މަޖިލީހުގެ ޖަލްސާއެއްގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ދުންފަތް

ޑިއުޓީ ބޮޑުކުރާތީ މެންބަރު އައްބާސް ދުންފަތާ ދުރަށް

އައްބާސް ވިދާޅުވީ ވޭޕު މަނާކޮށް، ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމަކީ މުސްތަގުބަލަށް ކޮށްދޭ ކަމެއް ކަމަށް؛ މިއީ ދުންފަތާ ދުރަށް ގޮސް، އާންމު ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ލިބޭނެ ހިތްވަރެއް ކަމަށް ވެސް އޭނާ ވިދާޅުވި
12 ގަޑިއިރު ކުރިން

ސިނގިރޭޓުން ނަގާ ޑިއުޓީން ނަގާ ޓެކުހާއި ޑިއުޓީ ބޮޑު ކުރަން ސަރުކާރުން ގާނޫނަށް ބަދަލު ގެނެސް، ވޭޕު މަނާކުރަން ނިންމާފައިވާތީ، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އަޒުމު ކަނޑައަޅުއްވާފައިވާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސިނގިރޭޓާއި ބިޑިން ނަގާ ޓެކުހާއި ޑިއުޓީ ބޮޑުކުރުމަށް އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅައިފަ އެވެ. އެ އިސްލާހު މިއަދު ވަނީ މަޖިލީހަށް ބަލައިގެންފަ އެވެ.

ތަފްސީލް - ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ކުރައްވައި އެމްޑީއޭގެ މެމްބަރު އައްބާސް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވީ، އެ އިސްލާހުތަކަކީ މާދަމާގެ ޒުވާން ޖީލު ދުންފަތާއި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް އެޅިގެންދާ ވަރުގަދަ ފިޔަވަޅަކަށް ވާނެ ކަމަށެވެ.

މީގެ އިތުރުން، އާންމު ދިރިއުޅުމުގެ އިގްތިސޯދު ރަނގަޅުވެ، ދުންފަތަށް ކުރާ ހޭދަ ނިމުމަކަށް އައިސް، އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ދުންފަތަށް ކުރާ ހޭދަ ބޭނުންކުރެވޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދުގެ ހާލަތަކީ ޒުވާނުން މިއަދު ވެސް ސިނގިރޭޓަށް ކުރާ ހޭދަ އަމިއްލަ އާއިލާއަށް ކުރާ ހޭދައަށް ވުރެ މިދަނީ ވަރަށް ބޮޑުތަން އިތުރުވަމުން. ހަމަ އެއާ އެކު، ވޭޕާއި އެއާ ގުޅުން ހުރި އާލާތްތަކަކީ މި ރާއްޖެ ނޫނަސް މިއަށް ވުރެ ކުރިއަރާފައި ހުރި، އެއް ވަނަ ދުނިޔޭގެ ގައުމުތަކުގައި ވެސް ގާނޫނުން ބޮޑުތަނުން މަނާކޮށްފައި ހުރި ކަންތައްތައް،" އައްބާސް ވިދާޅުވި އެވެ.

ދުންފަތާއި ވޭޕުގެ ސަބަބުންް ކެންސަރާއި ފުއްޕާމޭގެ ބަލިތައް އަދި ހިތުގެ ބަލިތައް ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާކަން ފާހަގަކުރައްވައި އައްބާސް ވިދާޅުވީ ވޭޕު މަނާކުރުމަށް ރާއްޖޭގެ %95 ރައްޔިތުން ތާއީދު ކުރާނެ ކަމަށެވެ.

"ދުންފަތާއި ދުންފަތާ ގުޅުން ހުރި އާލާތްތަކުން ޓެކްސް ބޮޑުކުރުމަށް މި އިއްޒަތްތެރި މަޖިލީހުން ނިންމަވައިފި ނަމަ އެ ކަމަށް ވެސް ދިވެހި ރައްޔިތުން ތާއީދު ކުރައްވާނެ،" އޭނާ ފާހަގަކުރެއްވި އެވެ.

އައްބާސް ވިދާޅުވީ ވޭޕު މަނާކޮށް، ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމަކީ މުސްތަގުބަލަށް ކޮށްދޭ ކަމެއް ކަމަށެވެ.

"މީގެ ސަބަބުން ރާއްޖޭން ބޭރުވާ ބޭރު ފައިސާ ވެސް މަދުވާނެ. ރާއްޖޭގެ އިގްތިސޯދު ވެސް ރަނގަޅުވާނެ. އާއިލާގެ ދިރިއުޅުމުގެ ހާލަތު ވެސް ރަނގަޅުވާނެ،" އޭނާ ވިދާޅުވި އެވެ.

"މިހާރަށް ވުރެ މީރު ކާނާ ކައިގެން ދިރިއުޅެވޭނެ، އިއްޒަތްތެރި ރައީސް. މިއަދު ސިނގިރޭޓަށް އެ ކުރާ ހޭދަ، 7،000ރ. ނޫނީ 8،000ރ. މާދަމާ ހަރަދު ނުކުރާ ނަމަ، ރީތި އަންނައުނު ވެސް ލެވޭނެ. ރީތި ފައިވާނާއި ރީތި ބޫޓަށް ވެސް އެރޭނެ."

ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ކުރައްވައި އޭނާ ވިދާޅުވީ މަޖިލީހުގެ މެންބަރުން ދުންފަތާ ދުރުވުމަށް ބައެއް މީހުން އެދޭ ކަމަށެވެ. އައްބާސް ވިދާޅުވީ އޭނާ އަކީ ވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއް ކަމަށާއި އަމާޒަކީ، ވޭޕު އެތެރެކުރުން މަނާ ކުރަން ނިންމާފައިވާ ތާރީހު ކަމަށްވާ އަންނަ މަހުގެ 15 އިން ފެށިގެން ދުންފަތާ ދުރަށް ވަޑައިގަތުން ކަމަށެވެ.

"އަޅުގަނޑަކީ ދުވާލަކު ދެ ފޮށި ސިނގިރޭޓު މިހާރު ވެސް ބޯމީހެއް. ނޮވެމްބަރު 15 ވަނަ ދުވަހުން ފެށިގެން، މާތްﷲގެ ތަނަވަސް ރަހުމަތާ އެކު ސިނގިރޭޓު ބުއިން ހުއްޓާލަން އަޅުގަނޑު ނިންމައިފިން،" އޭނާ ވިދާޅުވި އެވެ.

އައްބާސް މިކަން އިއުލާނު ކުރެއްވުމާ އެކު، މަޖިލީހުގެ މެންބަރުން ވަނީ އަތްތިލަބަޑި ޖައްސަވައި އޭނާއަށް މަރުހަބާ ވިދާޅުވެފަ އެވެ.

ގުޅުން ހުރި - އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ، އަންނަ މަހުގެ 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ކުރުމާއި އެ ކަމަށް ބޭނުންވާ ތަކެތި އެތެރެ ކުރުން މަނާ ކުރަން ސަރުކާރުން ނިންމާފައި ވާއިރު، އެ ދުވަހާ ހަމައަށް އެތެރެކުރާ ވޭޕާއި އެއާ ގުޅުން ހުރި ތަކެތިން ނަގާ ޑިއުޓީ ބޮޑުކުރުމަށެވެ.

އެ އިސްލާހުގައި ވަނީ:

  • އީ-ސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެ ނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލް އިން ނަގާ ޑިއުޓީ %50 ބޮޑުކޮށް، މިލިލީޓަރަކަށް 8ރ. ނަގަން

  • އީ-ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތައް ނުވަތަ އާލާތްތަކާއި އެ ތަކެތީގެ ބައި ބަޔަށް ނަގާ ޑިއުޓީ %200 ބޮޑުކުރަން

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް