ފުލުހުން 12 ޑިސެމްބަރު 2021 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ޓެކްސީއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައި: ރާއްޖޭގައި މިހާރު ތަފާތު ދެ ކެޓަގަރީއެއްގެ މަސްތުވާތަކެތި އެއްކޮށް ބޭނުންކުރުން އާއްމުވަމުންދާތީ މާހިރުންގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް.

ތައްޔާރުނުވެ ތިއްބާ ނުރައްކާތެރި ޑްރަގެއްގެ އާ ބަލިމަޑުކަމެއް

ރާއްޖޭގައި ސްޓިމިއުލަންޓްސްގެ ކެޓަގަރީގައި ހިމެނޭ މަސްތުވާތަކެތި ދަނީ އިތުރުވަމުން؛ އޭގެ ތެރެއިން ވެސް އެންމެ ނުރައްކާތެރި އެއް ޑްރަގް ކަމަށްވާ މެތަމްފެޓަމިން މިހާރު ރާއްޖޭގައި ވަރަށް އާންމު
12 ފެބްރުއަރީ 2024
14

އެއީ 26 އަހަރުގެ ޒުވާނެކެވެ. ރިސޯޓެއްގައި މަސައްކަތްކުރަން އުޅުމަށް ފަހު ވަޒީފާ ގެއްލުމުން އޭނާ އައިސް ހުރީ، ކުރާނެ ކަމެއް ނެތި މާލޭގަ އެވެ. އެހެން ހުރުމުގެ ތެރޭގައި އިހުސާސްވި އެކަނިވެރިކަމާއި ފޫހިކަމާއި ހިތްނުތަނަވަސްކަމުން ސަލާމަތްވާން އޭނާ ބޭނުންކުރީ މަސްތުވާތަކެއްޗެވެ. އަދާކުރި ވަޒީފާއިން އެއްކޮށްފައި ހުރި ފައިސާކޮޅު ވެސް އެކަމަށް ހުސްކޮށްލި އެވެ.

ތަކުރާރުކޮށް ދިގު މުއްދަތަށް މަސްތުވާތަކެތި ބޭނުންކުރަން ފެށުމުގެ ނޭދެވޭ އަސަރުތައް އޭނާއާ އަރާހަމަކުރަން މާ ގިނަ ދުވަހެއް ނުނެގި އެވެ. ހަށިގަނޑާއި ސިކުނޑިން ފެންނަން ފެށި އަލާމާތްތަކުން އޭނާ މޮޔަކޮށްލި އެވެ. ޝައްކާއި ވަހުމުތަކުން އޭނާގެ ސިކުނޑި ފުރާލައި، ބުއްދި ފިލާގޮސް، އަމިއްލަ ނަފްސަށް އަނިޔާކުރާ ހިސާބަށް ދިޔަ އެވެ.

އެ ހިސާބުން، އޭނާގެ އާއިލާގެ ފަރާތުން ގުޅީ، ޑްރަގް ޑިމާންޑް ރިޑަކްޝަންގެ ދާއިރާގައި މަސައްކަތްކޮށް، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެމީހުން އަލުން އަނބުރާ މުޖުތަމައުއަށް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ އަލީ އަދީބަށެވެ.

އަދީބު ކިޔައިދެއްވި ގޮތުގައި، އޭނާއަށް އެ ގެއަށް ދެވުނު އިރު އެ ޒުވާނާ ވަނީ އޭނާގެ ގައިގެ ތެރެއަށް އެއްޗެެހިތަކެއް ވަދެގެން އުޅޭ ކަމަށް ގަބޫލުކުރެވިގެން، އެ އެއްޗެހި ގައިގެ ތެރެއިން ނެރެން މަސައްކަތް ކޮށް، އަމިއްލަ ނަފްސަށް ގެއްލުންދީ، އަމިއްލަ އަތުން އަމިއްލަ ހަށިގަނޑު "ކޮނެލާފަ" އެވެ.

އެގޮތަށް، ނުވާ ކަމެއް އިހުސާސް ކުރެވި ގަބޫލުކުރެވުމަށް ކިޔަނީ ޓެކްޓިކަލް ހެލޫސިނޭޝަންސް އެވެ. މިއީ ރާއްޖޭގައި ފަހަކަށް އައިސް ހަލުވިކަމާ އެކު ފެތުރެމުން ގޮސް އާންމުވެފައިވާ މެތަމްފެޓަމިން (ކްރިސްޓަލް މެތު ނުވަތަ މެތު) ބޭނުންކުރުމުން ބައެއް ހާލަތްތަކުގައި ފެންނަ ނުރައްކާތެރި އަލާމާތެކެވެ.

މެތަމްފެޓަމިން ޕެކެޓެއް: މި ޑްރަގު ހުންނަނީ ހުދު ކުލައިގެ ކްރިސްޓަލްތަކެއްހެން ނުވަތަ ހުދު ފުއްތަކެއްހެން.

"އޭނާއަށް އިހުސާސްކުރެވުނީ އޭނާގެ ގައި ތެރޭގައި އެއްޗެހިތަކެއް އުޅެޔޭ. އޭނަ އަމިއްލަޔަށް ހުރީ އޭނާގެ އަތާ އެއްޗެހި ކޮނެލާފައި. އެއީ މެތުން އަންނަ ކަމެއް. ނަފްސާނީ މައްސަލަ އިތުރުވުން، ހަމަ ވަރަށް ބޮޑަށް ނަފްސާނީ ވެގެން މޮޔަ ގޮވާ، އިންޑިޔުސްޑް ސައިކޯސިސް އަށް ދިޔުން ކަހަލަ ބައިވަރު ކަންތައްތައް އަޅުގަނޑުމެންނަށް ފެންނާނެ އަދި [ކުރިއަށް އޮތް ތަނުގައި]،" އަދީބު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ އާ 'އެޕިޑެމިކް' އެއް

ޒަމާނުއްސުރެ ރާއްޖޭގައި އާންމުވެފައިވާ އެންމެ ގެއްލުން ބޮޑު ޑްރަގަކީ އޯޕިއޮއިޑްސްގެ ތެރޭގައި ހިމެނޭ ހެރޮއިން (އާންމުކޮށް ދިވެހިން ކިޔާ ގޮތުން ނަމަ ހަކުރު) އެވެ. ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި އޮތް ހެރޮއިންއަށް ދެވިހިފުމުގެ ބޮޑު މައްސަލައިގެ މައްޗަށް މި ކުޑަކުޑަ މުޖުތަމައުގެ ތެރޭގައި މިދަނީ އާ ވައްތަރުތަކުގެ ނުރައްކާތެރި އެހެން މަސްތުވާތަކެތި ވެެސް ފެތުރި، ވަކި ހިއްޕާލަމުންނެވެ.

"މިހާރު މި ވެގެން އުޅޭ ގޮތަކީ، ރާއްޖޭގައި މި އޮތީ ދެ އެޕިޑެމިކް އެއްވެގެން ސިންޑެމިކް އަކަށް ބަދަލުވެފައި. އޯޕިއޮއިޑްސް އެޕިޑެމިކްއަކާ އަހަރެމެން ހަނގުރާމަ ކުރާތާ ވެއްޖެ އެތައް އަހަރެއް. އުޅެނިކޮށް އަނެއްކާ ސްޓިމިއުލަންޓްސް، މެތުގެ އެޕިޑެމިކެއް މި ފެތުރެނީ،" ރާއްޖޭގެ ހުރިހާ ހިސާބުތަކުން ވެސް މިހާރު ފަސޭހަކަމާ އެކު މެތު ލިބޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން އަދީބު ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ 'ޑްރަގް ކެފޭ'އެއް ކައިރި. މަސްތުވާތަކެތީގެ މައްސަލަ ހައްލު ނުވެ އަދިވެސް ދަނީ ހައްތަހާ ގޯސް ވަމުން. (ދައުރު ފޮޓޯ)

"އަހަރެމެންނަށް ވަރަށް އާ، އާންމުކޮށް ނުފެންނަ ކަންތައްތަކެއް މިހާރު މި ފެންނަނީ. މިސާލަކަށް ބައެއް މީހުން އެބަ ބުނޭ ތިމަންނަމެންނަށް މިހާރު ވަރަށް ނުފެނެޔޭ މަގުމަތީގައި މިހެން ނިދިޖެހިފައި ތިބޭ މީހުން، ވަރަށް މަދޭ. އެހެންވެ މީހުންނަށް މި ހީވަނީ އޭގެ މާނައަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދުވީއޭ،" އަދީބު އިތުރަށް ފާހަގަކުރެއްވި އެވެ.

"އެކަމަކު މި ވާ ގޮތަކީ އާންމުގޮތެއްގައި [މިހާރު] ވަރަށް މަދު، ހަމައެކަނި ހެރޮއިން ބޭނުންކުރާ މީހުން. މިހާރު އުޅޭ ގިނަ މީހުންނަނީ އޯޕިއޮއިޑްސް ވެސް ބޭނުންކުރާ މީހުން، އަދި އެއާ އެކީގައި ސްޓިމިއުލަންޓްސް ވެސް  ބޭނުންކުރާ މީހުން."

އޯޕިއޮއިޑްސް އާއި ސްޓިމިއުލަންޓްސް އަކީ މުޅިން ތަފާތު ދެ ބާވަތެއްގެ ޑްރަގެކެވެ. ބޭނުން ކުރުމުން ކުރާ އަސަރާއި ދެވިހިފާ ގޮތާއި ލިބޭ ގެއްލުންތައް ވެސް ވަރަށް ތަފާތެވެ. އެގޮތުން:

  • އޯޕިއޮއިޑްސް އަކީ މަސްތުވާތަކެތީގެ ޑިޕްރެސެންޓްސް ކެޓަގަރީގައި ހިމެނޭ ބާވަތެއް؛ އެ ކެޓަގަރީގެ ޑްރަގް ބޭނުން ކުރުމުން މީހާގެ ސިކުނޑި އާއި ހަށިގަނޑުގެ މަސައްކަތްތައް ލަސްކޮށްލާ، މީހާއަށް ހަަމަޖެހުން އިހުސާސްކޮށްދޭ

  • ބަނގުރަލާއި ވޭލިއަމް ފަދަ ތަދު ކަނޑުވަން ކާ ބޭސް ވެސް ހިމެނެނީ ޑިޕްރެސެންޓްސްގެ ކެޓަގަރީގައި

  • އެއާ ހިލާފަށް، ސްޓިމިއުލަންޓްސް އިން ސިކުނޑީގެ ޑޯޕެމީން ލެވަލް މަތިކޮށް، ސިކުނޑި އާއި ހަށިގަނޑުގެ މަސައްކަތްތައް އަވަސްކޮށް، މީހާއަށް އުފާވެރިކަން އިހުސާސްކޮށްދޭ

  • މެތު، ކޮކެއިން، އަދި އެޑެރޯލް އާއި ރިޓަލިން ފަދަ ބޭހަކީ ސްޓިމިއުލަންޓްސް

ކުރިން ނުލިބޭ ފަދަ އެކި ކަހަލަ ބާވަތްތަކުގެ ޑްރަގް މިހާރު ރާއްޖެ އެތެރެކުރާ މިންވަރާއި، ވިއްކާ މިންވަރު އިތުރުވެ ފަސޭހައިން ލިބިގަނެވޭ ގޮތް ވުމާ އެކު، ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ސަގާފަތަށް ދަނީ ވަރަށް ބޮޑު ބަދަލެއް އަންނަމުންނެވެ. އަދީބު ވިދާޅުވި ގޮތުގައި:

  • ކޮވިޑް-19ގެ ދުވަސްކޮޅު ރާއްޖޭގައި އާދަޔާހިލާފަށް މެތު އިތުރުވިކަން ފާހަގަކުރެވުނު؛ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެ ޑްރަގް ވަރަށް މަގުބޫލުވި

  • ޑްރަގް އެތެރެކޮށް ވިޔަފާރިކުރާ މީހުން ފުރަތަމަކޮޅު މެތު ހިލޭ ބަހާފައި ވެސް ވޭ؛ ހިލޭ ނޫނަސް ވަރަށް އަގު ހެޔޮކޮށް ވިއްކައިގެން އެމީހުން ރާއްޖޭގެ މަސްތުވާތަކެތީގެ މާކެޓު މުޅިން "ފްލަޑް ކޮށްލި"

  • އަގު ބޮޑު ކޮށް، މިހާރު ވިއްކާ އުސޫލުން މެތު ވިއްކަން ފެށީ، އެ ޑްރަގް ބޭނުންކުރި މީހުންގެ ތެރޭގައި އެއަށް ދެވިހިފުން އަށަގެންނެވުމަށް ފަހު

ހޯޑެއްދޫ އާއި އެ ރަށާ ކައިރި ފަޅު ރަށަކުން 2022ގެ ފަހުކޮޅު ހޯދި ޑްރަގްތަކެއް: މި އޮޕަރޭޝަންގައި 82 ކިލޯގެ މަސްތުވާތަކެތި ހޯދި އިރު، އޭގެ ތެރޭގައި ގިނަ އަދަދަކަށް މެތު ވެސް ހިމެނޭ. (ފޮޓޯ/ޕޮލިސް)

"މެތު އެކަންޏެއް ވެސް ނޫން. ސައިކޯސްޓިމިއުލަންޓް ޑްރަގްސްއަށް ރާއްޖޭގައި މިހާރު އެބަ ބޭނުންކުރޭ އެމްޑީއެމްއޭ، މިއައު މިއައު [މެފަޑްރޯން]، ކޮކެއިން. ކޮކެއިން އެއްޗިހި ބަރާބަރަށް އެބަ ލިބޭ،" އަދީބު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ވަޒީފާގައި އުޅޭ، މުޖުތަމައުއަށް ހިދުމަތްތެރި، ހީނުކުރާ ފަދަ އެތައް ބަޔަކު ވެސް މިފަދަ މަސްތުވާތަކެތި އާންމުކޮށް ބޭނުންކޮށް އުޅެ އެވެ.  

ރާއްޖޭގައި މިހާ ދުވަސްވަންދެން ޑިޕްރެސެންޓްސް އަށް ބޮޑު މަގުބޫލުކަމެއް އޮތުމަށް ފަހު، ފަހަކަށް އައިސް ސްޓިމިއުލަންޓްސް ބޭނުންކުރުން އިތުރުވެފައިވަނީ ކީއްވެގެންތޯ ދިރާސާކޮށްގެން ބަލަން ޖެހޭ ކަން ފާހަގަކުރައްވައި އަދީބު ވިދާޅުވީ، މި ބަދަލުގެ އަސަރު މުޖުތަމުގެ ތެރެއިން ވެސް ވަރަށް ބޮޑަށް ފެނިގެންދާނެ ކަމަށެވެ.

"ޑިޕްރެސެންޓްސް އިން ސްޓިމިއުލަންޓްސްއަށް ދިޔައިމަ އަންނަ ތަފާތު އަންނާނެ ވަރަށް. މިސާލަކަށް މީހުން ވަޔަލެންޓް ވުން، އެގްރެސިވް ވުން. ގޭތެރޭގެ މައްސަލަތައް އިތުރުވުން، އަންހެނުންނަށް އަނިޔާ ކުރުމާއި ގެވެށި އަނިޔާ ގިނަވުން، ބަލިވެގެން ގެންދާ މީހުން ހޮސްޕިޓަލް ތެރޭގައި ކޮންޓްރޯލް ނުކުރެވުން،" އޭނާ ފާހަގަކުރެއްވި އެވެ.

ގެއްލުން ބޮޑު، ނަތީޖާ ނުރައްކާތެރި

"ސްޓިމިއުލަންޓްސް އަކީ މީހާއަށް ނިދޭ އެއްޗެއް ނޫން. އެ ބޭނުން ކުރީމަ ތިން ހަތަރު ދުވަސް ވަންދެން ހޭލާ ހުރެފާނެ. ދެން ވިސްނާލާ، އިންސާނަކު ތިން ހަތަރު ދުވަސް ވަންދެން ހޭލާ ހުރީމަ ވާނެ ގޮތް. އަހަރެމެން އާދައިގެ މީހަކަށް ވެސް ވާނެ ވަރު އެނގޭނެ ދޯ؟" އަދީބު ވިދާޅުވި އެވެ.

"އެހެން ހުރެ ބަހައްޓާފައި ކްރޭޝް ވަނީ މި ކޮންމެ ފަހަރަކު. ކްރޭޝް ވެފައި އަނެއްކާވެސް ތެދުވެ މި ބޭނުންކުރަނީ."

ސްޓިމިއުލަންޓްސްގެ ތެރެއިން ވެސް މެތަމްފެޓަމިން އަކީ އެންމެ ވަރުގަދަ، ނުރައްކާތެރި ޑްރަގެވެ. މެތު ބޭނުން ކުރުމުން 'ހައި' ވާއިރު އެ ލިބޭ އުފާވެރިކަމާ އެއްވަރަށް، އޭގެ އަސަރު ފިލައިގެން ދިޔުމުން ކުރިމަތިވާ ނުތަނަވަސްކަން ވެސް ބޮޑެވެ. 'ކްރޭޝް' ވުމާ އެކު އަނެއްކާވެސް އިތުރަށް ބޭނުންކުރެވެނީ އެހެންވެ އެވެ.

ފުލުހުން ނޫސްވެރިންނަށް ދައްކާލި ޕާޓީ ޑްރަގްތަކެއްގެ ފޮޓޯތަކެއް: މި ތަކެތި ރާއްޖެ އެތެރެ ކުރަނީ ހީވެސް ނުކުރާހާ ވަގުކޮށް (ދައުރު ފޮޓޯ)

މެތަމްފެޓަމިން ބޭނުންކުރުމުގެ ސަބަބުން ލިބޭ ގެއްލުންތައް:

  • ދެވިހިފުމުގެ ފުރުސަތު ބޮޑު؛ 'ޕާޓީ ކުރަން' ނުވަތަ ރިކްރިއޭޝަނަލް ޑްރަގްސްގެ ގޮތުގައި ބޭނުންކުރާ މަސްތުވާތަކެތީގެ ތެރެއިން ދެވިހިފުމުގެ ފުރުސަތު އެންމެ ބޮޑީ މެތަށް. ގިނައިން ބޭނުންކުރާ ނަމަ، ހިތްހަމަޖެހުން ހޯދަން ބޭނުންކުރަން ޖެހޭ ޑޯޒް މަތިވޭ

  • ޑްރަގް ބޭނުން ކުރުމަށް ފަހު އޭގެ އަސަރު ފިލައިގެން ދާއިރު ނަފްސާނީގޮތުން ލިބޭ ނުތަނަވަސްކަމުގެ އިތުރުން ގަދަޔަށް ބޯއަނބުރާ ހޮޑުލެވުން، ބޭރަށް ހިންގުން އަދި ކާހިތްނުވުން ފަދަ ޖިސްމާނީ އުނދަގޫތައް ކުރިމަތިވޭ

  • މެތު ބޭނުންކުރުމުން ކުރެވޭ އުފާވެރި އިހުސާސްތައް ވީހާވެސް ގިނަ އިރަށް ދެމިގެންދާ ގޮތް ހެދުމަށްޓަކައި ތިން ހަތަރު ދުވަސް ވަންދެން ހުއްޓާނުލާ އެ ބޭނުންކުރޭ؛ މި ދުވަސްތަކުގައި އާންމުކޮށް އުޅެނީ އެއްވެސް ވަރަކަށް ނުކައި، ނުނިދާ

  • ދިގު މުއްދަތަކަށް މެތު ބޭނުންކުރާ މީހުންގެ ތެރޭގައި އެންޒައިޓީ، ވާނުވާ ނޭނގުން، އިންސޮމްނިއާ ނުވަތަ ނިދުމުގެ މައްސަލަތައް ކުރިމަތިވުން، ކުއްލިއަކަށް މޫޑު ބަދަލުވުން، އަދި ރުޅިގަދަވުމާއި އަނިޔާވެރި އަމަލުތައް ގިނަވާކަން ފާހަގަކުރެވޭ

  • ސައިކޯޓިކް އަލާމާތްތައް ފެނުން؛ މީގެ ތެރޭގައި މަންޒަރުތައް، އަޑުއަޑު އަދި ޓެކްޓައިލް ހެލޫސިނޭޝަންސް، ހާސްވުން، ޝައްކާއި ވަހުމު އުފެދުން ހިމެނޭ. މެތު ބޭނުން ކުރުން ހުއްޓާލާ ފަހުން ވެސް އެތައް މަހަކަށް ނުވަތަ އަހަރަކަށް މި އަލާމާތްތައް ދެމިގެން ހިނގައިދާނެ

  • ސިކުނޑީގެ ޑޯޕެމީން އުފައްދާ ނިޒާމަށް އަސަރުކޮށް، އެއްޗިހި ދަސްކޮށް ނަގައިގަންނަން އުނދަގޫވުމުގެ އިތުރުން ސިކުނޑިއަށް އަންނަ ބަދަލުތަކުގެ ސަބަބުން ނަފްސާނީ މައްސަލަތައް ކުރިމަތިވެ، ހަނދާން ބަލިވޭ

ޑްރަގު ނައްތާލުމަށް ކ. ދޫނިދޫގައި 28 ޑިސެމްބަރު 2021ގައި ބޭއްވި ހަރަކާތެއްގައި ފުލުހުން 314 ކިލޯގެ މަސްތުވާތަކެތި އަތުރާލަނީ (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

"ނަފްސާނީގޮތުން ވަރަށް ގިނަ ފަހަރަށް، މިހާރު މި އަންނަ ސްޓިމިއުލަންޓްސް އިން ފެންނަ ކަމެއް، އޭގެ ހައި ތެރޭގައި ސައިކޯޓިކް ވާތަން. ބުއްދި ފިލައިގެންދާ ހިސާބަށް ގޮސް، ވާނުވާ ނޭނގި، އެއްޗެހި އަޑުއިވި، އެއްޗެހި ފެނި، ހެދޭ ނުހެދޭއެއް ނޭނގޭ ހިސާބަށް އެބަ ދޭ،" ނަން ނުޖަހާ ގޮތަށް 'ދައުރު'އާ ވާހަކަ ދެއްކެވި ތަޖުރިބާކާރު ނަފްސާނީ ޑޮކްޓަރެއް ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ މާހިރެއްގެ ހައިސިއްޔަތުން ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވީ:

  • ރާއްޖޭގައި މެތު ބޭނުންކޮށްގެން ހޮސްޕިޓަލަށް ގެންދާ މީހުންގެ ފަރާތުން ވަރަށް ވަޔަލެންޓް އަދި އެގްރެސިވް އަމަލުތައް ފެނޭ

  • އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް އަނިޔާ ކޮށް ތަކެއްޗަށް ގެއްލުންދޭ ހިސާބަށް ދާ އިރު، ހޮސްޕިޓަލް ތެރޭގައި އެމީހުން ކޮންޓްރޯލް ކުރަން އުނދަގޫވޭ

މެތު ފަދަ ސްޓިމިއުލަންޓްސް ބޭނުންކުރުމުން ފެންނަނީ ނަފްސާނީ އަސަރުތައް އެކަންޏެއް ވެސް ނޫނެވެ. އެއިން ހަށިގަނޑަށް ދިގު މުއްދަތުގެ ޖިސްމާނީ އެތައް ގެއްލުންތަކެއް ވެސް ލިބެ އެވެ. އޭގެ ތެރޭގައި:

  • ކާހިތްނުވުމުގެ ސަބަބުން ހިކި އަނަރޫފަވުން

  • ހަންގަނޑު ހަލާކުވެ، ހަމުގެ މައްސަލަތައް ދިމާވުން

  • ލޭމައްޗަށް ދިޔުމާއި ހިތުގެ މައްސަލަތައް

  • ސިކުނޑިއަށް ގެއްލުންވުން

  • ދަތްތައް ހަލާކުވުން

"މެތަމްފެޓަމިން ބޭނުންކުރުމާ އެކީގައި ހިތަށް ލިބޭ ގެއްލުމާއި އެއާ ގުޅިގެން ކުއްލި މަރުތައް ގިނަވާ ކަމަކީ ވެސް ފާހަގަކޮށްލެވޭ ކަންބޮޑުވުމެއް،" ޑޮކްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން، މިފަދަ ޑްރަގަކަށް ދެވިހިފުމުގެ ސަބަބުން އާއިލާތަކަށާއި މުޖުތަމައުއަށް ވެސް ނޭދެވޭ ބޮޑު އަސަރެއް ކުރެ އެވެ. ޑޮކްޓަރު ފާހަގަކުރެއްވި ގޮތުގައި، މައިންބަފައިންނަށާއި އެމީހުންގެ އަނބިދަރިންނަށް އަދި ކައިރީގައި އުޅޭ އެހެން މީހުންނަށް ލިބޭ ގެއްލުންތަކާއި ކުޑަކުދިންނަށް އިހުމާލުވުމާއި އަނިޔާ ކުރުމުގެ މައްސަލަތައް ވެސް މެތަމްފެޓަމިން ފަދަ ޑްރަގްތަކާ ގުޅިގެން އިތުރުވެ އެވެ.

މެތަކީ އޭގެ ޒާތުގައި ވެސް ގެއްލުން ބޮޑު ޑްރަގް އެކެވެ. އަދި ބައެއް ހާލަތްތަކުގައި މެތު ބޭނުންކުރާ ގޮތުގެ ސަބަބުން ލިބޭ ގެއްލުން އެތައް ގުނައެއް ބޮޑުވެގެންދާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގައި ދެން ކަންބޮޑުވާ އަނެއް ކަމަކީ، މިކްސް ކޮށް ބޭނުންކުރާ ކުރުން. ވަރަށް ގިނަ ފަހަރަށް އޯޕިއޮއިޑްސް އާއި ހެރޮއިން ފާޑު އެއްޗިއްސާ ސްޓިމިއުލަންޓްސްއާ އެއްކުރީމަ ވާ ނުރައްކާ މާ ބޮޑު. ވަރަށް ގިނަ ފަހަރު އަޅުގަނޑުމެންނަށް ފެންނަ ކަމެއް އެއީ،" އޭނާ ވިދާޅުވި އެވެ.

"އެކައްޗަކީ މީހާ ލަސް ކޮށްލާ އެއްޗަކަށް ވެފައި އަނެކައްޗަކީ މީހާ ހައި ކުރާ އެއްޗަކަށް ވީމަ ވަރަށް ބޮޑެތި ޑޯޒޭޖްތައް އެއްބައި ފަހަރަށް ދޭތީގެ ވެސް ބޭނުންކުރެވޭ. އަދި ދޭތިން ވެސް ދެވިހިފާ ގޮތް މާ ބޮޑުވޭ. އެއިން މަސްތުވާ މިންވަރު ބޮޑުވެފައި އެއިން ލިބޭ ޖިސްމާނީ ގެއްލުން ވެސް މާ ބޮޑުވޭ."

އެކި ބާވަތުގެ މަސްތުވާތަކެތި: ތަފާތު ވައްތަރުގެ ޑްރަގް މިކްސް ކޮށްގެން ނުވަތަ އެއްކޮށް ބޭނުން ކުރުމުން އިތުރަށް ގެއްލުން ބޮޑުވޭ. (ފޮޓޯ/ކޮލަމްބިއާ ޔުނިވާސިޓީ)

އެހެން ބާވަތްތަކުގެ ޑްރަގްސްއާ އެކު ބޭނުން ކުރުމުގެ އިތުރުން، އަދީބު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި މެތު ބޭނުންކުރާ އާބާދީގެ ތެރޭގައި ހަށިގަނޑުގެ ތެރެއަށް މެތު ފޮނުވާލަން ކަށި ބޭނުންކުރާ މިންވަރު އިތުރުވުމަކީ ވެސް ކަންބޮޑުވުމެކެވެ.

"އެއީ ވެސް ވަރަށް ބިރުވެރި ކަމެއް. މިހާރު މެތު އިންޖެކްޓް ކުރުން މި އުޅެނީ މުޅިން އެހެން ހިސާބެއްގައި. ހެޕަޓައިޓިސް ބީ އާއި ހެޕަޓައިޓިސް ސީ ވެސް ރާއްޖޭގައި ފުދޭވަރަކަށް އަނެއްކާ އިތުރުވަނީ،" އޭނާ ވިދާޅުވި އެވެ.

މި ދެ ބައްޔަކީ ވެސް ނީޑްލް-ޝެއާރިންގެ ތެރެއިން ލޭގެ ޒަރީއާ އިން ފަސޭހަކަމާ އެކު ފެތުރޭ ދެ ބައްޔެވެ. ނީޑްލް-ޝެއާރިންއާ ބެހޭގޮތުން ހޭލުންތެރިކަން އިތުރު ނުކުރެވިއްޖެ ނަމަ މިފަދަ ބަލިތައް ފެތުރުން ހައްތަހާ އިތުރުވާނެ ކަމުގެ ކަންބޮޑުވުން އަދީބު ފާހަގަކުރެއްވި އެވެ.

ތައްޔާރެއް ނޫން، އެކަށީގެންވާ ފަރުވާއެއް ނެތް

ރާއްޖެ މަސްތުވާތަކެތީގެ އާ އަނދަވަޅަކަށް ވެއްޓެންދާ އިރު، އެކަން ހުއްޓުވުމަށް އަހަރެމެން މިތިބީ އަނެއްކާވެސް ނުކުޅެދިފަ އެވެ. ކަމާ ބެހޭ މައުލޫމާތާއި ހޭލުންތެރިކަން ނެތުމުގެ އިތުރުން، އެކަމުން އަރައިގަންނަން ބޭނުންވާ މީހުންނަށް ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ނިޒާމެއް ވެސް ނެތެވެ.

ރާއްޖޭގައި މިހާތަނަށް ޑްރަގް ފަރުވާ އާއި ރިހެބިލިޓޭޝަންގެ ގިނަ ޕްރޮގްރާމްތައް އަމާޒުކޮށްފައިވަނީ، ފަހަކާ ޖެހެންދެން ރާއްޖޭގައި އެންމެ އާންމުކޮށް ބޭނުންކުރަމުން އައި ހެރޮއިން ފަދަ އޯޕިއޮއިޑްސް އަށެވެ. 

"އަހަރެމެން ނެތް ފަރުވާގެ ތެރޭގައި ވިސްނާފައެއް ވެސް އަދި ސްޓިމިއުލަންޓްސްއާ ދޭތެރޭގައި. ފަރުވާ ތަފާތުވޭ އެބަ ޑިޕްރެސަންޓްސްއަށް ދޭ ފަރުވާ އާއި ސްޓިމިއުލަންޓްސްއަށް ދޭ ފަރުވާއާ. ފަރުވާގެ ގޮތުން ވެސް އަހަރެމެން ރެޑީއެއް ނޫން ސްޓިމިއުލަންޓްސްއަށް ދެވިހިފުމަށް ފަރުވާ ދޭކަށް،" އަދީބު ވިދާޅުވި އެވެ.

"[ސްޓިމިއުލަންޓްސްގެ ފަރުވާއަށް] މިސާލަކަށް މެތަޑޯން ގޮތަކަށް ބޭހެއް ވެސް ބޭނުމެއް ނުކުރާނެ. ފަރުވާގެ ނިޒާމުގައި ވެސް ތަފާތު، ފަރުވާ ކުރުމުގައި ވެސް ތަފާތުތަކެއް އަންނަ ކަމެއް ސްޓިމިއުލަންޓަށް ދެވިހިފުމަކީ،" ހާއްސަ އިސްކަމެއް ދީގެން ރާއްޖޭގައި ސްޓިމިއުލަންޓްސްއަށް ސިއްހީ ދާއިރާގެ ތެރެއިން ފަރުވާ ދެވޭނެ ޕްރޮގްރާމްތައް ތައާރަފު ކުރުން މުހިއްމުކަން ފާހަގަކުރައްވައި، މި ރިޕޯޓަށް ވާހަކަ ދެއްކެވި ޑޮކްޓަރު ވެސް ވިދާޅުވި އެވެ.

މެތަމްފެޓަމިން ފަދަ ޑްރަގްތަކަށް ދެވިހިފުމަށް ދެވޭނެ ފަރުވާއެއް ނެތް އިރު، ވަރުގަދަ ސްޓިމިއުލަންޓްސް ބޭނުންކޮށްގެން ކުރިމަތިވާ ނަފްސާނީ އަދި ޖިސްމާނީ އަލާމާތްތަކަށް އެކަށީގެންވާ ފަރުވާ ދެވޭނެ ކެޕޭސިޓީއެއް ވެސް ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ނެތުމަކީ އަދީބުގެ ބޮޑު ކަންބޮޑުވުމެކެވެ.

"ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ މިހާ ބޮޑު އިރު ވެސް، އައިޖީއެމްއެޗް ކަހަލަ ތަންތަނުގައި އިމަޖެންސީ ސާވިސްއަށް ނުކުންނަ މީހުންނަކީ ވެސް މި މައުލޫމާތު އެކަށީގެންވާ ވަރަށް އެނގޭ މީހުންނެއް ނޫން. މިކަމަށް ޓްރެއިނިން ލިބިފައިވާ މީހުނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ކުއްޖަކު ވަޔަލެންޓް ވީމަ ވެސް އެމީހުން ވެސް ބިރު ދޯ ގަންނާނީ؟ އެމީހުންނަށް އަންނާނީ ވަރަށް އެހެން ކަހަލަ ރިއެކްޝަނެއް ދޯ؟"

ނޭޝަނަލް ޑްރަގް އެޖެންސީ: ރާއްޖޭގެ ޑްރަގް ފަރުވާގެ ކަންކަން ހަވާލުކޮށްފައިވާ މައި މަރުކަޒު. (ފޮޓޯ/ޕީއެސްއެމް)
ސެންޓާ ފޯ މެންޓަލް ހެލްތުގެ ދަށުން އެނދުމަތިކޮށްގެން ފަރުވާދޭ މީހުންނަށް ހާއްސަކޮށްގެން ހުޅުވާފައިވާ ވޯޑު: އެކަށީގެންވާ ފަރުވާ ދެވޭ ވަރުގެ ކެޕޭސިޓީ ނެތްކަމުގެ ކަންބޮޑުވުން ބޮޑު. (ފޮޓޯ/އައިޖީއެމްއެޗް)

އަދީބު ގަބޫލުކުރައްވާ ގޮތުގައި، އެ ހާލަތުގައި ތިބޭ ބަލިމީހުންނާ މެދު އަމަލުކުރަންވީ ގޮތާއި، އެމީހުންގެ އަލާމާތްތައް އިތުރަށް ގޯސްނުވާނެ ގޮތަށް ކަންކަން ބައްޓަން ކޮށް، ރަނގަޅަށް ފަރުވާ ދިނުމަށްޓަކައި ރާއްޖޭގައި ވަރަށް ބޮޑު އިސްކަމެއް ދީގެން ކެޕޭސިޓީ-ބިލްޑިން ޕްރޮގްރާމްތަކާއި ޓްރެއިނިން ޕްރޮގްރާމްތައް ހިންގަން ޖެހެ އެވެ. އެކަމަށް މިހާރު ވެސް މާ ބޮޑަށް ލަސްވެއްޖެ އެވެ.

ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ވެސް ހަމަ އެފަދަ އެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން 'ވަރަށް ސަޅި ޕާޓީ ޑްރަގެއް'ގެ ގޮތުގައި ލޭބަލް ކޮށްގެން މެތު ފަދަ ސްޓިމިއުލަންޓްސް ވިއްކަމުންދާ އިރު، އެ ޑްރަގް ބޭނުންކުރާ ޒުވާނުންނާއި ފުރާވަރު އުމުރުގެ ކުދިންނަށް ގިނަ ފަހަރަށް އޭގެ ގެއްލުން ރަނގަޅަށް ވަޒަންނުކުރެވޭ ކަމުގެ ކަންބޮޑުވުން ޑޮކްޓަރު ވެސް ފާޅުކުރެއްވި އެވެ.

"މީހުންގެ ހޭލުންތެރިކަން ވަރަށް ކުޑަ. މީހުންނަށް ހީވަނީ ހެރޮއިން ކަހަލަ ޑްރަގެއް ނޫނިއްޔާ އެޑިކްޓިވްއެއް ނޫނޭ. ޕާޓީކޮށްލަން، މަޖާކޮށްލަން ބޭނުންކޮށްލަން ހަމަ އޯކޭ ވާނޭ. އެހާ ނުރައްކާތެރި އެއްޗެއް ކަމެއް ނޭނގޭ. އެއިން ލިބޭ ގެއްލުންތަކާއި ކުރާ އަސަރެއް އެހާ ބޮޑަކަށް ނޭނގޭ. މިއީ ބޮޑު ކަމެއްކަން މީހުންނަކަށް އެހާ ރަނގަޅަކަށް ނޭނގޭ، އިހުސާސެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

"އަސްލު މީހުން ހިތަށް އަރާހާ ނުރައްކާތެރިކަން ކުޑަ ސަބްސްޓެންސްއެއް ނޫން މިއީ. އޭގެ ވަރަށް ބޮޑެތި ގެއްލުންތައް ކުދިންނަށާއި އާއިލާއަށާއި މުޖުތަމައަށް ލިބޭ. ޖިސްމާނީ އަދި ނަފްސާނީގޮތުން ވެސް ވަރަށް ބޮޑަށް އަސަރު ކުރުވާ، ވަރަށް ނުރައްކާތެރި އެއްޗެއް މިއީ. އެ އާދަ ހިފައިފިއްޔާ އެއިން ފަސޭހައިން ދުރުނުވެވޭ އެއްޗެއް."

އެހެންކަމުން، މެތަކީ "އެހާ ގެއްލުން ކުޑަ،" "ޕާޓީ ކޮށްލަން ބޭނުންކުރާ އެއްޗެއް" ގޮތަށް ނުދެކުމަށް ޑޮކްޓަރު އެދިވަޑައިގެންނެވި އެވެ. އެފަދަ އެއްވެސް ޑްރަގެއް ބޭނުން ކުރަން ވިސްނާ ނަމަ އެ ޑްރަގަކާ ބެހޭ މައުލޫމާތު ހޯދައި ހޭލުންތެރިވެ، އެކަމާ ދުރުވުމަކީ އަމިއްލަ ރައްކާތެރިކަން ހޯދެން އޮތް ގޮތެވެ.

ކޮމެންޓް (14)

ފފފފފ

13 ފެބްރުއަރީ 2024
ރަނގަޅު ވާހަކައެއް. ޒިންމާދާރު މަގާމުތަކުގައިވެސް ތިބޭ މީހުން ހަމަ ވަރަށް ބޮޑަށް މިކަން ކުރޭ. ވަރަށް ފަހުންވެސް ޒިންމާދާރު މަގާމެއްގަ ހުރި މީހަކު ނިޔާވެއްޖެ. އެވެސް އެކަހަލަ މީހެއް. އެހެންވެ ސަޑަން ޑެތް އެހާ ގިނައީ
4 0

ނައު4

12 ފެބްރުއަރީ 2024
ރާއްޖޭގެ ލޯޔަރުންގެ އެންމެން ޓެެސްޓު ކޮއްފިނަމަ ބޮޑު ޕަސެންޓެއް ޕޮޒިޓިވްވާނެ. ހެއްކާ ގަރީނާ އާއެކު މިބުނަނީ.
7 0

ވާކުޑޭ

12 ފެބްރުއަރީ 2024
އެން. ޑީ. އޭ އަކީ ހުރިހާ ސަރުކާރެއްގަވެސް ފެއިލްވެފައި އޮތްތަނެއް. މަސްތުވާތަކެތީގެ ޖަދުވަލް މުރާޖާ ނުކުރާތާ 13 އަހަރު. އައު ބާވަތުގެ ޑްރަގްތައް ހިމަނަންޖެހޭ.
11 0

ހެޔޮޮއެދޭ މީހާ

12 ފެބްރުއަރީ 2024
މީ ސަޅި އިސްތިހާރެކޭ! ބައެއްފަހަރު ހީވަނީ މިކަމައް އަހުލުވެރިކޮށް ހޭލުންތެރި ކުރުމުގެ ޕޮރޮގްރާމް ތައް ސޯސަލް މީޑިޔާ ތަކުން ހިންގާހެން.
9 17

ހުސެން އަބްދުﷲ

12 ފެބްރުއަރީ 2024
ބާ ކައުންސިލާ ސިވިލް ކޯޓަށް މި އާޓިކަލް ފޮނުވާ
9 0

ސަނައްޓޭ

12 ފެބްރުއަރީ 2024
"އެފަދަ އެއްވެސް ޑްރަގެއް ބޭނުން ކުރަން ވިސްނާ ނަމަ އެ ޑްރަގަކާ ބެހޭ މައުލޫމާތު ހޯދައި ހޭލުންތެރިވެ، އެކަމާ ދުރުވުމަކީ އަމިއްލަ ރައްކާތެރިކަން ހޯދެން އޮތް ގޮތެވެ. ދައުރު ނޫހުން ޑްރަގް ބޭނުންކުރަން ހިތްވަރުދެނީ ދޯ ތި. އެއްވެސް ޑްރަގްއެއް ބޭނުންކުރަންޖެހޭތަ ސުވާލަކީ؟ ކިހިނެތްވެފަތަ ނޫސްވެރިންނަށްވެސް ތިބެނީ، ގައުމު ހަލާކުވަނީ މި ނޫސްވެރިންނާހެދި
20 15

ސޫކީ

12 ފެބްރުއަރީ 2024
@ސަނައްޓޭ އަދި އެއްފަހަރު ތިޔަ ލިޔެވުނު އެއްޗެއް ކިޔާލަބަލަ. ތީގަ އެބަ އޮތްތަ ހިތްވަރު ދީފަ. ތީގަ ތިއޮތީ ދުރުވާށެކޭ ނޫންތަ؟
18 1

ހުވާމިބުނި

12 ފެބްރުއަރީ 2024
ހަރާމް އެއްޗެކޭ ހިތައްއަރުވަން ދަސްކޮށްދިން ދުވަހަކުން ތިކަންހުއްޓޭނީ. ކޮންޕާޓީއެކޭ މަޖަލެކޭ އަރާމެކޭ ކިޔާކަށް. މިވެސް ބޮޑު އިޝްތިހާރެއް.
14 9

ކުކްސް

12 ފެބްރުއަރީ 2024
ޖިސްމާނީ ގޮތުން އަވަހަށް ހަލާކުވަންޏާ އެއީ ރަނގަޅުކަމެއް! އޭރުން އޮޓޯއިން މައްސަލަ ހައްލުވާނެ!
10 3

އަލީ

12 ފެބްރުއަރީ 2024
ހައްލަކީ އުމަރު
14 1

ޢުމަރު

12 ފެބްރުއަރީ 2024
ހައްލަކީ އުމަރު ނަސީރު
15 3

ޢާދަމް

12 ފެބްރުއަރީ 2024
ހައްލަކީ އިސްލާމީ ޝަރީޢަތް ތަންފީޒުކުރުން
24 4

ދަޅޭ

12 ފެބްރުއަރީ 2024
@ޢާދަމް އެއީ އުމަރު. އެކަންކުރާނީ އޭނާ..
5 1

އަލީ

12 ފެބްރުއަރީ 2024
@ދަޅޭ އެހެންވީމަ އޭ އޭނަ ނުހޮވަ އިތުރު މީހުންނަން ފުރުސަތު ދެނީ ، އުމަރު އައިއްސަ ތި ހުރިހާކަމެއް ކުރަން ފުރުސަތު ނުލިބޭނެތީ.. ދުއާ އަކީ ދެންފަހަރަކުން އުމަރު ވެރިކަމައް އައުން.
11 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް