ފުލުހުން ނޫސްވެރިންނަށް ދައްކާލި ޕާޓީ ޑްރަގްސްގެ ފޮޓޯތައް. (ދައުރު ފައިލް ފޮޓޯ)

ސިންތެޓިކް ޑްރަގް ގިނަވަނީ؛ ގޮންޖެހުން ބޮޑު: އެންޑީއޭ

އެހެން ދާއިރާތަކުގައި އުޅޭ ސައިކޯ-ސޯޝަލް އެހީތެރިކަން ދެވޭ ފެންވަރުގެ ބޭފުޅުން އެންޑީއޭގެ މަސައްކަތަށް ހިލޭސާބަހަށް ކޮށްދެއްވުމަށް އެ އޭޖެންސީ އެދުނު
20 އޮކްޓޯބަރު 2024

ރާއްޖޭގައި ސިންތެޓިކް މަސްތުވާތަކެތީގެ ބާވަތްތައް ގިނަވުމުގެ ސަބަބުން ފަރުވާ ހޯދަން އަންނަ ފަރާތްތަކުގެ މެދުގައި ޑްރަގް-އިންޑިއުސްޑް ސައިކޯސިސްގެ އަލާމާތްތައް ފެންނަ މިންވަރު އިތުރުވަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެންޑީއޭ އިން މިހެން ބުނީ ފުލުހުންނާއި އެ އެޖެންސީ ގުޅިގެން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދެވެ.

ބުނީ ކީކޭ؟ - "ޑްރަގް އިންޑިއުސްޑް ސައިކޯސިސް ނުވަތަ އެ ބޭނުންކުރެވޭ މަސްތުވާތަކެތީގެ ސަބަބުން އަންނަ ނަފްސާނީ ބަލިމަޑުކަމެއް، އެ ކަންކަން މިއަދު އަޅުގަނޑުމެންނަށް ވަރަށް ގިނަ އެޑިކްޓުންގެ ފަރާތުން އެބަ ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް، އެއީ ފަރުވާ ދިނުމުގެ ނިޒާމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް."

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ފަރުވާ ދިނުމުގެ ނިޒާމު ބައްޓަން ކޮށްފައި އޮތީ، ފަރުވާ ހޯދަން އަންނަ މީހާ މަސްތުން ސާފުކޮށް، މުޖުތަމައުއަށް އަލުން ނެރޭ ގޮތަށެވެ. ނަމަވެސް:

  • އަސާސީ މަސައްކަތެއްގެ ގޮތުގައި، ފުރަތަމަ އެ ކުއްޖަކަށް ނުވަތަ މީހަކަށް ނަފްސާނީ ފަރުވާ ދޭން ޖެހޭ ހާލަތަކަށް އެބަ އާދެ

  • މިއީ، ރާއްޖެއިން ތައްޔާރުވެފައިވާ ހާލަތެއް ނޫން؛ އެކަމުގެ ގޮންޖެހުން ބޮޑު

އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ރާއްޖޭގައި ތިބި ނަމަވެސް، އެހީތެރިކަން ފޯރުކޮށްދޭން ތިބި މީހުންގެ އަދަދު މަދުކަން ފާހަގަކުރައްވައި ސައިކޯ-ސޯޝަލް އެހީތެރިކަން ފޯރުކޮށްދެވޭނެ ފެންވަރު ލިބިފައިވާ ފަރާތްތަކުން ހިލޭސާބަހަށް އެ މަސައްކަތުގައި އެހީތެރިވެދޭން ރާޝިދު އެދިވަޑައިގެންނެވި އެވެ.

ފާހަގަކޮށްލެވޭ - އެންޑީއޭގެ ފަރުވާގެ ޕްރޮގްރާމްތަކުގެ ދަށުން ތަފާތު 10 ސެންޓަރެއްގައި 1500 މީހުން ފަރުވާ ހޯދަމުން ދާއިރު، އޭނާ ވިދާޅުވި ގޮތުގައި، މިފަހުން އެޅި ފިޔަވަޅުތަކާ އެކު ޒަމާންތަކަކަށް ވަޅު ޖެހިފައިވާ ގިނަ ހިދުމަތްތަކެއް އަލުން ދޭން ވަނީ ފަށާފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް