ޕީޕީއެމްގެ ޖަލްސާއެއް ތެރެއިން ޔާމީން (ފޮޓޯ/އަބްދުﷲ އަބީދު)

އެސްކްރޯ އެކައުންޓްގައި ހުރި 1 މިލިއަން ޑޮލަރު ހޯއްދަވަން ޔާމީން ދައުވާ ކުރައްވަނީ

ޔާމީން ވިދާޅުވީ އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް އެއް އަހަރު ތެރޭ ނުނިންމައިފި ނަމަ އެ ފައިސާ އެމަނިކުފާނަށް ދޭން، އޭސީސީއާ އެކު ހަދާފައިވާ އެއްބަސްވުމުގައި އޮންނާނެ ކަމަށް

ވެރިކަމުގައި ހުންނެވި އިރު އެމަނިކުފާނުގެ އެކައުންޓަށް ވަތް 1 މިލިއަން ޑޮލަރާ މެދު ޝައްކު އުފެދިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓާފައި ހުރި ފައިސާ ހޯދުމަށް ދައުވާ ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ފަސްމަންޒަރު - އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުގެ ފައިސާ ދައުރުކުރުމަށް ބޭނުން ކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓުން ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް 1 މިލިއަން ޑޮލަރު ވަތް މައްސަލަ އެމަނިކުފާނުގެ ސަމާލުކަމަށް އޭސީސީން އޭރު ގެނަ އެވެ. އަދި އެ ފައިސާއާ މެދު ޝައްކު ކުރެވިގެން މާޗް 2018ގައި ދެ ފަރާތުން ހެދި އެއްބަސްވުމެއްގެ ދަށުން އެ މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓެއްގައި ބެހެއްޓި އެވެ. ނަމަވެސް އެސްކްރޯ އެކައުންޓުގައި ހުރީ ޔާމީންގެ އެކައުންޓަށް ވަތް ޝައްކު އުފެދުނު 1 މިލިއަން ޑޮލަރު ނޫން ކަމަށް އޭރު އޭސީސީގެ ރައީސަކަށް ހުންނެވި މުއައްވިޒު ރަޝީދު ކޯޓުގައި ހެކިބަސް ދެއްވާފައިވެ އެވެ. 

ވީ ކިހިނެއް؟ - ސަންގު ޓީވީން މިރޭ ދެއްކި އިންޓަވިއުއެއްގައި ޔާމީން ވަނީ އެސްކްރޯ އެކައުންޓުގައި ހުރި ފައިސާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ އެމަނިކުފާނަށް ލިބެން ޖެހޭ ފައިސާއެއް ކަމަށާއި އެ ފައިސާ އަދިވެސް ހުރީ އެސްކްރޯ އެކައުންޓުގައި ކަމަށެވެ.

ތަފްސީލު - ޔާމީން ވިދާޅުވީ، އޭސީސީއާ އެކު ހެދި އެއްބަސްވުމުގެ ދަށުން، 1 މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް އޭސީސީއަށް އެއް އަހަރު ތެރޭ ކަނޑަނޭޅިއްޖެ ނަމަ، އެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވާން ޖެހޭ ކަމަށެވެ. އަދި އެއްބަސްވުމުގައި ސާފުކޮށް އެ ވާހަކަ އޮންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެކަމަކު ބޭންކް އޮފް މޯލްޑިވްސްއިން އަދިވެސް އެކަން ކޮށްދޭކަށް ނޫޅޭ. ދެން މިހާރު އެ މައްސަލައިގައި [އެ ފައިސާ ހޯދަން] ބޭންކް އޮފް މޯލްޑިވްސް ގޮވައިގެން ކޯޓަށް ދިޔުމުގެ މަގުމަތީގައި މިއުޅެނީ،" ޔާމީން ވިދާޅުވި އެވެ.

އެނގުން މުހިއްމު - އެމްއެމްޕީއާރުސީގެ މައްސަލައިގައި ޔާމީންގެ މައްޗަށް އެންމެ ފުރަތަމަ ދައުވާ ކުރީ، އެ 1 މިލިއަން ޑޮލަރާ ގުޅިގެންނެވެ. ދައުލަތުން ބުނެފައި ވަނީ އެއީ ގއ. ވޮޑަމުލާ ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ޔާމީން ފަސް އަހަަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކުރި އެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް، ޔާމީން މިނިވަންކޮށްފަ އެވެ.

ޔާމީން ސަންގު ޓީވީއަށް އިންޓަވިއު ދެއްވަނީ

'އެއީ ސައްހަ މަސައްކަތަކަށް ލިބިފައި ހުރި ފައިސާ'

ޔާމީން މީގެ ކުރިން ވިދާޅުވެފައި ވަނީ އެ ފައިސާއަކީ ހެޔޮއެދޭ ފަރާތްތަކުން ސިޔާސީ ބޭނުމަށް ދިން ފައިސާ ކަމަށެވެ. މި އިންޓަވިއުގައި ވެސް ޔާމިން ވަނީ އެއީ ހަލާލު ފައިސާ ކަމަށް ވިދާޅުވެ، ދިފާއުގައި ކުރިންސުރެ ދައްކަވާ ވާހަކަތައް ތަކުރާރުކުރައްވައިފަ އެވެ. އަދި ކުރިން ވެސް ދެކޮޅު ހެއްދެވި ގޮތަށް، އެ ފައިސާ ދިނީ ކޮން ފަރާތްތަކަކުންކަން ހާމަކުރައްވާކަށް އެމަނިކުފާނު ބޭނުންފުޅެއް ނުވި އެވެ.

"އެއީ އަޅުގަނޑުގެ އެކަނި ހައްގެއް ނޫން. ފައިސާ ދިން ފަރާތްތަކުގެ ވެސް ހައްގެއް. އެހެންވީމަ، އެ ސްޕެކިއުލޭޝަންއަށް ދާން ބޭނުން ނުވަނީ. އެއީ ޑިސްކްލޯސް ކުރަން ޖެހޭ މައުލޫމާތެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

"އެ ފައިސާއަކީ، އެއްގޮތަކަށް ވެސް ގާނޫނާ ހިލާފަށް ހޯދާފައިވާ ފައިސާއެއް ނޫން. ގާނޫނާ ހިލާފު ކަމެއް ކުރަން ވެސް ހޯދާފައި ހުރި ފައިސާއެއް ނޫން. އަދި ސުޕްރީމް ކޯޓުގެ ތެރެއިން 2018ގައި، މިހާރުގެ ސަރުކާރުގެ ބޭފުޅުން ހިމެނޭ އަދި މި ކޯލިޝަންގެ ލީޑަރުން ހިމެނޭ ގޮތަށް، ގާނޫނާ ހިލާފު އަމުރުތައް ނެރެން ހޯދާފައިވާ ފައިސާއެއް ނޫން." 

ދިން މީހުން އެ ފައިސާ ދިނީ، ބަދަލުގައި އެއްވެސް ކަމެއް ކުރުމަށް ޝަރުތުކޮށްފައި ނޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އެއީ ސައްހަ ގޮތުގައި، ސައްހަ މަސައްކަތަކަށް ލިބިފައި ހުރި ފައިސާ. ... އެއްވެސް ކަމެއް އިން ރިޓާން ކޮށްދޭ ގޮތަށް ދީފައި ހުރި ފައިސާއެއް ނޫން އެއީ."

ކޮމެންޓް (1)

ޕިންޑޭ

2 ސެޕްޓެމްބަރު 2022
ފައިސާ، މި ފައިސާ، މަގޭ ފައިސާ، އަހަރެންގެ ފައިސާ، އޭނަގެ ފައިސާ، މީނަގެ ފައިސާ، ތީނަގެ ފައިސާ، ޔޫގެ ފައިސާ، ތުއްދޮންބެ ފައިސާ، ރައީސް ޔާމީންގެ ފައިސާ، ރައީސް ޔާމީންގެ ފައިސާ، ފައިސާ، ފައިސާ، ފައިސާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް