މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީންއާއެކު މުއިއްޒު

ޔާމީން ވިދާޅުވަނީ ރައީސް މުއިއްޒުގެ ފެކްޝަނަކާއި އަބްދުއްރަހީމްގެ ފެކްޝަނެއް އޮތް ކަމަށް

ޔާމީން ވިދާޅުވީ އަބްދުއްރަހީމް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވަނިކޮށް މަޖިލީހުން މައްސަލާގައި ގޮތެއް ނިންމަން ކޮމިޓީ ބާއްވައި ދެ ގޮތަކަށް ނިންމީ ރަައީސް މުއިއްޒުގެ ރޭވުމަކުން ކަމަށް
15 އޮކްޓޯބަރު 2024
2

ވެރިކަންކުރާ ޕީއެންސީ/ޕީޕީއެމްގެ އެތެރޭގައި ރައީސް މުހައްމަދު މުއިއްޒުގެ ފެކްޝަނަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ފެކްޝަނެއް އޮތް ކަމަށް ޕީޕީއެމުން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވައިފި އެވެ.

ވީކިހިނެއް؟ - މަޖިލީހުގެ ރައީސް އަބްދުއްރަހީމް ދިރިއުޅުއްވާ މުރައިދޫގެއަށް ނެގި މުވައްޒަފުންގެ އަދަދު ސިއްރުކުރުމަށް މަޖިލީހުގެ 241 ކޮމިޓީން އިއްޔެ ނިންމުމުން އެ ނިންމުން ބަދަލުކުރަން ރައީސް މުއިއްޒު އެންގެވި އެވެ. ރައީސް އެންގެވުމުން އަލުން ކޮމިޓީ ބައްދަލުވެ، އެ މައުލޫމާތުތައް ހާމަކުރުމަށް ކޮމިޓީން ފާސްކުރި އެވެ.

ކީކޭ ބުނީ؟ - ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ޔާމީން ވިދާޅުވީ އަބްދުއްރަހީމް ރަސްމީ ދަތުރުފުޅެއްގައި ޖެނީވާގައި އުޅުއްވަނިކޮށް މަޖިލީހުން އެ މައްސަލާގައި ގޮތެއް ނިންމަން ކޮމިޓީ ބާއްވައި ދެ ގޮތަކަށް ނިންމީ ރަައީސް މުއިއްޒުގެ ރޭވުމަކުން ކަމަށް ބެލެވޭ ކަމަށެވެ.

"އަބްދުއްރަހީމް ޖެނިވާއަށް ފުރީ. އައިޕީޔޫގެ ޖަލްސާއަކަށް. ހަމަ ފުރުވާލައި ބަހައްޓާފައި މި މައްސަލަ މަޖިލީހުން ބަލައި ދެ ގޮތަކަށް ނިންމީ. އެހެންވީމާ މިހާރު އެބަ އެނގޭ އަބްދުއްރަހީމާއި މުއިއްޒު މިއީ ދެ ފެކްޝަނެއް ކަން. ދެ ފެކްޝަނެއް އެބަ އުޅޭ ކަން،" ޔާމީން ވިދާޅުވި އެވެ.

ސަރުކާރުން ނިންމާ ނިންމުންތައް އަވަސް އަވަހަށް ބަދަލުކުރާތީ އެ ކަމަށް ވެސް ޔާމީން ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި އެވެ. ހާއްސަކޮށް ގައުމީ ސަލާމަތަށް ކަމަށް ބުނެ، ޑިފެންސް މިނިސްޓްރީ ފަދަ ތަނަކުން މައުލޫމާތެއް ސިއްރު ކުރަން ނިންމުމަށް ފަހު އެ ނިންމުން ބަދަލުކުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ޑިފެންސް މިނިސްޓްރީ ފަދަ ތަންތަނުން ނިންމުންތައް ނިންމަން ވާނީ ވަރަށް ސޮލިޑުކޮށް، ވަރަށް ވަރުގަދަކޮށް. މި ކަހަލަ ކަންކަން ކުރީމާ ޑިފެންސް މިނިސްޓްރީއަށް ރައްޔިތުންގެ އިތުބާރު މި ގެއްލެނީ. މާދަމާ ހަގީގަތަށް ވެސް ގައުމީ ސަލާމަތަށް މައުލޫމާތެއް ސިއްރު ކުރަން ޖެހުނީމާ ކިހިނެއްތޯ ރައްޔިތުން ގަބޫލު ކުރާނީ،" ޔާމީން ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - އަބްދުއްރަހީމް މުރައިދޫގެއަށް ބަދަލުވެޑައިގެންނެވީ އެ ގެ މަރާމާތުކުރުމަށް ފަހު 25 ޖުލައިގަ އެވެ.

މުރައިދޫގޭގެ ވެރިޔާ ނުވަތަ ޗީފް އޮފް ސްޓާފަކަށް ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ އާދަމް ހަލީމް) ވެސް މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ހަމަޖައްސާފައިވެ އެވެ. އަދި އެ ގޭގެ އިސް މަގާމަކަށް ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ޝަހުސިއްޔަތު އަލީ އަޝްފާގު ވެސް ވަނީ މިދިޔަ މަހު އައްޔަންކޮށްފަ އެވެ.

މަޖިލީހުގެ ރައީސް ހުންނަވަން ހާއްސަ ގެއެއް ދައުލަތުން ކަނޑައަޅާ ގޮތަށް ހަމަޖެއްސީ މަޖިލީހުގެ ރައީސްއަކަށް ހުންނަވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 9 މޭ 2021ގައި ދިން ބޮމުގެ ހަމަލާއަށް ފަހު އެވެ. 

ކޮމެންޓް (2)

profile-image-placeholder

ޑރ.މޮންރޯ މަސީހް އާރުއެމްޕީ

15 އޮކްޓޯބަރު 2024
ދިހަ ބާރަ ފެކްޝަން އޮތަކަސް ޔާމީނާ ކޮންބެހޭކަމެއް. ތިޔަހެން އަނގަ ތެޅުމުން ވެއްޓެނީ މީހާގެއަގު. މުސްކުޅިންބުނޭ ތިމާޔާ ނުބެހޭކަމެއްގާ ކާޅު ކއަސް ސޮއް ނުގޮވާށޭ. ރައްޔިތުންގެ 90އިންސައްތަ މީހުން ގަބޫލުކުރަނީ ޔާމިނަކީ ބޮގޮވާފާ ހުރިމީހެއްކަމަށް. ނަފްސާނީ ޑޮކްޓަރަކަށް ދައްކާ ފަރުވާ ހޯދަންޖެހޭކަމަށް.

ހަސީނު

15 އޮކްޓޯބަރު 2024
@ޑރ.މޮންރޯ މަސީހް އާރުއެމްޕީ ޔާމީނު ސަރުކާރުގަ ޔާމީނު ފެކްޟަނާ ޔާމީނު ފެކްޟަން ވެސްއޮތް

އިތުރު އާޓިކަލް

އިތުރު އާޓިކަލް