ކަމަށް ބުނެ އެވެ. ބީއެމްއެލް އިން ބުނަނީ އެއީ އެ ބޭންކާ ދެކޮޅަށް ކުރިއަށް ގެންދެވިދާނެ މައްސަލައެއް ނޫން ކަމަށާއި، އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނީ އޭސީސީއާ ދެކޮޅަށް ކަމަށެވެ.

މި އިސްތިއުނާފް ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ. 

ބުނީ ކީކޭ؟ - އެއް މިލިއަން ޑޮލަރު ހޯދަން ބީއެމްއެލްގެ މައްޗަށް ދައުވާ ނުކުރެވޭނެ ސަބަބަކަށް ބީއެމްއެލްއިން ބުނަނީ:

  • ތަހުގީގު ބޭނުމަށް ފައިސާ ޖަމާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ޔާމީން އާއި އޭސީސީއާ ދެމެދު. ބީއެމްއެލްއަކީ އެ އެއްބަސްވުމުގައި ސޮއިކުރި ފަރާތެއް ނޫން

  • އެއްބަސްވުމެއްގެ ބައިވެރިއަކަށް ނުވާ ފަރާތެއްގެ މައްޗަށް އެ އެއްބަސްވުން ތަންފީޒުކުރަން ދައުވާ ނުކުރެވޭނެ ކަމަށާއި، އެ ދައުވާކުރަން ޖެހޭނީ އޭސީސީގެ މައްޗަށް ކަމަށް

  • ފައިސާ ޖަމާކުރީ އެސްކްރޯ އެއްބަސްވުމެއްގެ ދަށުން ކަމަށް ޔާމީން ވިދާޅުވި ނަމަވެސް އެ ފައިސާ ޖަމާކުރީ އޭސީސީގެ ނަމުގައި ހުޅުވާފައިވާ ކަރަންޓް އެކައުންޓަކަށް ކަމަށް

  • ބޭންކުގެ ކަސްޓަމަރެއްގެ ކަރަންޓް އެކައުންޓަށް ތިން ވަނަ ފަރާތަކުން ފައިސާ ޖަމާކުރާ ހިސާބުން އެއީ އެކައުންޓުގެ ވެރިފަރާތުގެ ފައިސާ ކަމަށާއި އެ ފައިސާ ތިން ވަނަ ފަރާތަކަށް ޖަމާކުރެވޭނީ އެކައުންޓެއްގެ ވެރިފަރާތުގެ ހުއްދައާ އެކު ކަމަށް

  • އޭސީސީއަށް ފައިސާ ޖަމާކުރި ފަރާތަކުން އެ ފައިސާ އަނބުރާ ރައްދުކުރަން އެދުމަކުން އެ ފައިސާ ޖަމާކޮށްދިނުމުގެ ބާރެއް ބޭންކަށް ލިބިގެން ނުވާ ކަމަށާއި، އެ ފައިސާއާ މެދު ހަދާނެ ގޮތެއް އެނގޭނީ އޭސީސީއަށް ކަމަށް

މި އިއުތިރާޒާ މެދު ސިވިލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ، ޔާމީން ފައިސާ ޖަމާކުރީ އޭސީސީގެ ކަރަންޓް އެކައުންޓަކަށް ކަމަށް ބޭންކުން ބުނި ނަމަވެސް އެއީ އެސްކްރޯ އެކައުންޓެއް ކަން ލިޔެކިއުންތަކާއި އެ ފައިސާ ޖަމާކުރަން ހެދި އެއްބަސްވުމުން އެނގޭ ކަމަށެވެ.

އެގޮތުން ސިވިލް ކޯޓުގެ ނިންމުމުގައި ވަނީ:

  • ފައިސާ ޖަމާކުރަން ވެފައިވާ އެއްބަސްވުމުގެ ނަމެއްގެ ގޮތުގައި އޮތީ 'ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ ފައިސާ މައްސަލަ ނިމެންދެން އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް ވެވޭ އެއްބަސްވުމެއް' ކަމަށް

  • އެއްބަސްވެވޭ ހާލަތު ބަޔާންކުރާ މާއްދާގައި ވެސް އޮތީ 'ބީއެމްއެލްގައި ހުޅުވާ އެސްކްރޯ އެކައުންޓެއްގައި އެއްވެސް މުއާމަލާތެއް ނުކުރެވޭ ގޮތަށް ފައިސާ ބެހެއްޓުމަށްޓަކައި ވެވޭ އެއްބަސްވުމެއް' ކަމަށް

  • އަދި "އެ ފައިސާއަކީ އެސްކްރޯ އެކައުންޓަކުން އެއްވެސް ފަރާތަކަށް ނުނެގޭ ގޮތަށް ހިފެހެއްޓިފައިވާ ފައިސާއެއް" ކަމަށް

  • އެއްބަސްވުމުގެ މާއްދާތަކުން ހާމަވާ އެއް ކަމަކީ އެއްބަސްވުމުގެ ބައިވެރިން އިއްތިފާގުވަނީ އެ އެއްބަސްވުމުގެ ދަށުން ފައިސާ ބަހައްޓާ އެކައުންޓުގެ ބާވަތަކީ އެސްކްރޯ އެކައުންޓެއް ކަމަށް

  • އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އެއްބަސްވުމުގެ ބައިވެރިން ބޭނުންވީ ފައިސާއާ މެދު ވަކި ގޮތެއް ކަނޑައެޅެންދެންކަން އެނގެން އޮވޭ

  • ފައިސާ ޖަމާކުރީ އޭސީސީގެ ނަމުގައި ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓެއްގައި ކަން އޭސީސީގެ ބަހުންނާއި، ކޯޓަށް އެ ކޮމިޝަނުން ފޯރުކޮށްދީފައިވާ ލިޔެކިއުންތަކުން ވެސް އެނގޭ

  • ބޭންކަކީ އެ އެއްބަސްވުމުގެ ބައިވެރިއެއްކަމާ މެދު ގޮތެއް ކަނޑައެޅޭނީ މައްސަލައިގެ މައުލޫއަށް ބޭންކުގެ ފަރާތުން ޖަވާބުދާރީވުމުގެ މަރުހަލާގައި ދެކެވޭ ވާހަކަތަކާއި ހުށަހެޅޭ ލިޔެކިއުންތަކަށް ފަހު

އެހެންކަމުން އެއީ ބޭންކާ ދެކޮޅަށް ހުށަހެޅިދާނެ މައްސަލައެއްކަމަށް ނިންމާ އެ މައްސަލައިގެ ދައުވާތަކަށް ޖަވާބުދާރީވާން ބީއެމްއެލްއަށް ސިވިލް ކޯޓުން ވަނީ އަންގައިފަ އެވެ.

ކޮމެންޓް (1)

ނަސީ

10 މާރިޗު 2024
ދެން ކީއްވެބާ ޔާމިން މިނިވަންނުވެ އެހުންނެވީ ކޯޓް ތައް ހަމަރަގަޅީ ބާ؟؟؟؟؟؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް