ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ޕްރޮޖެކްޓުތައް ކުރިއަށް ގެންގޮސް މާލީ ހިސާބުތައް ބެލެހެއްޓުމުގައި ކުރީ ސަރުކާރުން ގޯސް ހަދާފައިވާ ކަމަށް ވިދާޅުވި (ފޮޓޯ/ރައީސް އޮފީސް)

ކުރީ ސަރުކާރުގައި ދައުލަތުގެ ހިސާބު ބެލެހެއްޓުމުގައި ގޯސްތަކެއް؛ ފިޔަވަޅު އަޅަނީ

ހަރަދު ކުރުމަށް ފަހު ފިނޭންސް މިނިސްޓްރީގެ އުސޫލުތަކުގެ ތެރެއިން ސިސްޓަމްގެ ތެރެއަށް ނުވައްދާ ހުރި 2 ބިލިއަން ރުފިޔާގެ މައްސަލަ ވަނީ ފާހަގަވެފައި

ފިނޭންސް މިނިސްޓްރީން އާންމުކުރާ ދައުލަތުގެ ހަރަދުތަކުގެ ރިޕޯޓު އާންމު ކުރުން މަޑުޖައްސާލާފައި އޮތީ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުތަކުގައި، ނިޒާމީ ގޮތުން ދައުލަތުގެ ހަރަދު ރެކޯޑުކުރަމުން ދިޔަ ގޮތާ ގުޅޭ ސީރިއަސް އަދި ގާނޫނާ ފުށުއަރާ ފަދަ މައްސަލަތަކެއް ހުރިކަން ފާހަގަވުމުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު، އެ ހިސާބުތައް އާންމު ކުރެއްވުން ހުއްޓާލެއްވީ އަހަރު ދެބައިވެގެން ރިކޮންސިލިއޭޝަންއަކަށް ދިޔައިރު ހަރަދުތަކުގެ ތަފާތުތަކެއް ފާހަގަވެގެން ކަމަށެވެ.

ތަފްސީލް - އެކަންތައް ހިނގާ ދިޔަ ގޮތް ބެލި ބެލުމުން، ހިނގަމުންދާ ޕްރޮޖެކްޓުތަކަށް ފައިސާ ދޫކުރުމުގައި މައްސަލަތަކެެއް ހުރިކަން ފާހަގަވި ކަމަށް ޒަމީރު ވިދާޅުވި އެވެ.

އެގޮތުން، ފާހަގަކުރެވުނު ކަންތައްތަކަކީ، އޭނާ ވިދާޅުވި ގޮތުގައި:

  • މިިދިޔަ އަހަރާއި އޭގެ ކުރީ އަހަރުތަކުގައި ޕޯސްޓުކުރަން އެދިފައިވާ ޖުމްލަ 2.5 ބިލިއަން ރުފިޔާގެ ބިލުތަކަށް މި އަހަރުގެ ބަޖެޓުން ޖާގަ ދޭން ޖެހިފައިވޭ

  • މިފަދަ ބިލުތައް އެކި މިނިސްޓްރީތަކުގައި ހުރެދާނެ؛ އެކަން ދެނެގަތުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހާ އެކު ދަނީ މަސައްކަތް ކުރަމުން

  • މިދިޔަ އަހަރުގެ ބަޖެޓުގައި ޕޯސްޓްކޮށްފައި ހުރި ނަމަވެސް ކޭޝްޕްލޯއިން ފައިސާ އަދާނުކުރެވި ހުރި 3 ބިލިއަނެއްހާ ރުފިޔާ ވަނީ މި އަހަރުގެ ކޭޝްފްލޯއިން އަދާކޮށްފައި

  • އަހަރުން އަހަރަށް ކޭޝްފްލޯ މިސްމެޗުތައް އުޅޭނެ؛ ނަމަވެސް، މިވަރުގެ ބޮޑެތި އަދަދުތައް މިގޮތަށް މި ފާހަގަވެގެން ގޮސްފައި ވަނީ، ނިޒާމީ ގޮތުން މިދިޔަ ސަރުކާރުގައި ފިސްކަލް ޕޮލިސީ ރާވާފައިވާ ގޮތުގެ ސަބަބުން

