މަތިވެރީ ކައުންސިލުން އެންމެ ފަހުން ބޭއްވި ގުރުއާން މުބާރާތުގައި އެއް ވަނައަށް ލިބޭ ބައިވެރިޔާގެ 'ރަންތާޖު' އަދި އެންމެ މޮޅު ފަސް ބައިވެރިން

ގުރުއާން

މަތިވެރީގެ ވަރުގަދަ ގުރުއާން މުބާރާތް މިސާލަކަށް ފުދޭ

މިއީ ރާއްޖޭގެ ރަށެއްގައި ދިގު މުއްދަތަކަށް ދެމިގެންދާނެ ގޮތަކަށް، މިހާ ބޮޑުކޮށް ބާއްވަން ފެށި ފުރަތަމަ މުބާރާތް
20 އޮކްޓޯބަރު 2024
1

އއ. މަތިވެރިއަށް އަންނަ އެންމެ ބޮޑު ދުވަހަކީ އެ ރަށު ކައުންސިލުން ބާއްވާ ގުރުއާން މުބާރާތް ފެށޭ ދުވަހެވެ. މުޅި ރަށް ހިމެނޭ ގޮތަށް، ތަފާތު އިންތިޒާމުތަކާ އެކު، ތަފާތު ގޮތަކަށް ބާއްވާ އެ މުބާރާތަކީ ރާއްޖޭގެ ރަށެއްގައި އެންމެ ކުލަގަދަކޮށް، ފޯރިގަދަކޮށް ބާއްވާ އެއް މުބާރާތެވެ.

އާއްމު ގޮތެއްގައި ގުރުއާން މުބާރާތްތައް ކުރިއަށް ގެންދަނީ އެކި އުމުރު ފުރާތަކަށް ބަހާލައިގެން، ކުދިންނާއި މީހުން ގުރުއާން ބަލައިގެންނާއި ނުބަލައި ކިޔުމެވެ. އޭގެ ތެރެއިން އެންމެ ރީތިކޮށް، އަދި ކުށް މަދުކޮށް ކިޔާ ބައިވެރިޔަކަށް ވަނަ ދޭގޮތަށެވެ. އާއްމު ގޮތެއްގައި ދެތިން ދުވަހުގެ ތެރޭގައި މުބާރާތް ނިމެ އެވެ.

އެކަމަކު މީގެ ފަސް އަހަރު ކުރިން ފެށިގެން މަތިވެރީ ކައުންސިލުން ކުރިއަށް ގެންދާ، 'ރަންތާޖު' ގުރުއާން މުބާރާތް ތަފާތެވެ. މުޅި ރަށަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެ މުބާރާތް ދިގު މުއްދަތަކަށް ކުރިއަށް ގެންދެ އެވެ. މުބާރާތުގެ އެންމެ މޮޅު ބައިވެރިން ހޮވަނީ އެކި ބުރުތަކުގައި ވާދަކޮށް، ވަރަށް ބޮޑަށް ފުރޭނިގެންނެވެ.

މަތިވެރީ ކައުންސިލްގެ ގުރުއާން މުބާރާތުގައި ކުއްޖަކު ކިޔަވަނީ

ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވި ގޮތުގައި، އަހަރަކު އެއް ފަހަރު ބާއްވާ މި މުބާރާތުގައި ކޮންމެ ފަހަރަކުހެން، ރަށުގެ އެކި އުމުރުގެ 100އެއްހާ މީހުން ބައިވެރިވެ އެވެ. އެންމެ ފުރަތަމަ ބާއްވަނީ، އޭގެ ތެރެއިން އެންމެ ރީތިކޮށް ކިޔަވާ މީހުން ހޮވުމަށް، 'ހޮވެލި' ބުރު ނުވަތަ އޮޑިޝަނެވެ. އެއީ، އާއްމުކޮށް މުބާރާތް ބާއްވާ ގޮތަށް ބަލައިގެން އަދި ނުބަލައި ކިޔަވާ ބުރެވެ.

ވަރުގަދަ އޮޑިޝަނަކަށް ފަހު ދެން އަންނަ ބުރަށް ދާން ހޮވަނީ އެންމެ 20 ބައިވެރިންނެވެ. މުބާރާތުގެ ވާދަވެރިކަމާއި ފޯރި ފެށެނީ އެހާ ހަމައިންނެވެ.

ދެ ވަނަ ބުރުުގައި ކުރިއަށް ގެންދަނީ، ތިލާވާ އާއި ރާގެވެ. އެއީ ކަނޑައަޅާ ފަސް ގާރީއެއްގެ ރާގަށް ކިޔެވުމެވެ. ކައުންސިލުން ކަނޑައަޅައި ދުނިޔޭގެ މަޝްހޫރު ފަސް ގާރީއަށް ބައިވެރިން ކިޔަވާއިރު، ކިޔަވާނެ ގާރީއެއް ކަނޑައަޅަނީ ގުރުއަތު ލައިގެންނެވެ.

މަޝްހޫރު ގާރީންގެ ރާގުތަކަށް ބައިވެރިން ކިޔަވާއިރު، ކިޔެވުން އަޑުއަހާލުމަށް ގިނަ ބަޔަކު ޖަމާވެ އެވެ.

އެ ބުރުން ފާހަގަކޮށްލެވޭ ބައިވެރިންނާ އެކު ދެން ފެށެނީ، ތަޖުވީދާއި ތިލާވާ އަދި ރާގު ހިމެނޭ މުބާރާތުގެ ތިން ވަނަ ބުރެވެ. ވާދަވެރިކަން ބޮޑު މި ބުރުން ވެސް އެންމެ މޮޅު 10 ބައިވެރިން ކަނޑައަޅަ އެވެ.

މަތިވެރީ ކައުންސިލްގެ ގުރުއާން މުބާރާތުގެ ޕޯސްޓަރެއް
މަތިވެރީ ކައުންސިލްގެ ގުރުއާން މުބާރާތުގެ ޕޯސްޓަރެއް

އެއަށް ފަހު ދަނީ މުބާރާތުގެ ފަހު ބުރަށް ނުވަތަ ފައިނަލަށެވެ. ފައިނަލުގައި އޮންނަނީ ކަނޑައަޅާ ސޫރަތެއް ތަފްސީރުކޮށްދިނުން ނުވަތަ މުބާރާތުގައި ކިޔާ ގޮތުން 'ބަހުސް' ކުރުމެވެ. ގުރުއާނުގެ 30 ވަނަ ފޮތުން، ތަފްސީރުކޮށްދޭން ޖެހޭ ފޮތް ކަނޑައަޅަނީ ގުރުއަތުލައިގެންނެވެ. ކަނޑައަޅާ ސޫރަތުގެ އާޔަތްތަކުގެ މާނަ އާއި ތަފްސީރު ބައިވެރިން ކިޔައިދެނީ ވެސް އޯޑިއަންސަށް ގިނަ މައުލޫމާތު ލިބޭ ގޮތަށް އާއްމުކޮށް ހުޅުވާލައިގެންނެވެ.

ރާއްޖޭގެ މަޝްހޫރު ގާރީން ހިމެނޭ ފަނޑިޔާރު ޕެނަލަކުން މުބާރާތުގެ އެއް ވަނަ ދެނީ، އެ ހުރިހާ ބައިތަކުން އެންމެ މޮޅު ނަތީޖާ ހޯދާ ބައިވެރިއާ އަށެވެ.

"އަޅުގަނޑުމެން ބޭނުންވީ ހަމައެކަނި ހިފްޒު އަދި ތިލާވާ ހިމެނޭ މުބާރާތެއްގެ ބަދަލުގައި، ގިނަ ބަޔަކަށް އެއިން މަންފާ ކުރަނިވި ގޮތަކަށް، ވާދަވެރިކޮށް، ވަރަށް ބޮޑުކޮށް މިކަން ކުރިއަށް ގެންދަން،" އަސްލަމް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މިކަން އަންނަނީ ހާސިލްވަމުން."

މަތިވެރީ ކައުންސިލްގެ މި މުބާރާތަކީ މި ފަދަ ފުރަތަމަ ގުރުއާން މުބާރާތެވެ. މުޅި ރާއްޖެއަށް އަމާޒުކޮށްގެން، ސަރުކާރުން 'ރަންތާޖު'ގެ ނަމުގައި ގުރުއާން މުބާރާތެއް ބާއްވަން ފެށީ ވެސް އޭގެ ފަހުންނެވެ. އަދި މަތިވެރީގެ މި ފޯރި ފެނިގެން، ބައެއް އެހެން ރަށްރަށުން ވެސް މި ފަހަކުން މިގޮތަށް މުބާރާތް ބާއްވާފައި ވެ އެވެ.

މަތިވެރީ ކައުންސިލްގެ ގުރުއާން މުބާރާތުގެ ފަނޑިޔާރުންތަކެއް

މަތިވެރީ ކައުންސިލުން ކޮންމެ އަހަރަކު ވެސް ބޮޑު ހަރަދެއް މި މުބާރާތަށް ކުރެ އެވެ. އެގޮތުން އެންމެ ފަހުން ބޭއްވި މުބާރާތަށް ވެސް 300،000ރ.އާ ގާތްކުރާ އަދަދަކަށް ހަރަދު ކުރި އިރު، ވަނަތަކަށް އަންނަ ދަރިވަރުންނަށް ބޮޑެތި އިނާމުތައް ދެ އެވެ. މި އަހަރުގެ މުބާރާތުން އެއް ވަނައަށް ހޮވުނު ދަރިވަރަށް އިނާމުގެ ގޮތުގައި ފައިސާ އާއި އުމްރާ ދަތުރެއް ވެސް ހަދިޔާކޮށްފައިވެ އެވެ.

އެކަމަކު މި ފަދަ މުބާރާތްތަކަށް ސްޕޮންސަރުން ނުލިބުމަކީ ކައުންސިލަށް ލިބޭ މާޔޫސްކަމެކެވެ.

"ސްޕޮންސަރުން ހޯދުމަށް އަޅުގަނޑުމެން މާލޭގެ ބޮޑެތި ކުންފުނިތަކަށް ވެސް ސިޓީ ފޮނުވިން. އެކަމަކު ކޮށްދޭނެ ބަޔަކު ނުވޭ،" އަސްލަމް ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި މަތިވެރީ ކައުންސިލްގެ ގުރުއާން މުބާރާތުން ވަނަ ހޯދި ދަރިވަރުންތަކެއް ފޮޓޯއަށް ހުއްޓިގެން

ރަށުގައި ބާއްވާ ވަރުގަދަ މި މުބާރާތުގެ ނަތީޖާ، އެ ރަށުގެ ކުދިން ބައިވެރިވާ އެހެން މުބާރާތްތަކުން ވެސް ފެނެ އެވެ. އެގޮތުން، އއ. އަތޮޅުގެ ހުރިހާ ރަށެއް ބައިވެރިވާ ގުރުއާން މުބާރާތުގެ އެއް ވަނަ ޖެހިޖެހިގެން ތިން އަހަރު މަތިވެރިން ވަނީ ހޯދާފަ އެވެ.

އެ ކާމިޔާބީ ވެސް އެ ރަށުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގެ އެހެން ރަށަކުން ފާހަގަނުކުރާހާ ކުލަގަދަކޮށެވެ.

ކޮމެންޓް (1)

profile-image-placeholder

ސަނައްޓޭ

20 އޮކްޓޯބަރު 2024
އެކަމަކު އޫރީދޫއިން ވެސް އިންތިޒާމް ކުރޭ ގޭމް މުބާރާތްތައް. ބޮޑެތި އިނާމްތައް ހުށަަހަޅައިގެން. މިކަހަލަ ކަމަކަށް ސޮޕްންސަރު ދޭން ނުކެރޭ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް