ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ހަފްލާއެއްގައި އެ ކޮލެޖުގެ ބާނީ އަދި ޗެއާމަން ގާސިމް އިބްރާހިމް ވާހަކަަދައްކަވަނީ (ފޮޓޯ/ވިލާ ކޮލެޖް)

ވިލާ ކޮލެޖު

ވިލާ ކޮލެޖަށް 17 އަހަރު: އަބަދުވެސް އިސްކަން ދެނީ ފެންވަރު ރަނގަޅު މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދޭން: ގާސިމް

ވިލާ ކޮލެޖްގެ ޗެއާމަން އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވީ ދިވެހި އެތައް ހާސް ކުދިންނެއް އެ ކޮލެޖުން މަތީ ތައުލީމު ހާސިލްކޮށްފައިވާ ކަމަށް

ވިކާ ކޮލެޖުން އަބަދުވެސް އިސްކަން ދެނީ ދަރިވަރުންނަށް ފެންވަރު ރަނގަޅު މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމަށް ކަމަށް އެ ކޮލެޖުގެ ބާނީ އަދި ޗެއާމަން ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވިލާ ކޮލެޖަށް 17 އަހަރު ވުމުގެ މުނާސަބާގައި 'އެކްސް' މެދުވެރިކުރައްވައި އޭނާ ވިދާޅުވީ ވިލާ ކޮލެޖް އުފެއްދެވީ ދިވެހި ދަރިވަރުންނަށް، ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު އަދި ޒަމާނީ މަތީ ތައުލީމުގެ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކަމަށެވެ.

ވިލާ ކޮލެޖްގެ ސްޓޫޑެންޓް އެޗީވްމެންޓް އެވޯޑްސް ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ބުނީ ކީކޭ؟ - ގާސިމްގެ މެސެޖުގައި ވިލާ ކޮލެޖާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ކުރި އާއި މިހާރުގެ ދަރިވަރުންނަށް ހެޔޮ އެދުންތައް ފޮނުއްވި އެވެ. ފާއިތުވި 17 އަހަރުގެ ތެރޭގައި ވިލާ ކޮލެޖުން މަތީ ތައުލީމުގެ ފެންވަރު ރަނގަޅު އެތައް ފުރުސަތުތަކެއް ދިވެހި ދަރިވަރުންނަށް ފޯރުކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ދުނިޔޭގެ ނަން ހިނގާ ޔުނިވާސިޓީތައް ގަބޫލުކުރާ އެންމެ މަތީ މިންވަރަށް އަދި ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ އެންމެ މަތީ މިންގަނޑުތަކަށް ފެތިފައިވާ އޭ ލެވަލް އާއި ސެޓްފިކެޓް ލެވަލް ޕްރޮގްރާމްތަކާއި، ޑިޕްލޮމާ އާއި ބެޗްލާސް ޑިގްރީގެ އިތުރުން މާސްޓާސް ޑިގްރީގެ އެތަކެއް ހާސް ދަރިވަރުން ވަނީ މި ހިޔާވަހިކަމުގެ ދަށުން މަތީ ތައުލީމު ހާސިލްކޮށް އެ ދަރިވަރުންގެ ދިރިއުޅުން އުޖާލާކޮށްފަ އެވެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އިލްމު ފެތުރުމުގެ ތެރެއިން ދިވެހި ގައުމު ބިނާކުރުމާއި، ގައުމުގެ މާދަމާގެ މުސްތަގުބަލު އުޖާލާކުރުމުގައި ވިލާ ކޮލެޖާއި، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ވަނީ ފުރިހަމަ ދައުރެއް އަދާކޮށްފައި ކަމަށެވެ. އެކަމާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ގާސިމް ވަނީ ވިލާ ކޮލެޖް ހިންގެވުމުގައި ފުރަތަމަ ދުވަހުން ފެށިގެން އެ ކޮލެޖުގެ ރެކްޓަ ޑރ. އަހުމަދު އަންވަރު ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވައިފަ އެވެ. މީގެ އިތުރުން ވިލާ ކޮލެޖުގެ ވައިސް ރެކްޓަރުންނާއި ފެކަލްޓީތަކުގެ ޑީނުން އަދި ކޮލެޖުގެ އިދާރީ  މުވައްޒަފުންނާއި، ލެކްޗަރާއިންނާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ވެރިންގެ މަސައްކަތް ފާހަގަކުރައްވާ ތަހުނިޔާ ފޮނުއްވި އެވެ.

"އިއްޔެ އާއި މިއަދު ވެސް ވިލާ ކޮލެޖުން އަހްމިއްޔަތުކަން ދީފައި ވާނީ ދަރިވަރުންނަށް ފެންވަރު ރަނގަޅު މަތީ ތައުލީމުގެ ނަމޫނާ ފުރުސަތުތައް ފޯރުކޮށް ދިނުމަށެވެ. އަދި اللهގެ ތަނަވަސް ރަހުމަތާ އެކު މާދަމާ ވެސް ވިލާ ކޮލެޖް ދެމިއޮންނާނީ އެގޮތުގަ އެވެ،" ގާސިމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް