ރައީސް މުއިއްޒު މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ބައްދަލު ކުރެއްވުން (ފޮޓޯ/ރައީސް އޮފީސް)

މުރައިދޫގޭގެ ނިންމުން ބަދަލުކޮށް މުވައްޒަފުންގެ ތަފްސީލް ހާމަކުރަން ފާސްކޮށްފި

އެ ނިންމުން ނިންމީ ޖަލްސާގައި ބައިވެރިވި މެންބަރުންގެ ތެރެއިން އެއް މެންބަރަކު ފިޔަވާ ހުރިހާ މެންބަރުންގެ ވޯޓާ އެކު
14 އޮކްޓޯބަރު 2024

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދިރިއުޅުއްވާ މުރައިދޫގޭގައި އުޅޭ މުވައްޒަފުންގެ އަދަދާއި އެ މީހުންގެ މުސާރަ ހާމަކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ، 241 ކޮމެޓީން ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މުރައިދޫގޭގައި އުޅޭ މުވައްޒަފުންގެ އަދަދާއި އެ މީހުންގެ މުސާރަ ހާމަނުކުރަން 241 ކޮމެޓީން މިއަދު ނިންމި ނިންމުން ބަދަލުކުރަން ރައީސް މުހައްމަދު މުއިއްޒު އެންގެވުމުން މިއަދު ހަވީރު އިތުރު ކޮމެޓީ ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ.

އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުނުކޮށްގެންނެވެ. 

ތަފްސީލް - އެ ކޮމެޓީގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ހުށަހެޅުއްވީ މުރައިދޫ ގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަނަަވަރާއި އަދަދާއި އަދި އެކަމަށް ހޭދަވާ އަދަދު ހާމަކުރުމަށެވެ. އެގޮތުން: 

  • ފަލާހުގެ ހުށަހެޅުމަށް ކޮމެޓީގައި ބައިވެރިވި މެންބަރުންގެ ތެރެއިން އެއް މެންބަރަކު ފިޔަވާ އެހެން ހުރިހާ މެންބަރުންގެ ވޯޓު ދެއްވި

  • އެ މައްސަލައިގައި ކުރިން ނިންމި ނިންމުން ބާތިލްކުރަން ވެސް ވަނީ ފާސްކޮށްފައި

  • ފަލާހުގެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި މެންބަރަކީ ވެސް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ 

އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވަނީ މައްސަލައަށް ނިންމުމެއް ނިންމާފައިވަނިކޮށް އަލުން އެ މައްސަލަ ތާވަލްކޮށްގެން ނިންމުން ބަދަލު ނުކުރެވޭނެ ކަމަށް ވިދާޅުވެ އެ ވޯޓް ނެގުމާ ދެކޮޅު ހައްދަވައިފަ އެވެ. ނަމަވެސް ކޮމެޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް ވަނީ އެ ގޮތަށް ނިންމުން ނިންމޭނެ ކަމަށް ވިދާޅުވެފަ އެވެ.

ފާހަގަކޮށްލެވޭ - އަބްދުއްރަހީމް މުރައިދޫގެއަށް ބަދަލުވެޑައިގެންނެވީ އެ ގެ މަރާމާތުކުރުމަށް ފަހު 25 ޖުލައިގަ އެވެ.

މުރައިދޫގޭގެ ވެރިޔާ ނުވަތަ ޗީފް އޮފް ސްޓާފަކަށް ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ އާދަމް ހަލީމް) ވެސް މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ހަމަޖައްސާފައިވެ އެވެ. އަދި އެ ގޭގެ އިސް މަގާމަކަށް ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ޝަހުސިއްޔަތު އަލީ އަޝްފާގު ވެސް ވަނީ މިދިޔަ މަހު އައްޔަންކޮށްފަ އެވެ.

މަޖިލީހުގެ ރައީސް ހުންނަވަން ހާއްސަ ގެއެއް ދައުލަތުން ކަނޑައަޅާ ގޮތަށް ހަމަޖެއްސީ މަޖިލީހުގެ ރައީސްއަކަށް ހުންނަވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 9 މޭ 2021ގައި ދިން ބޮމުގެ ހަމަލާއަށް ފަހު އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް