ފިހާރައެއްގައި ސިގިރޭޓް ވިއްކަން ބަހައްޓާފައި: ސަރުކާރުން އަންނަނީ އުސޫލުތައް ހަރުކަށިކުރަމުން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ދުންފަތުގެ ބާވަތްތައް ގަނެވޭނެ އެންމެ ހަގު އުމުރަކީ 21 ކަމަށް ކަނޑަޅަން ނިންމައިފި
ދުންފަތާއި އެއިން އުފައްދާ ތަކެތިން ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމަރަކީ 21 އަހަރު ކަމަށް ކަނޑައަޅަން ނިންމަވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ އިއުލާންކުރައްވައިފަ އެވެ.
ވީ ކިހިނެއް؟ - އެކްސްގައި ރައީސް ކުރެއްވި މެސެޖެއްގައި ވިދާޅުވީ އެކަމާ ގުޅިގެން ގާނޫނު އިސްލާހުކުރަން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ދުންފަތުގެ ވިޔަފަރީގެ މުއާމަލާތްތައް ކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރެވެ.
ބުނީ ކީކޭ؟ - ރައީސް މުއިއްޒު ވިދާޅުވީ މިއީ "ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކައި' ނިންމެވި ނިންމެވުމެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އިސްލާހުގައި، ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރަން ވެސް ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކާ ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21…
— Dr Mohamed Muizzu (@MMuizzu) October 21, 2024
ފާހަގަކޮށްލެވޭ ކަމެއް - ވޭޕްކުރަން ބޭނުންކުުރާ ހުރިހާ ބާވަތެއްގެ އެއްޗެހި ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން މަނާކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގޮތުން:
-
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ މަހު 15އިން ފެށިގެން މަނާވާނެ
-
ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން 15 ޑިސެމްބަރުން ފެށިގެން މަނާވާނެ
މީގެ އިތުރުން ސަރުކާރުން ވަނީ ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރަން ވެސް ނިންމައި އެކަމަށް ގެންނަން ޖެހޭ އިސްލާހުތައް މަޖިލީހަށް ހުށަހަޅައިފަ އެވެ.
ކޮމެންޓް (3)
ދުންފަތް
ރަތްގާ
އިބްރާހިމް