  • ޑިސްބާސްމަންޓް ކޯޑުން ބަޖެޓު އުނިކޮށްގެން އެހެން ހަރަދުތައް ކުރުމަށް ފަހު، ސަޕްލިމަންޓް ބަޖެޓު ހުށަހަޅައިގެން އެކަންތައް ވަނީ މަތިއޮމާންކޮށްފައި؛ މިއީ ކަމުގެ ހަގީގަތް ފޮރުވުމަށް އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ކަމެއް

"މިހާރު އަޅުގަނޑުމެންނަށް މި ފާހަގަވަނީ ރިކޯޑު ކުރުމުގައި ގާތްގަނޑަކަށް 2 ބިލިއަނެއްހާ ރުފިޔާގެ ތަފާތު އެބަ އުޅޭ. އޭގެ މާނައަކީ މި އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން އެ ހިމަނައިފި ނަމަ މިދިޔަ އަހަރު ފާސްކުރި ބަޖެޓަށް ވުރެ 2 ބިލިއަން އިތުރު ވާނެއޭ،" ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮޑިޓާ ޖެނެރަލް އާއި ބަންޑާރަނައިބުގެ ލަފާ ހޯދުމަށް ފަހު ހިސާބުތަކަށް ބަދަލު ގެންނާނެ ކަމަށެވެ.

މީގެ އިތުރުން، ބަޖެޓުގައި ކުދި އަދަދުތަކެއް ޖެހުމަށް ފަހު ހަރަދު ކޮށްފައި ހުރިކަން ފާހަގަވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 100 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގައި 2 މިލިއަން ރުފިޔާ ޖަހާފައި ދެން އެ ހަރަދު ކުރަނީ. ހަރަދުކޮށްފައި ދެން އަންނަ އަހަރުގެ ތެރެއަށް މި ފޯލް ވަނީ. އޭގެ ސަބަބުން ދަތިތައް ދިމާވޭ،" އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް މިދިޔަ އަހަަރު އެބަހުރި އެގޮތަށް ވަރަށް ގިނަ ޕްރޮޖެކްޓު ދިމާވެފައި. ކޭޝްފްލޯގެ ތާށިކަން އެބަ އާދޭ. އަހަރު ނިމުނު އިރުގައި ކުދި އަދަދުތައް ބަޖެޓުގައި ހިމަނާފައި އެޑްވާންސް ޕޭމެންޓު ރިލީޒްކޮށްފައި ދެން އެ ޕްރޮޖެކްޓު ހިންގަން ފެށީމާ ވާ ގޮތަކީ އެ އަންނަނީ މި އަހަރުގެ ތެރެއަށް. އެހެން ވެގެން ވެސް ގާތްގަނޑަކަށް 3 ބިލިއަނެއްހާ ރުފިޔާގެ ކޭޝް ފްލޯގެ އިޝޫއެއް ވެސް އަޅުގަނޑުމެންނަށް ކުރިމަތިވޭ."

މިއީ ގާނޫނާއި ގާނޫނުގެ ރޫހާ ހިލާފަށް ކޮށްފައި ހުރި ކަންތައް ކަމަށް ޒަމީރު ވިދާޅުވި އެވެ.

ބަންޑާރަނައިބު އަހުމަދު އުޝާމް: މާލިއްޔަތު ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކުރި މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި. (ފޮޓޯ/ރައީސް އޮފީސް)

އެކަމާ ގުޅޭ ގޮތުން ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ، މިދިޔަ އަހަރު ހަރަދު ކުރުމަށް ފަހު ހިސާބުތަކަށް ނުވައްދާ ބިލިއަނުން އެބަހުރި ކަމަށެވެ.

"2 ބިލިއަނެއްހާ ރުފިޔާ އެބަހުރި ސިސްޓަމް ތެރެއަށް، ފިނޭންސް މިނިސްޓްރީގެ އުސޫލުތަކުގެ ތެރެއިން ހިސާބުތަކަށް ނުވައްދާ. އެ 2 ބިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓަށް ރިކޯޑު ކުރެވިއްޖެ ނަމަ، އެއީ ގާނޫނާ ހިލާފު ކަމަކަށް އެބަވޭ. އެކަމަށް ގާނޫނީ ހައްލެއް ހޯދުމަށް އަޅުގަނޑުމެން މަސައްކަތް މި ކުރަނީ،" އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އަހަރެއްގެ ހަރަދުތައް ބަހައްޓަންވާނީ މަޖިލީހުން ފާސްކުރާ ބަޖެޓާ އެއްވަރަކަށް ކަމަށް ގާނޫނުއަސާސީގައި ބުނާ ކަމަށާއި، ބަޖެޓަށް ވުރެ އިތުރަށް ހަރަދުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީ ބުނާ ކަމަށެވެ.

"އަޅުގަނޑު ހަނދާން އެބަހުރި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރި އިރު ވެސް އޭރު ކޮންމެ އަހަރަކު ވެސް ބަޖެޓު ހުށަހަޅާ އިރު ވެސް ކުރިއަށް އޮތް އަހަރުގެ ބަޖެޓާ އެކު ސަޕްލިމެންޓުކޮށްފައި ބަޖެޓު މި ހުށަހަޅަނީ. ހަރަދު ކުރުމަށް ފަހު، ސަޕްލިމެންޓު ކުރުމަށްޓަކާ ބަޖެޓު ހުށަހަޅާފައި މި ހުންނަނީ. އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް،" އޭނާ ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ:

  • 2020 އިން ފެށިގެން 2023އާ ހަމައަށް ބަޖެޓު ހުށަހެޅިއިރު ވެސް ކަންކުރީ އެގޮތަށް

  • އެ މައްސަލަ މަޖިލީހުގެ ރިޔާސަތުން ވެސް ފާހަގަކޮށްފައި ހުންނާނެ

  • ބަޖެޓު ބަހުސްގައި މެންބަރުންގެ ވެސް އެއް ޝަކުވާއަކީ ސަރުކާރުން ހަރަދު ކުރުމަށް ފަހު ބަޖެޓު ސަޕްލިމެންޓުކުރުން

"ތަކުރާތުކޮށް ވޭތުވެދިޔަ 4-3 އަހަރު ތެރޭގައި އެކަން ކުރަމުން ގޮސް އަޅުގަނޑުމެންނަށް މި ފާހަގަ ކުރެވުނީ، ސީދާ އަދަދެއް ނޭނގޭ [އެކަމަކު] 2 ބިލިއަނެއްހާ ރުފިޔާ އަޅުގަނޑުމެންނަށް އެބައޮތް ސިސްޓަމް ތެރެއަށް ރެކޯޑު ނުކުރެވި،" އޭނާ ވިދާޅުވި އެވެ.

"ބޮޓޮމްލައިނަކީ މީގައި ގާނޫނުއަސާސީއާ ހިލާފު ކަންތައްތަކެއް ހިނގާފައި އެބަހުރި. ގާނޫނުއަސާސީގެ 96 ވަނަ މާއްދާއާ ހިލާފު ކަންތައްތަކެއް ކޮށްފައި އެބަހުރި. މާލިއްޔަތު ގާނޫނާ އަދި މާލިއްޔަތު ގަވައިދާ ހިލާފަށް ވެސް ކަންތައްކޮށްފައި އެބަހުރި. މި މައްސަލަތައް ބަލައި ގާނޫނީ ފިޔަވަޅު އަޅާނަން."

އޭނާ ވިދާޅުވީ އެފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް ގާނޫނަށް އިސްލާހު ގެންނާނެ ކަމަށެވެ.

ކޮމެންޓް (1)

ސުންދުސް

20 އޮކްޓޯބަރު 2024
ޤއ އާ ހިލާފަށް މާލިއްޔާގެ ތަފާސް ހިސާބު ފޮރުވައިނ އުޅޭ މީހުންނަށް ކޮންއިރަކު ފިޔަވަޅު އަޅާނީ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް